ސިޓީ މެޗަކީ ލެސްޓާ އަށް ޗުއްޓީ ދަތުރެއް ނޫން: ގާޑިއޯލާ
ސިޓީ މެޗަކީ ލެސްޓާ އަށް ޗުއްޓީ ދަތުރެއް ނޫން: ގާޑިއޯލާ

މެންޗެސްޓާ (މެއި 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ލެސްޓާ ސިޓީން ކުޅެން އަންނަ ދަތުރަކީ ޗުއްޓީއެއް ނޫން ކަމަށާއި މި މެޗު ވަރަށް އުނދަގޫވާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ލީގުގެ އެއް ވަނަ އަށް އަރަން ސިޓީ އަށް ލެސްޓާ އަތުން މޮޅެއް ހޯދަން މަޖުބޫރެވެ. ހޮނިހިރު ދުވަހުގެރޭ ނިއުކާސަލް ޔުނައިޓެޑްގެ އަތުން ލިވަޕޫލް ހޯދި މޮޅާ އެކު ވަނީ 94 ޕޮއިންޓް ހަމަކޮށް ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ލެސްޓާ އަތުން ސިޓީ މޮޅުވެގެން އެއް ވަނަ ލިބުނު ނަމަވެސް އެ ޓީމަށް ޗެމްޕިއަންކަން ކަށަވަރުކުރެވޭނީ އާދިއްތަ ދުވަހުގެރޭ ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ސިޓީ މި ވަގުތު ދެ ވަނައިގައި އޮތީ 92 ޕޮއިންޓާ އެކު އެވެ.

ލެސްޓާގެ ކޯޗުކަމާ ލިވަޕޫލްގެ ކުރީގެ ކޯޗު ބްރެންޑަން ރޮޖާސް ހަވާލުވި ފަހުން އެ ޓީމުން ވަރަށް ރަނގަޅުކޮށްފައިވާ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. ލީގުގެ ހަތް ވަނައިގައި ނިންމައި އަންނަ ސީޒަނުގައި ޔޫރޮޕާ ލީގު ކުޅުމުގެ ފުރުސަތު ހޯދުމަށް ލެސްޓާ އަށް ކުރިއަށް އޮތް ދެ މެޗުން މޮޅުވުން މަޖުބޫރެވެ. މި ވަގުތު ލެސްޓާ އޮތީ ނުވަ ވަނައިގަ އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުނީ ލެސްޓާ އިން މި މެޗަށް ނުކުންނާނީ ވަރަށް ފުރިހަމަ ޕްލޭނަކާ އެކު ކަމަށެވެ.

"ރޮޖާސް ލެސްޓާއާ ހަވާލުވިފަހުން އަހަރެން ތިން މެޗެއް ވަރު ބެލިން. ނަތީޖާ ނެރުމުގެ އިތުރުން ލެސްޓާ އިން ވަރަށް ރަނގަޅަށް ކުޅޭ. ޔަގީނުން ވެސް މި މެޗަކީ ލެސްޓާ އަށް ޗުއްޓީ ދަތުރެއް ނޫން. އެ ޓީމުން ވަރަށް މޮޅަށް ކުޅޭނެ ކަމަށް އަހަރެން ގަބޫލުކުރަނީ،" ގާޑިއޯލާ ބުންޏެވެ.

ރޮޖާސްގެ އިރުޝާދުގެ ދަށުން އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔަކީ ލެސްޓާގެ އިނގިރޭސި ފޯވާޑް ޖޭމީ ވާޑީ އެވެ. ގާޑިއޯލާ ބުނީ ވާޑީއާ މެދު އޭނާގެ ޓީމުން ސަމާލުވާން ޖެހޭނެ ކަމަށާއި މި ވަގުތު އޭނާ ހުރީ ތަފާތު ފޯމެއްގައި ކަމަށެވެ.

މީގެ ފަސް އަހަރު ކުރިން ލިވަޕޫލް ގޮވައިގެން ރޮޖާސް ލީގު ހޯދަން ކުރި މަސައްކަތްތައް ނާކާމިޔާބުވީ ފަހު މެޗުތަކުގެ ނަތީޖާ ގޯސްވުމުންނެވެ. ރޮޖާސްގެ ކުރީގެ ޓީމު ލިވަޕޫލަށް ލީގު ލިބުމުގެ ފުރުސަތު އޮތީ ސިޓީ އަތުން ޕޮއިންޓް ގެއްލިގެންނެވެ. ރޮޖާސް ބުނީ ލެސްޓާ އިން ކުޅޭނީ ހަމައެކަނި އެ ޓީމުގެ ފައިދާ އަށް ކަމަށެވެ.

"ލީގުގެ ޗެމްޕިއަންކަމަށް ވަރަށް ޝައުގުވެރި ރޭހެއް ކުރިއަށްދަނީ. ލެސްޓާ އިން އޮތީ އަމިއްލަ މަސައްކަތެއް. ވަކި ޓީމެއްގެ ފައިދާއަކަށްއް ނޫން. ބޭނުންވަނީ މި ފަހަރުގެ ރޭހުގައި ލެސްޓާގެ ޝާމިލުވުމެއް ވެސް އޮތުން. މި ކަހަލަ މެޗުތައް ވަރަށް ހާއްސަވާނެ،" ރޮޖާސް ބުންޏެވެ.

ފަހުގެ ފުޓްބޯޅައިގައި އެންމެ ބިނާކުރަނިވި ބަދަލުތައް ގެނައި އެއް ކޯޗަކީ ގާޑިއޯލާ ކަމަށާއި އޭނާގެ ސިސްޓަމަށް ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށް ރޮޖާސް ވަނީ ބުނެފަ އެވެ. ސިޓީގެ ދަނޑުގައި ލެސްޓާއާ ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 00:00 ގަ އެވެ.