07 މެއި 2019 - 08:17

ހަށިގަނޑު ވަރުގަދަކުރަން ބައެއް މީހުން ބޭނުންކުރާ ޕްރޮޓީން ޝޭކް މާ ގިނައިން ބޯން ނުވާނެ ކަމަށާއި އޭގެ ސަބަބުން އާދަޔާހިލާފަށް ފަލަވުމުގެ ބިރު އެބަ އޮތް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ނޭޗަ މެޓަބޮލިޒަމް ޖާނަލްގައި ޝާއިއުކޮށްފައިވާ، އޮސްޓްރޭލިއާގެ ސިޑްނީ ޔުނިވަސިޓީގެ ޗާލްސް ޕާކިން ސެންޓަރުން ހެދި ދިރާސާގައި ބުނި ގޮތުގައި ކޮންޓްރޯލެއް ނެތް ގޮތަށް ޕްރޮޓީން ޝޭކް ބުއިމަކީ ހަށިގަނޑުގެ ބްރާންޗްޑް-ޗެއިން އެމިނޯ އެސިޑްސް (ބީސީއޭއޭ) ވެސް މާބޮޑަށް އިތުރުވާނެ ކަމެކެވެ.
މިކަމުގެ ސަބަބުން މީހާ އާދަޔާހިލާފަށް ފަލަވާން ފަށައި، ކުރިމަތިވާ ސިއްހީ މައްސަލަތަކާ އެކު އުމުރު ކުރުވުމުގެ ފުރުސަތު ވެސް ބޮޑުވެ އެވެ.
ޕްރޮޓީން ޝޭކަކީ ބޮޑީބިލްޑް ކުރާ މީހުން އާންމުކޮށް މަސްތައް ވަރުގަދަކުރަން ބޭނުން ކުރާ ބުއިމެކެވެ. ޕައުޑަރެއް ގޮތަށް ހުންނަ ޕްރޮޓީން ޝޭކަކީ ފެނުގައި ގިރާލައިގެން ބޯ އެއްޗެކެކެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ޕްރޮޓީން ޝޭކް މާ ގިނައިން ބޭނުން ކުރުމުން ދިމާވާ މައްސަލަތަކުގެ ތެރޭގައި ލޭގެ ބީސީއޭއޭ މަތިވެ، ނިދުމާއި އެހެން ކަންކަމަށް ވެސް ވެސް ބުރޫއަރައި މީހާގެ ސެރޯޓޯނިން (އުފާވެރިކަން އިހުސާސްކޮށްދޭ ކެމިކަލް) ދަށްވެ މޫޑް ވެސް ހަރާބުކޮށްލާނެ އެވެ.
ދިރާސާ ޓީމްގައި ހިމެނޭ ޑރ. ސަމަންތާ ސޮލޯން-ބިއޭ ވިދާޅުވި ގޮތުގައި ޕްރޮޓީނުން މުއްސަނދި އަދި ކާބޮހައިޓްރޭޓްސް ދަށް ޑައިޓްތަކުން، ދަރިމައިވުމުގެ މައްސަލަތަކަށް ހައްލުތައް ހޯދައި ދިން ނަމަވެސް އެފަދަ ޑައިޓްތަކަކީ އުމުރު ދެބައިވާ ފަހުން ސިއްހީ މައްސަލަތައް ކުރިމަތިވާނެ ޑައިޓްތަކެވެ.
"ހަށިގަނޑުގެ އެމިނޯ އެސިޑް ލެވެލް ބެލެންސް ކުރުމަކީ ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ. "އަދި އެ އެންމެ ރަނގަޅަށް ލިއްބައި ދެނީ ވެސް ޕްރޮޓީނުން ވެސް ކަމަށްވާތީ އެބަޖެހޭ ޕްރޮޓީން ލިއްބައިދޭ [ޕްރޮޓީން ޝޭކް ފިޔަވައި] އެ ނޫން ބާވަތްތަކަށް ސަމާލުކަން ދޭން ވެސް."