06 މެއި 2019 - 08:28

ދުނިޔޭގައި ރާއްޖެ އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އާ އެކު ސިންގަޕޫރު އެއާލައިނުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ. އަދި ސިންގަޕޫރު އެއާލައިނުގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ ވައިސް ޕްރެޒިޑެންޓް، ސޭލްސް އެންޑް މާކެޓިން ކޭމްޕްބެލް ވިލްސަނެވެ.
މި އެއްބަސްވުމުގެ ދަށުން ދުނިޔޭގެ ހަ މަންޒިލެއްގައި ރާއްޖެ އިޝްތިހާރު ކޮށްދިނުމުގައި ސިންގަޕޫރު އެއާލައިނުން އެހީތެރިވެދޭނެ އެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމްގެ 30 ޕަސެންޓް ހިއްސާވާ ގައުމުތައް އިޝްތިހާރު ކުރުމުގައި އެއެއާލައިނުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ސިންގަޕޫރު އެއާލައިނު ވުޖޫދުވިތާ 46 އަހަރުވެފައިވާ އިރު އެއެއާލައިނުން މިހާރު ވެސް 64 މަންޒިލަކަށް ދަތުރު ކުރެ އެވެ. އެ އެއާލައިނުގެ ދަތުރުތައް ރާއްޖެ އަށް ކުރާތާ 37 އަހަރު ވެއްޖެ އެވެ.