05 މެއި 2019 - 18:08

"މިހާރު"ގެ ފޮޓޯގްރާފަރަކު ބުނެލި އެވެ: "ދެން މިއަދު އެހާ ބާރު ބޮޑުކޮށް އުޅޭ އިރު ވެސް ފުލުުހުން އިސްޓިކާ ތަތްކުރުމުގައި!"

ނިޝާން އަލީ އާއި ހުސެއިން ވަހީދު މިއަދު ބާޒާރުމައްޗާއި މާލޭގެ އެކި ސަރަހައްދުތަކުގެ ފޮޓޯ ނަގަން ނުކުތީ ރޯދައިގެ ތައްޔާރީތައް ކަވަރުކުރާށެވެ. ކޮންމެ އަހަރަކު އަންނަ އެންމެ ބިޒީ މަހަށް ދެތިން ދުވަހަށް ވެލާއިރަށް މުޅި މާލެ އުތުރުއަރައިގަނެ އެވެ.
ތެލިތަށި އާކުރާށެވެ. ކާނާގެ ބާވަތްތައް ހަމަކުރާށެވެ. ބާާޒާރުގެ އަގުތައް ބަލައިލާށެވެ.
މިއިން ކޮންމެ ކަމަކަށް ނިޔަތްގަނެގެން ނުކުންނަ އާންމުން އަހަރުން އަހަރަށް ގިނަވާނެ ކަން އެނގެނީ މާލޭގެ އާބާދީ ބޮޑުވާ ނިސްބަތް ދަށަށް ދާ ކަމަށް ތަފާސްހިސާބުތަކުން ނުދައްކާތީ އެވެ. އެކަމަކު މާލޭގެ މަގުތައް ބޮޑުކުރެވޭނެ ގޮތެއް ނެތެވެ. އެހެންކަމުން ތޮއްޖެހިފައިވާ ވެރިރަށުގެ ބައެއް މަގުތަކާއި ވަކި ސަރަހައްދުތަކެއް މި ދެތިން ދުވަހު އޮތީ ފުރިބާރުވެފަ އެވެ.
ވެހިކަލްތައް، ހާއްސަކޮށް ސައިކަލް ޕާކްކުރުމުގައި ވަކި ގޮތެއް ބެލޭ ވަރަށް ވުރެ ހަގީގަތުގައި ވެސް އާންމުން މި ދެ ދުވަހު ބިޒީ އެވެ. އެތައް ހާސް ބަޔަކު އެއްފަހަރާ ބާޒާރަށް ނުކުމެ، ސައިކަލްތައް ޕާކްކޮށްލާ އިރު ގަވައިދުންތޯ ނުވަތަ ނުގަވައިދުންތޯ ވިސްނާލާނެ ވަގުތެއް ނުލިބެ އެވެ. އަވަހަށް ޕާކްކޮށްލާފައި ގޮސް އަވަހަށް އެތިކޮޅު ގަނެގެން ނައްޓާލަނީ އެވެ.
އާންމުންގެ ބިޒީކަމާއި މި ދުވަސްވަރުގެ ކާރޫބާރު ބޮޑުކަމާއި ޕާކްކުރާނެ ތަންތަން މަދުވުމުގެ މައްސަލަ ފުލުހުންނަށް ވެސް އެނގެ އެވެ. ސްޓިކާ ތަތްކުރުމުގައި ބައެއް ފުލުހުން އަވަދިނެތި އެ އުޅެނީ ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ. އެވަރަށް ސްޓިކާ ނުޖަހާ ނަމަ އެ ސަރަހައްދުތަކުގެ ތޮއްޖެހުން އަދި މާ ބޮޑުވާނެކަން ޔަގީނެވެ.
އެކަމަކު އަނެއްކޮޅުން ސްޓިކާ ޖެހިޔަސް އާންމުން ފަރުވާލެއް ނުބަހައްޓަ އެވެ؛ ޖޫރިމަނާ ދައްކަން ޖެހޭނީ އަދި ފަހުންތާއޭ ބުނެލާ ކަހަލަ ގޮތަކަށް އެ މީހުން ސައިކަލަށް އަރައިގެން ނައްޓާލަނީ އެވެ.
މިއަދު ނެގި އެއް ފޮޓޯއިން ފެންނަނީ އެ މަންޒަރެވެ. ބާޒާރުމަތީގައި ފުލުހަކު ސްޓިކާ ޖެހުމަށް ފަހު ސައިކަލްގެ މައުލޫމާތު ނޯޓު ކުރާ އިރު، ކުރިން ސްޓިކާ ޖެހި ސައިކަލަކަށް މީހަކު އަރަން ތައްޔާރުވަނީ އެވެ.
ރޯދަމަހު މިފަދަ އެތައް މަންޒަރެއް އަދި ފެންނާނެ އެވެ.
އާންމުން އަބަދުވެސް ބުނާނީ "ދެން ވަކި ދުވަސްވަރެއްގައި ފުލުހުން ވެސް ތަންކޮޅެއް ބަލައިލަން ޖެހޭނެތާ" އެވެ.