07 މެއި 2019 - 08:19

ބޮލީވުޑްގެ އޭ-ލިސްޓް ތަރިންގެ ފިލްމުތަކެއް އެއް ދުވަހެއްގައި ރިލީޒް ކުރުމަކީ ހަނގުރާމައަކަށް ނުކުތުން ކަހަލަ ކަމެކެވެ. އަންނަ އަހަރަކީ މިފަދަ ބޮޑެތި ހަނގުރާތަމެއް ބޮކްސް އޮފީހުން ފެންނާނެ އަހަރެކެވެ.
އޭގެ ތެރޭގައި ސަލްމާން ހާނާއި އަކްޝޭ ކުމާރު ހިމެނެ އެވެ. ސަލްމާންގެ "އިންޝާﷲ" އާއި އަކްޝޭގެ "ސޫރިޔާވަންޝީ" އަކީ އަންނަ އަހަރުގެ ފިތުރު އީދު ދުވަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ ބޮޑު ދެ ފިލްމެވެ.
މި ކަހަލަ ކުރިމަތިލުމަކަށް އަންނަ އަހަރު ދެން ނުކުންނާނީ އާމިރު ހާނާއި ރިތިކް ރޯޝަނެވެ. އާމިރުގެ ކުރިއަށް އޮތް ފިލްމު "ލާލު ސިންގާ ޗައްޑާ" އަންނަ އަހަރުގެ ކްރިސްމަސް އަށް މި ހަފުތާގައި ތާވަލު ކުރި އިރު، ރިތިކްގެ ސުޕަހީރޯ ފްރެންޗައިޒް "ކްރިޝް" ގެ 4 ވަނަ ބައި ވެސް ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ކްރިސްމަސްގަ އެވެ.
އެކަން އެ ފިލްމުގެ ޑައިރެކްޓަރު އަދި ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ކުރި ޓްވީޓެއްގައި ވަނީ ކަށަވަރު ވެސް ކޮށް ދީފަ އެވެ.
އެ ފިލްމު އަންނަ އަހަރު ގެނެސް ދޭން ނިންމި ނަމަވެސް، ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަކަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން "ކްރިޝް 4" ގެ ބަތަލާގެ ރޯލުން މި ފަހަރު ފެންނާނީ ކްރިތީ ސެނަން އެވެ.
ނަމަވެސް 2017 ގައި ރާކޭޝް ބުނި ގޮތުގައި ފިލްމުގެ ރޯލަކުން މި ފަހަރު ވެސް ޕްރިޔަންކާ ފެންނާނެ އެވެ.
"ކްރިޝް 3" 2013 ގައި ރިލީޒް ކުރި އިރު، އެ ފިލްމުގެ ދެ ބަތަލާއަކު ހިމެނުނެވެ. އެއީ ޕްރިޔަންކާ އާއި ކަންގަނާ ރަނާވަތެވެ. ރިތިކް ދެން އެންމެ އަވަހަށް ސްކްރީނުން ފެންނަނީ އަންނަ ޖުލައި 26 ގައި ރިލީޒް ކުރާ "ސުޕަ 30" އިންނެވެ. އަދި މި އަހަރުގެ އޭނާގެ އިތުރު ފިލްމެއް ވެސް ސިނަމާތަކަށް އަންނާނެ އެވެ.
ޓޮމް ހޭންކްސް 1994 ގައި ކުޅުނު ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ އާމިރުގެ "ލާލު ސިންގް ޗައްޑާ" ގެ ޝޫޓިން މި އަހަރުގެ އޮކްޓޯބަރުގައި ފަށަން ވަނީ ނިންމައިފަ އެވެ. އެ ފިލްމުގެ ޑައިރެކްޓަރަކީ އަދުވައިތު ޗަންދަނެވެ.