06 މެއި 2019 - 14:23

މެކްސިކޯ ސިޓީ (މެއި 6) – މެކްސިކޯގެ ދެ ވަނަ ޑިވިޝަނުގެ ފައިނަލް މެޗުން، އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ކޯޗުކޮށްދޭ ޑޮރަޑޮސް ޑި ސިނަލޯ ބަލިވުމުން އޭނާ އަށް ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ ކަމަށް ބުނެފި އެވެ.

އެތުލެޓިކޯ ސެން ލުއިސްއާ ދެކޮޅަށް ފައިނަލުގެ ފުރަތަމަ ލެގުގައި ޑޮރަޑޮސް ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ދެ ވަނަ ލެގުގައި ރޭ 1-0 އިން ޑޮރަޑޮސް ބަލިވުމުން އެ ޓީމަށް ހަމައެކަނި ގެއްލުނީ މުބާރާތުގެ ތަށި އެކަންޏެއް ނޫނެވެ. އަންނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވުމަށް ކުރި މަސައްކަތް ވެސް ފެނަށް ދިޔައީ އެވެ. އަނެއްކޮޅުން ކޯޗެއްގެ ގޮތުގައި މަރަޑޯނާ އަށް ފުރަތަމަ ފަހަރަށް ތަށްޓެއް އުފުލާލުމަށް ކުރި އުއްމީދު ވެސް ހާސިލްނުވީ އެވެ.
"ދައްކާނެ ވާހަކައެއް ބުނާނެ ބަހެއް ނެތް. މި ހިތާމައިގައި އަހަރެން ކިރިޔާ މަރުނުވެ މިހުރީ. އަހަރެންގެ އެންމެ ބޮޑު ހިތާމަ އަކީ މި ކުޅުންތެރިން ކުރި މަސައްކަތަށް ހައްގު މިންވަރު ނުލިބުން،" މެޗަށް ފަހު މަރަޑޯނާ ބުންޏެވެ.
ރޭގެ މެޗުން ޑޮރަޑޮސް އަށް މޮޅެއް ނުލިބުނުއިރު، އެ ޓީމަށް ކުރިމަތިވި ނާކާމިޔާބީއާ އެކު ބަލިނުވެ ދަމަހައްޓަމުން އައި 14 މެޗުގެ ރެކޯޑަށް ވެސް ނިމުމެއް އައީ އެވެ. ރޭގެ މެޗު ބަލަން ދަނޑަށް ވަން އެތުލެޓިކޯ ސެން ލުއިސްގެ ސަޕޯޓަރުން ވަނީ މަރަޑޯނާ އަށް މަލާމާތްކުރުމުގެ ގޮތުން އަޑުއުފުލައިފަ އެވެ.
އުމުރުން 58 އަހަރުގެ މަރަޑޯނާ ބުނީ އޭނާ އަކީ ފުޓްބޯޅަ ކުޅުނުއިރު ވެސް އަދި ރިޓަޔަކުރި ފަހުން ވެސް ސަޕޯޓަރުންގެ ހަރަކާތްތަކަށް މާ ބޮޑު ސަމާލުކަމެއްދޭ މީހެއް ނޫން ކަމަށެވެ.
"އަމިއްލަ ކޮންޓްރޯލްގައި ނެތް ކަންތައްތަކާ ވިސްނަން ބޭނުމެއް ނޫން،" މަރަޑޯނާ ބުންޏެވެ.
މަޝްހޫރު ފުޓްބޯޅަ ކޯޗު ޕެޕް ގާޑިއޯލާ ކުޅުންތެރިޔެއްގެ ގޮތުގައި އެންމެ ފަހުން ފެނުނު ކްލަބް ކަމަށްވާ ޑޮރަޑޮސްއާ މަރަޑޯނާ ހަވާލުވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެެ. މަރަޑޯނާ ހަވާލުވިއިރު އެ ޓީމު އޮތީ 15 ޓީމު ވާދަކުރާ މި ލީގުގެ 13 ވަނައިގަ އެވެ. އޭނާ ވަނީ އެ ޓީމަށް ގިނަ ކުރިއެރުންތަކެއް ހޯދައިދީފަ އެވެ.
މިދިޔަ މަހު މަރަޑޯނާ ވަނީ މި ސީޒަނަށް ފަހު އޭނާ ޑޮރަޑޮސް ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ. އެއީ ބައެއް ރެފްރީން އޭނާއާ ޒާތީ ގޮތުން ބައެއް ނިންމުންތައް އެ ޓީމާ ދެކޮޅަށް ނިންމާ ކަމަށް ތުހުމަތުކުރުމަށް ފަހު އެވެ. އާޖެންޓީނާގެ ގައުމީ ޓީމަށް ކުރިން ކޯޗުކޮށްދިން މަރަޑޯނާ ބުނީ ޑޮރަޑޮސްގައި ހުރުމާ މެދު ވަކި ގޮތެއް ނިންމާނީ އެ ކްލަބްގެ މެނޭޖްމަންޓާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.