މި އަހަރު 5ޖީ ނެޓްވޯކްތައް އާންމެއް ނުވާނެ
މި އަހަރު 5ޖީ ނެޓްވޯކްތައް އާންމެއް ނުވާނެ

އަހަރު މެދުޖެހެނީ އެވެ. މި އަހަރު ނިމޭއިރު ވެސް، އާންމުންނާ ހަމަ އަށް 5ޖީ ނެޓްވޯކް އަންނާނެ ކަމަށް ނުބެލެވެ އެވެ. ސަބަބުތައް ގިނަ އެވެ.

ގައުމުތަކުގައި 5ޖީ އެންޓަނާތައް ކޮޅަށް އެބަ ޖަހަ އެވެ. މިކަމާ ގުޅުން ހުރި އާލާތްތައް، މޮބައިލް އޮޕަރޭޓަރުން އަންނަނީ ބަދަލުކުރަމުންނެވެ. ސްމާޓްފޯން މާކެޓަށް 5ޖީ ފޯނުތައް ވެސް އެބަ ތައާރުފުކުރެ އެވެ. ނަމަވެސް، އާންމުންނަށް 5ޖީ ޚިދުމަތް ދެވޭ ފެންވަރަށް، މިއިން ދުވަހަކުވެސް، ނެޓްވޯކްތަކަށް ތައްޔާރުވެވޭނެ ކަމަކަށް ނުބެލެވެ އެވެ.

އާންމުންނާ ހަމަ އަށް 5ޖީ ނެޓްވޯކްތައް ނުގެނެވިގެން އުޅެނީ ކުރަން ހުރި މަސައްކަތްތައް ގިނަކަމުންނެވެ. އިންޓަނެޓް ޚިދުމަތް ފުރިހަމަ 5ޖީ އަށް ބަދަލުކުރުމަށް ބޭނުންވާ އާލާތްތައް ލިބެން ނެތުމަކީ ވެސް ގިރާކުރަން ޖެހޭ ހުރަހެކެވެ.

މޮބައިލް އިންޓަނެޓް ފޯރުކޮށްދިނުމަށް، 4ޖީ އަށް ފަހު، 5ޖީ އަންނަންޖެހޭ ކަމަށް އޮޕަރޭޓަރުންނަށް ގަބޫލުކުރެވުނު ނަމަވެސް، މަރުހަލާތައް ތާވަލުކުރެވިފައެެއް ނުވެ އެވެ. ވަކި ވަގުތެއް ޖެހޭއިރު، ވަކި ކަމެއް ނިމެންޖެހޭނެ ކަމަށް ބުނާނެ ބަޔަކު ނެތެވެ. ސްމާޓްފޯން މާކެޓަށް ޗައިނާ ވަދެގަނެ، 5ޖީ ރޭހުގައި ވާވޭ ހޯދި ކާމިޔާބަށް، އެމެރިކާ އަދި ޔޫރަޕުން ހަސަދަވެރިވުމުގެ ސަބަބުން މުޅި ނިޒާމު ބޮއްސުންލައިގެން ދިޔައީ އެވެ.

އެމެރިކާ އަދި ޔޫރަޕް ގައުމުތަކުން ދެކޭ ގޮތުގައި، ބާރުގަދަ ޓެކްނޮލޮޖީތައް އުފަންވާޖެހޭނީ އެ ގައުމުތަކުންނެވެ. އެހެން ބަޔަކު ކުރާ ކަމެއް ބަލައިގެނެ، ރުހެވޭހާ ފެންވަރެއް އެ ގައުމުތަކުގައެއް ނެތެވެ. މޮބައިލް ނެޓްވޯކްތައް 5ޖީ ފެންވަރަށް އުފުލައިނުލެވިގެން އުޅެނީ އެމެރިކާ އަދި ޔޫރަޕްގެ ސަބަބުންނެވެ. އެ މީހުންގެ ދަހިކަމުންނެވެ.