06 މެއި 2019 - 08:27

ފަތިހުގެ ފިނިވަގުތު އަރާމު ނިދި ނަގާލާފައި ތެދުވަން ޖެހޭ ފުރަތަމަ މީހަކީ އަހަންނެވެ. ގޭގެ އެހެން މީހުން ހޭލަންވާއިރަށް ތައްޔާރުކުރަންޖެހޭ ކަންކަން ކުރުމަށެވެ. ބަދިގެއަށް ވަންއިރު ފަތިހު ފަހެއް ވެސް ނުޖަހައެވެ. ހެނދުނުގެ ދަންފަޅިއަށް ސްކޫލަށްދާ ދެ ކުދިންގެ ލަންޗު ބޮކްސް އާއި ނާސްތާ ތައްޔާރުކުރުމެވެ. ނިދުމުގެ ކުރިން މެޑަމް ދީފައި އޮތް ލިސްޓް ބަލައިލީމެވެ. ދެން ބަލައިލީ ވަތްގަނޑުގައި ފައިސާ ހުރިތޯ އެވެ.
މަގުމައްޗަށް ނިކުތްއިރު ހަމަހިމޭންކަމުން މިއީ މާލެއޭ ބުނާވަރެއް ނޫނެވެ. އަރާމު ތަންމަތިތަކުން އަހަރެމެންކަހަލަ މަދު މީހަކު މެ ނޫނީ އަދި ހޭލިކަމެއް ނޭނގެ އެވެ. ބައެއް ހޮޓާތައް ހުޅުވާފައި ހުރެއެވެ. އެތަންތަނުގައި ހެދިކާ ގަންނަން ކިއު ހަދަން ފަށާ ވަގުތަކީ މިއެވެ. ގޭގައި އެއްޗެއް ތައްޔާރުކޮށްލާފައި ފޮނުވަނީ މަދު މީހެކެވެ. އެހެން ނޫން ނަމަ ހޮޓާތަކުގައި ދިގު ކިއޫއެއް ނޯންނާނެ އެވެ.
އަހަރެންގެ ނަމަކީ ހުސްނާއެވެ. އުފަންވީ އަވަށްޓެރި ގައުމެއް ކަމަށްވާ އިންޑިޔާއަށެވެ. އުމުރަކީ 52 އަހަރެވެ. މި އުމުރުގައި ގައުމު ދޫކޮށް އަހަރެން އައީ ދަރިންނަށްޓަކަ އެވެ. އަހަރެންގެ ދަރިން ތިބީ އެކަނި އުޅެވޭވަރަށް ބޮޑުވެފަ އެވެ. އެކަމަކު އެ ކުދިން އަދިވެސް ކިޔަވަނީ އެވެ. އެންމެ ދޮށީމީހާ ކޮލެޖުގެ ފަހު އަހަރެވެ. ދެވަނަ އަދި ތިން ވަނަ މީހާ ވެސް އަދި ކިޔަވަނީ އެވެ. މަހެއްގެ މައްޗަށް ޚަރަދުގެ ގޮތުގައި ބޮޑު އެއްޗެއް ދެއެވެ. ކުރިން އަހަރެން ކުރީ ކުނާ ވިއުމުގެ މަސައްކަތެވެ. އާމްދަނީ ދަށްކަމުން ދަރަނިވެރިވާތީ އެންމެފަހުން މި ގައުމަށް އައީ އެވެ. މިހާރުގެ މަސައްކަތަކީ ގެއެއްގެ ޚާދިމުކަމެވެ.
ޒުވާން އުމުރުގައި އަހަރެން ކައިވެނި ކުރީ އާއިލާއިން ރުހުން ދިން މީހަކަށެވެ. ކައިވެނީގެ ކުރީކޮޅު ތިން ކުދިން ލިބުނެވެ. އޭގެފަހުން ދުވަސްކޮޅެއްގެ ތެރޭ ފިރިމީހާ އަހަރެން ދޫކޮށްފައި ދިޔައީ އެވެ. އެއީ އޭގެކުރިން ވެސް ބަނގުރަލާއި ސިނގިރޭޓްގެ ވަބާގައި ތާށިވެފައި ހުރި މީހެކެވެ. އަނބިދަރިންގެ ޒިންމާ އަކީ ކޮން އެއްޗެއްކަން ނުދަންނަ މީހެކެވެ. އަހަރެންގެ އާއިލާ އަށް އޭނާ ރަނގަޅުވީ ކިހިނެއް ކަމެއް ނޭނގެ އެވެ.
އަހަރެމެންގެ ކައިވެނި ރޫޅުމުން ކުދިން ދެރަވާނެކަން އެނގެ އެވެ. އެކަމަކު އަހަރެން މިނިވަންވީ އަނިޔާވެރިއެއްގެ އަތްދަށުންނެވެ. އޭރު އަހަންނަށް ލިބުނު ޖިސްމާނީ އަނިޔާތަކުގެ ނިޝާން ހަށިގަނޑުގައި ފެންނަން އެބަހުއްޓެވެ. މޫނުމަތީ އިން ބޮޑު ލަކުނަކީ ވެސް އޭގެ ނިޝާނެކެވެ.
ހޮޓަލަށް ދެވުނުއިރު މީހުން މަދެވެ. މިއަދު ކިއުގެ ތަންކޮޅެއް ކުރިން ޖާގަ ލިބުނެވެ. އެކަމަކު ގަޑިޖެހިގެން ލަސްވީއިރު ވެސް ހޮޓާ ހުޅުވަން މީހަކު ނައެވެ. އެހެން ތަނަކަށް ދާންވީއޭ ހިތަށް އެރިއެވެ. މިއީ ކޮންމެ ދުވަހަކު ވެސް ހެދިކާ ގަންނަ ތަނެވެ. މިތަނުން ނޫނީ އެ ކުދިންނަށް ކަމަކު ނުދެއެވެ. ހެދިކާއަށްވުރެ ބޮޑަށް އެ ކުދިންނަށް ކަމުދަނީ ޒަމާނީ ވައްތަރުތަކެވެ. ސޮސެޖްރޯލާއި ކުދި ޕިއްޒާ އެވެ. ބައެއްފަހަރު ބާގާ ވެސް ގެންދަމެވެ.
ހޮޓާ ހުޅުވީ ހައެއްޖެހިތަނާ އެވެ. ލިސްޓުގައި ހުރި އެއްޗެހި ގަނެގެން ގެއަށް ދެވުނުއިރު 6:15 އެވެ. ހިނގަންޖެހޭ މަގު ދިގުކަމާއި އަހަންނަކީ ދުއްވާ އެއްޗެއްގައި އުޅޭ މީހަކަށް ނުވާތީ އެވެ. އަހަރެން ދިޔައިރު މެޑަމް ހުރީ ލަސްވެފަ އެވެ. ކުދިންގެ ޔުނީފޯމް ހުރީ އިސްތިރިނުކޮށެވެ. ރޭގަނޑު އެ އެއްޗެހި ނެރެދޭ ނަމަ އަހަރެން ނިދާނީ އެ މަސައްކަތް ކޮށްފަ އެވެ. ލަސްވިއަސް އަހަރެން ކުރާނީ ކީއް ހެއްޔެވެ؟ އޭނާގެ ބަހުރުވައިން ކިޔާ މަދު އެއްޗެއް ފިޔަވާ އަހަންނަށް ފަހުމެއް ނުވެ އެވެ. އެކަމަކު އަހަރެން ދެކެ ރުޅި އައިސްފައިކަން އެނގެއެވެ. ޔުނީފޯމްތައް އިސްތިރިކޮށް ނިމިގެން އަހަރެން ބޫޓްތައް ޕޮލިޝްކޮށްދިނީމެވެ. ކުދިންގެ އިންޓަވަލް ތައްޔާރުކޮށްދިނީމެވެ. އެވަރުގެ ކުޑަ މަސައްކަތެއް ވެސް އެ މީހުން އަތަކުން ނުކުރާނެ އެވެ.
އަހަންނަށް ނޭވާ ލެވޭނީ އެ މީހުން ނިކުމެގެން ދިޔައިމަ އެވެ. ކުދިން ސްކޫލަށް ފޮނުވާފައި ދެން އޮންނާނީ މެޑަމް އާއި ފިރިމީހާ އޮފީހަށް ދިއުމެވެ. އެ މީހުންނަށް ސައި ތައްޔާރުކޮށް ނިމޭއިރު އަހަރެން ހުންނަނީ ބަނޑުހައިވެ ހާންތި ވެފަ އެވެ. ކާއެއްޗެއް އެތެރެކޮށްލެވޭނީ އެ މީހުން ދިޔައިމަ އެވެ.
ކުދިން ސްކޫލުން އައުމާ ދެމެދަށް ވަގުތު ކޮޅެއް ލިބެ އެވެ. އެކަމަކު އެ ވަގުތު ވެސް އަހަރެން ކުރާ މަސައްކަތް މަދެއް ނުވާނެ އެވެ. އަހަންނަކީ މަސައްކަތަށް ލަސް މީހެކޭ މެޑަމް އަބަދުވެސް ބުނެއެވެ. އެކަމަކު މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމެއްގެ ވާހަކަ އޮޅުމަކުން ވެސް ނުބުނެ އެވެ. މަސައްކަތުގެ ތަރުތީބުކަމާއި ސާފުތާހިރުކަން އެ މީހުންގެ ލޮލަކަށް ނުފެނެއެވެ.
ބާޒާރަށް ގޮސް ތަރުކާރީ އާއި މަސްގަނެގެން އައިއިރު ދިހައެއް ޖަހަނީ އެވެ. އަވިގަދަކަމުން ހީވަނީ އަނބުރައިގަނެފާނެހެންނެވެ. ކުދިން ސްކޫލު ނިމިގެން އަންނަންވާއިރަށް ރަނގަޅު އެއްޗެއް ތައްޔާރުކުރަން ޖެހެ އެވެ. ބަދިގެގަނޑު ކުޑަކަމުންނާއި ޖާގައިގެ ދަތިކަމުން އަދި އިތުރަށް ހޫނުގަދަ އެވެ. ދޮންނަން މެޝިނަށް އެޅި އެއްޗެހި ހުރީ ނިމުނު ގޮތަށެވެ. ފުރަތަމަ ކުރަންވީ ކޮން މަސައްކަތެއްކަން ނޭނގިފައި ހުއްޓާ އިވުނީ ފޯނު ރަނގަބީލްވި އަޑެވެ. މެޑަމް ގުޅާފައި ބުނީ ސްކޫލުގައި އިނދެފައި ބަލިވެގެން ތާމީ ގެއަށް ގެންނަ ވާހަކަ އެވެ. ސޫޕްއެއް ތައްޔާރުކޮށްދިނުމަށް އެދުނެވެ.
ގެއަށް ތާމީ ގެނެސް ހަސަން އަނެއްކާ ވެސް ދިޔައީ އޮފީހަށެވެ. ސޫޕް ތައްޔާރުކޮށްފައި ދޭން ދިއުމުން އެ ކުއްޖާ އަހަރެންގެ އަތުން ބޯން އެއްބަހެއް ނުވި އެވެ. ބަލިވީމާ ކޮންމެ ކުއްޖަކު ވެސް މައިންބަފައިން ބޭނުންވާނެ އެވެ. އެހެން ނޫން ނަމަ އެ ކުދިންނަށް އަހަރެން ކޮށްދޭ ހުރިހާ ކަމެއްގައި ޝަކުވާއެއް ނެތެވެ. ވަރަށް އާދޭސްކޮށްގެން ކުޑަ އެތިކޮޅެއް ބޯލިތަނާ އެ ވެސް އައީ ހޮޑަށެވެ. މެންދަރުފަހު އޮފީހުގައި އިނދެފައި މެޑަމް ގުޅައި ތާމީ އެއްޗެއް ކެއިތޯ ސުވާލުކުރި އެވެ. އެއްވެސް އެއްޗެއް ނުދެވޭ ވާހަކަ ބުނުމާ އެކު ޝަކުވާކުރި އެވެ. އަހަރެން ވަކި ކުރާނީ ކީއް ހެއްޔެވެ؟ އެ ކުދިންނާ މެދު އަހަރެން ހިލޭގޮތެއް ބަހައްޓަނީކީ ނޫނެވެ.
އަހަންނަކީ ތިން ކުދިން ބަލައިބޮޑުކުރި މައެކެވެ. ކުދިން ބަލިވުމުން އަޅާލާނެގޮތް އަހަންނަށް ކިޔައިދޭކަށް ނުޖެހޭނެ އެވެ. އެ މީހުން އޮފީހުން އައިއިރު ތާމީ އޮތީ ނިދައިފަ އެވެ. އަހަރެން އުޅުނީ ބަދިގޭގަ އެވެ. ހުންގަދަވި ކަމެއް އަހަރެން ނުދެނެހުރީމެވެ. އެކަމުގައި ވެސް އަހަރެން ކުށްވެރިވި އެވެ. ކޮށްދޭ އެއްވެސް ކަމެއް ނުފެނި އަބަދު ޝަކުވާ އިވުމަކީ ކުރާ މަސައްކަތެއް މަތިން ފޫހިވާ ކަމެކެވެ. އެތައް ފަހަރަކު މިގެއިން ނިކުންނަން ހިތަށް އަރައެވެ. އެކަމަކު އަހަރެންގެ ވެސް ހާލަތު ތަފާތެވެ.
ހަވީރުވެފައި ހުއްޓާ ތާމީ ޑޮކްޓަރަށް ދައްކަން ގެންދިޔައީ ރިޒީ ގޭގައި ބަހައްޓާފަ އެވެ. އެ ކުއްޖާ ފޫހިވެގެން ޕާކަށް ގެންދަންޖެހުނީ އަހަންނަށެވެ. އެތަނުން އައިއިރު ތާމީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިކަން އެނގުނެވެ. އަހަރެންގެ މަސައްކަތް ބުރަވި އެވެ. ހޮސްޕިޓަލަށް އިރުކޮޅު ކޮޅާ ކޮންމެވެސް އެއްޗެއް ހިފައިގެން ދާން ޖެހެއެވެ. ދެކޮޅަށް ދުވެ ދުވެ އެދުވަހު އަހަރެން ހުރީ ވަރުބަލިވެފަ އެވެ.
ތާމީ މުޅިން ރަނގަޅުވަންދެން ހޭދަވި ދެތިން ދުވަހަކީ ބުރަ ތިން ދުވަހެވެ. އެ ކުއްޖާ ބުނި ކޮންމެ އެއްޗެއް ހަދައިދިނަސް ދިރޭ ކަމަކަށް ނުވެ އެވެ. ބަލިވީމަ ކާއެއްޗެހި މަތިން ފޫހިވެ ހުރީ ދެމިފަ އެވެ. ހޮޑުލުން މަދުނުވާތީ ދޮންނަ ވަށިގަނޑު ރޭވެ އަލިވިލޭއިރު ހުންނަނީ ފުރިފަ އެވެ. އެ މީހުން ހޭލާ ތިބި ހުރިހާ ރެއަކު އަހަންނަށް ލޮލު ފިޔަ ޖަހަން ފުރުސެތެއް ނުލިބެ އެވެ. ޖަގުން ފެންތައްޓެއްހާ ހިސާބު ވެސް އެ މީހުންނަށް އަޅާލެވޭ ކަމަކަށް ނުހެދި އެވެ. ފަތިހު ފަހަކުން ރޭގަނޑު 11 އަށް އަހަންނަށް ތަނެއްގައި ޖައްސާލަން ވަގުތުކޮޅެއް ނުލިބެ އެވެ. ތާމީ އަކީ އަހަރެންގެ ހަށިގަނޑުން އުފަންނުވިއަސް ދަރިއެއް ފަދަ ކުއްޖެކެވެ. އެ މީހުންނެކޭ އެއްފަދައިން އަހަރެން ވެސް ފިކުރުބޮޑުވެ އެވެ. އަވަސް ޝިފާއެއް ދެއްވާތޯ ދުޢާކުރެވެ އެވެ.
އަހަރެންގެ ތިން ކުދިން ބޮޑުވީ އެކި ކަހަލަ ބަލިޖެހިގެންނެވެ. ހޮޑުލުމާއި ބޭރަށް ހިންގުން އަހަރެން ކޮންޓްރޯލްކުރީ ޑޮކްޓަރީ ބޭހަކުންނެވެ. ގޭގައި ތައްޔާރުކުރި އަމިއްލަ އެއްޗެހިންނެވެ. ދިރިފެނާއި ބަތްޕެނުންނެވެ. އެކަހަލަ އެއްޗެއް ތައްޔާރުކުރަން ބުންޏަސް މެޑަމް ހިތްހަމައެއް ނުޖެހެ އެވެ. އެއީ އެ މީހުން ގަޔާވާ އެއްޗަކަށް ނުވެ އެވެ. ނޫނީ މި ޒަމާނުގައި ޑޮކްޓަރީ ބޭސް ނޫން އެއްޗަކަށް އިތުބާރު ނުކުރަނީ އެވެ.
ހަޔާތަކީ އުދަނގޫ ދަތުރެކެވެ. ބުރަ ދުވަސްތަކަކަށް ފަހު ފަސޭހަ ދުވަސްތައް ވެސް އަންނާނެ އެވެ. ތާމީ ރަނގަޅުވިއިރު ގޭތެރޭގެ މާހައުލު އައީ ރަނގަޅުވަމުންނެވެ. ރިޒީގެ އުފަންދުވަސް ކައިރިވާތީ އެކަމުގެ ތައްޔާރީތައް ވަމުން އައި މަންޒަރު އަހަރެން ދުށީމެވެ. ތަން ތައްޔާރުކުރުމުގެ މަސައްކަތް ހަސަން ކުރަނީ އަމިއްލައަށެވެ. ގޭތެރެ ސާފުކުރުން އަހަންނަށް ބުރަވި އެވެ. އެހެންވިއަސް ޝަކުވާއެއް ނެތެވެ. ރިޒީ ހުންނަނީ އުފަންދުވަސް ފާހަގަކުރަން އުޅޭތީ ވެސް އުފަލުންނެވެ. އެ ކުއްޖާގެ މޫނުމަތިން ފެންނަ ހިނިތުންވުމަކީ އަހަރެންގެ ހިތްހަމަޖެހުމެވެ.
އުފަންދުވަސް ވެގެން ދިޔައީ ވިލުނު އައްޔާ އެކު ގޭތެރޭގެ ހިމޭންކަން ނަގާލި ދުވަހަކަށެވެ. މެޑަމްގެ އާއިލާ މީހުން ދޭތެރެއަކުން އައިސް އުޅެއެވެ. ހަވީރަށް ވާއިރަށް އެއްޗެހި ތައްޔާރުކުރަމުން ދިޔަ އެވެ. ދުވަހުގެ ޚާއްސަ ހެދުން އިސްތިރިކުރަން އަހަންނަށް ޖެހުނުއިރު މެންދުރުވެއްޖެ އެވެ. މަޑުނޫކުލައިގެ ރީތި ހެދުމެކެވެ. މުޅި އާއިލާ އަށް އެއްކުލައިން ތަފާތު ހެދުން ހޯދާފައި ހުއްޓެވެ. އެ ހުރިހާ ހެދުންތަކެއް ފެނުމުން އަހަރެން ހަނދާންވީ އަހަރެންގެ އަތުގައި ރައްކާކޮށްފައި އޮތް ސާރީއެއްގެ މަތިންނެވެ.
އުފަންދުވަސް ވާނީ އެތައް ހަނދާންތަކެއް ރައްކާކުރާ ދުވަހަކަށެވެ. އާއިލީ ފޮޓޯ ނަގާނެ އެވެ. ސާރީ އިސްތިރިކުރަން އަހަރެން ހިތަށް އެރި އެވެ. އާއިލީ ފޮޓޯއިން ޖާގަ ލިބޭނެ ކަމުގެ އުއްމީދު އޮތެވެ. ޕާޓީ އަށް ޚާއްސަ ހޯލެއް އޮތީ ކުއްޔަށް ނަގައިފަ އެވެ. ހަސަން ތައްޔާރުކުރީ "ސެލްފީ ބޯޑު" ކަހަލަ ކުދި ކުދި އެއްޗިއްސެވެ. އެލުވާނެ ކަރުދާސްތަކާއި މާތައް ތައްޔާރުކުރީ އޯޑަރަށެވެ. ޕާޓީގެ ކެއުން އިންތިޒާމްކުރީ ބަޔަކު ލައްވަ އެވެ. އެންމެ ހަވީރަކަށް ފަނަރަވަރަކަށް ހާސް ރުފިޔާ ހޭދަވިކަން ހަސަން ފޯނެއްގައި ހުރެ މީހެއްގެ ކައިރީ ބުނި އަޑުއަހާފައި އަހަރެން ހުރީ އަޖައިބުވެފަ އެވެ. އަދި ދައުވަތު ދިނީ ހަމައެކަނި އާއިލާ އަށް ނޫން ކަމަށް ބުނުމުން އެތަނަށް ގިނަ މީހުން ދާނެ ކަމަށް އަހަންނަށް ލަފާކުރެވެއެވެ.
ހެދުންތައް އިސްތިރިކޮށްފައި ދިނުމަށްފަހު އަހަރެންގެ ސާރީ ގެނެސް އިސްތިރިކޮށް ރީތިވީމެވެ. ގޭތެރޭގައި ކުދިންވެރިން ވާހަކަ ދައްކާ އަޑު އަހަރެންގެ ކަންފަތަށް އިވެ އެވެ. ގަޑިޖެހުމުގެ ކުރިން ދާންޖެހޭނެ ކަމަށް ބުނާ އަޑު ވެސް އިވެ އެވެ. ރީތިވެގެން ނިކުތްއިރު އެންމެން ތިބީ ކާރު އަންނަންދެންނެވެ. އަހަރެން ނިކުތުމުން އެ މީހުންގެ ސަމާލުކަން އަހަންނަށް ހުއްޓުނެވެ.
"ކަލޭ ކޮންތާކަށް ދަނީ؟" ހަސަން އަހަރެން ފެނުމުން އެހި އެވެ.
އަހަންނަށް ބަލައިލެވުނީ މެޑަމް އާ ދިމާލަށެވެ. އަހަރެން ވެސް ރިޒީގެ ޕާޓީގައި ބައިވެރިވާން ޖެހޭނެތާ އެވެ. އެތަނުގައި އެ މީހުންނަށް އަހަރެންގެ އެހީތެރިކަން ބޭނުންވާނެ އެވެ.
އަހަރެންގެ ހިމޭންކަމުން ވިއަސް އެ މީހުންނަށް ޖަވާބު ލިބުނު ފަދަ އެވެ. އަހަރެންގެ މޫނަށް މެޑަމް ބަލަން އިނދެފައި އެއްމިޔަނުން ހީލި އެވެ.
"ކަލޭ މަޑުކުރޭ ގޭގައި." ހަސަން ބުނެލިއެވެ.
"އެތަނަށް އަންނާނެކަމެއް ނެތް،" މެޑަމް ތެދުވެފައި ބުނެލިއެވެ.
އަހަންނަށް ރޮވެން އުޅޭހެން ހީވި އެވެ. ހިތުގައި ޖެހުނުވަރު ބުނެދޭން ވެސް ނޭނގެ އެވެ. ކާރުގެ ބަރުގޮނުގެ އަޑާ އެކު އެންމެން ތެދުވި އެވެ. ދޮރުން ނިކުމެގެންދަމުން ފަސްއެނބުރި ބަލައި ވެސް ނުލި އެވެ. އަހަރެން ލޮލުން ކަރުނަތިކި ފޫދިގެން އައިސް ފައިތިލަމައްޗަށް ޖެހުނެވެ.
އެ މީހުންނަށް ޖެހުނު ކޮންމެ ބުރައެއް އުފުލީ އަހަންނާ އެކުގަ އެވެ. ކުދިން ބަލިވެއްޖެ ނަމަ އަހަރެންގެ އެހީ އާ ނުލައި އެ މީހުންނަށް އެއްވެސް ކަމެއް ނުވި އެވެ. އެ މީހުންނަށް ނުދެވުނު އެތައް ވަގުތެއް އަހަރެން އެ ކުދިންނަށް ޓަކައި ހުސްކުރީމެވެ. ސްކޫލު ދޮށުން ކުދިން ގެންނަމެވެ. ކުދިން މަތިން ހަނދާން ނެތިފައި އޮފީހުގައި އެ މީހުން ތިބެނީ ކިތައް ދުވަހު ހެއްޔެވެ؟ ފަހުން އަހަންނާ އެ މަސައްކަތް ހަވާލުކުރީ އެވެ. ދުވަހަކު ވެސް މިނެޓެއްހާ ހިސާބު ވެސް އަހަރެން ލަހެއް ނުވަމެވެ. އަހަރެން ކޮށްދޭ ހުރިހާ ކަމެއް އެ މީހުން ބަލައިނުގަންނަކަން މިއަދު އެނގިއްޖެ އެވެ.
އަހަރެން އައިސް ސާރީ ބޭލީމެވެ. އެފަތްޖަހައި ފޮށިތެރެއަށް ލާފައި އައިސް އެނދުގައި އިށީނދެ އިނދެ ވެސް އަހަރެން ހިތާއި ހިތުން ކުރީ ޝަކުވާ އެވެ. އެނބުރި ދާން ހިތަށް އެރި އެވެ. އަހަރެންގެ އަގު ވަޒަން ނުކުރާ ބައެއްގެ ކައިރީ އުޅެންވީ ކީއްވެ ހެއްޔެވެ؟ ދުވަހަކު ވެސް އަހަންނާއި އެ މީހުން ރީތިކޮށް މުޚާތަބުކުރީކީ ނޫނެވެ. އެ މީހުން ހިތުން އެ މީހުން ދޭ މުސާރަކޮޅު އެއީ އަހަރެންގެ މައްޗަށް ކޮށްދޭ ހެޔޮ ކަމެކެވެ. އެއީ އަހަރެން ދާއޮހޮރުވައިގެން ކުރި މަސައްކަތުގެ އަގެވެ. އަހަރެންގެ އަތުން އެއްޗެއް ހަލާކުވެއްޖެ ނަމަ މުސާރައިން އޭގެ އަގު ކަނޑަ އެވެ. ރަނގަޅަށް ކުރާ ކަމަކަށް އަގު އިތުރުނުކޮށްދެނީ ކީއްވެ ކަމެއް ނޭނގެ އެވެ.
އަހަރެން ދުށީ އެއީ އަމިއްލަ އާއިލާ ކަމުގަ އެވެ. އެ މީހުންގެ އުފާވެރި ކަމުގައި ބައިވެރިވުމުގެ ހައްގު އޮންނާނެ ކަމަށެވެ. ނޫނީ އުފަލުގައި ބައިވެރިކުރަން އެ މީހުން ދެކޮޅު ނުހަދާނެ ކަމަށެވެ. ނޫނެކެވެ. އެއީ އަހަންނަށް އެރި އޮޅުމެކެވެ. އަހަރެންގެ ނަސަބާއި ހައިސިއްޔަތު އޮޅުނީ އެވެ. އަހަންނަކީ އެ މީހުންގެ އާއިލާ މީހެއް ނޫނެވެ. އަހަންނަކީ ޚާދިމެކެވެ.
(ނިމުނީ)