ބަންގްލަދޭޝް ސަޕޯޓަރުންނަށް ދެ ފަހަރަށް ސާބަސް
ބަންގްލަދޭޝް ސަޕޯޓަރުންނަށް ދެ ފަހަރަށް ސާބަސް

ފުރަތަމަ ވެސް ހިތަށްއަރަނީ ދިވެހިންނަކީ، ނަސްލީ އިމްތިޔާޒު ގެންގުޅޭ ބައެއް ހެއްޔެވެ؟ ހިތާމަޔަކާ އެކު ބުނަން ޖެހެނީ އެ ނުބައި ވިސްނުން ދިވެހިންގެ ތެރެއިން މިހިރަ ފެންނަނީ އެވެ. އޭގެ މިސާލު ނެގެން އޮތީ، މިދިއަ ބުރާސްފަތިދުވަހުގެ ރޭ ގަލޮޅު ދަނޑުގައި، ރާއްޖެ އާއި ބަންގްލަދޭޝްގެ ގައުމީ ޓީމު ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗުންނެވެ.

ބަންގްލަދޭޝް ސަޕޯޓަރުންނަށް ދެ ފަހަރަށް ސާބަސް
ބަންގްލަދޭޝް ސަޕޯޓަރުންނަށް ދެ ފަހަރަށް ސާބަސް

ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ އިރު ރަތް ކުލައިން މުޅި ދަނޑު ފުރުނު ދުވަސް މާޒީ ވެއްޖެ އެވެ. ދިވެހިން އެންމެ ލޯބިވާ ކުޅިވަރުގެ އެންމެ މަޝްހޫރު ތަރިން ގައުމީ ޖާޒީގައި މި ފަހުން ކުޅުނު ވާދަވެރި އެތައް މެޗެއްގައި ގަލޮޅު ދަނޑުން ފެނުނީ، މީގެ އަހަރުތަކެއް ކުރިއާ އަޅާބަލާއިރު، ހުސްކަމެވެ. އެ ފޯރިއެއް ނެތެވެ.

ބަންގްލަދޭޝް ސަޕޯޓަރުންނަށް ދެ ފަހަރަށް ސާބަސް
ބަންގްލަދޭޝް ސަޕޯޓަރުންނަށް ދެ ފަހަރަށް ސާބަސް

ގިނަ ދިވެހިން ރާއްޖޭގެ ބޮޑެތި ކްލަބްތަކުގެ މަތިން ހަނދާން ނެތި، ދިވެހި ޕްރިމިއަ ލީގުގެ މެޗުތައް "ހުސް ދަނޑެއް"ގައި ކުޅެން ދޫކޮށްލިތާ ވެސް ކިތައްމެ ދުވަހެކެވެ. އެކަމަކު އޭގެ މާނަ އަކީ ދިވެހިންގެ ފުޓްބޯޅަ ލޯބި ކުޑަވުމެއް ނޫނެވެ. ދުނިޔޭގެ ބޮޑެތި ލީގުތައް ގަވާއިދުން ބަލައި، އެ ޓީމުތަކަށް ސަޕޯޓްކުރުމަކީ ގިނަ ދިވެހިންގެ މިހާރުގެ އާދަ އެވެ. ފުޓްބޯޅައިގެ އެ ލޯބި ގަލޮޅު ދަނޑުން ފެންނަނީ ހަމައެކަނި ގައުމީ ޓީމުގެ މެޗުތަކުގަ އެވެ. މިހާރު ދިމާވެގެން އުޅޭ މައްސަލަ އަކީ ގައުމީ ޓީމަށް ސަޕޯޓްކުރަން ވެސް ގަލޮޅު ދަނޑު ފުރޭ ވަރަށް ދިވެހިން ނުދިއުމެވެ.

ސަބަބުތައް ޖެހޭނީ ހޯދާށެވެ.

ރާއްޖެ-ބަންގްލަދޭޝް މެޗަށް ބަންގްލަދޭޝް މީހުން ދަނޑަށް ވަންނާނެކަން ކުރިންސުރެ ވެސް އެނގެ އެވެ. ބަންގްލަދޭޝް އަކީ ރާއްޖެ ކަހަލަ، ފުޓްބޯޅައިގެ ފޯރި ގަދަ ގައުމެކެވެ. މިހާރު ބަންގްލަދޭޝްގެ ކްރިކެޓް ދުނިޔޭގެ ފެންވަރުގައި އޮތުމުން އޭގެ އަސަރު ފުޓްބޯޅަ އަށް ކުރިޔަސް، 1980 އާއި 1990ގެ އަހަރުތަކުގައި އެއީ މި ސަރަހައްދުގެ ވެސް އެއް ވަނަ އެވެ. އިރާގު ކަހަލަ ގައުމުތަކުގެ އެންމެ މޮޅު ކުޅުންތެރިން ބަންގްލަދޭޝްގެ ފުޓްބޯޅަ ލީގުގައި، 1980ގެ އަހަރުތަކުގައި، ކުޅުން އާންމެވެ. އެހާ ވެސް އެ ގައުމުގެ ފުޓްބޯޅަ އޮތީ އޭރު ކުރީގަ އެވެ. އެ ދުވަސްވަރު ނުލާހިކު މަދުން ދެ ގައުމު ބައްދަލުކުރަން ޖެހޭ މެޗުތަކުގައި ރާއްޖެ ކޮޅަށް ގިނަ ލަނޑުތަކެއް ވައްދާލައިގެން ހަމަޖެހިލާފައި ބަންގްލަދޭޝް ޓީމު ދަނޑުން ފައިބަ އެވެ.

ފުޓްބޯޅަ ތާރީޚުގައި ބަންގްލަދޭޝް އާއި ރާއްޖެ އެއްވަރުވި ފުރަތަމަ މެޗު ކަވަރުކުރުމުގެ ނަސީބު 1993 ގެ ސާފް ގޭމްސްގައި އަޅުގަނޑަށް ލިބުނެވެ. ދިވެހި ކީޕަރު މޮޅުކަމުން، ހުރިހާ ހަމަލާތަކެއް މަތަކުރި އިރު، ވެރިރަށް ޑާކާގެ އެ ބޮޑު ސްޓޭޑިއަމް ފުރާލައިގެން ތިބި ބަންގްލަދޭޝްގެ ރައްޔިތުންގެ ރުޅި ދިޔައީ ގަދަވަމުންނެވެ. އެއީ ބަންގްލަދޭޝްގެ ފުޓްބޯޅައިގެ ކަޅު ރެ އެވެ. އެކަމަކު ރާއްޖޭގެ ފުޓްބޯޅަ އަށް އޭރު ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އެވެ. އޭގެ ފަހުން ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވީ އެންމެ ދެ ފަހަރު އެވެ. އެއީ އެ ގައުމުގައި 2003 ގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް މެޗެއްގަ އާއި ފައިނަލްގައި ޕެނެލްޓީ ޖަހައިގެންނެވެ. ބަންގްލަދޭޝް އަތުން ބަލިނުވެ ރާއްޖެ މިހާރު 13 އަހަރު ހޭދަކޮށްފި އެވެ.

ގަލޮޅު ދަނޑުގައި ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުނުކުރާތާ 16 އަހަރު ފަހުން ހުކުރު ވިލޭރޭ ދެ ޓީމު ނުކުތް އިރު ރާއްޖޭގެ މަސައްކަތު ބާޒާރުގެ މާހައުލު ވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ރާއްޖޭގެ އެކި މަސައްކަތްތަކަށް އެންމެ ގިނަ މީހުން މިހާރު ގެންނަނީ، އަގުހެޔޮ ލޭބާ މާކެޓެއް އޮންނަ، 120 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ، ބަންގާޅުންނެވެ. ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގައި 2000 ވަނަ އަހަރު ދެ ގައުމު ބައްދަލުކުރި އިރަށް ވުރެ މިހާރު މާލޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ އަދަދު އެތައް ހާހަކުން މައްޗެވެ.

ދަނޑަށް ވަދެ، ރަނގަޅަށް ބަލައިލުމުން އަޅުގަނޑު ވެސް ހަމަ ހައިރާންވި އެވެ. އެކަމަކު ގަލޮޅު ދަނޑުގެ ބޮޑު ބައި ބަންގްލަދޭޝް މީހުން ފުރާލުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. ފުރަތަމަ ކަމަކީ ގައުމީ ފުޓްބޯޅަ ޓީމުގެ އެ މެޗަށް ވަންނަން ދިވެހިންގެ ޝައުގުވެރިކަން ނެތުމެވެ. ދެ ވަނަ ކަމަކީ ދިވެހިންގެ މަސައްކަތްތަކުގައި އެހާ ބުރަކޮށް އުޅެމުން އަންނަ ބައެއްގެ ހިތްހަމަޖައްސާލަން އެއް ރޭ ނަމަވެސް ދިވެހި ގައުމީ ޓީމުން ފުރުސަތު ދިނުމެވެ.

އެކަމަކު ދަނޑުގައި ތިބި ބައެއް ދިވެހިންގެ ފަރާތުން ފެނުނީ އެހާ ހިތްގައިމު މަންޒަރެއް ނޫނެވެ. ބަންގްލަދޭޝް ޓީމު ކޮޅަށް ދެ ލަނޑު ޖެހުމާ އެކު، ސަޕޯޓަރުން ދަނޑުން ނުކުންނަން އުޅުމުން، ބައެއް ދިވެހިން ހަޅޭއްލަވައި، މަލާމަތްކުރަން ފެށި އެވެ. އަނެއް ބަޔަކު ވާހަކަދެއްކީ "މި މީހުން ދެން މި ގައުމު ހިފާފާނޭ" ކިޔައިގެންނެވެ.

ދަނޑަށް ގިނައިން ވަނީ ހަމަ އާދައިގެ މަސައްކަތު މީހުންނެވެ. އެއީ އަޅުގަނޑުމެންގެ ގޭގޭގެ ކުނި ކޮންމެ ދުވަހަކު، ކުޑަ އަގެއްގައި، އުކާލައިދޭ މީހުންނެވެ. އެއީ ކުޑަ މުސާރައެއްގައި އުޅެ، ކޮންމެވެސް ދިވެއްސެއްގެ އާމްދަނީ އިތުރުކޮށްދޭ މީހުންނެވެ. އެއީ އެއް ތަނުން އަނެއް ތަނަށް ކޮންމެ ދުވަހަކު މުދާ އުފުލައިދޭ މީހުންނެވެ. ގެދޮރު އިމާރާތްކޮށް، ރާނާ، ސިމެންތި ޖަހައި، ވަޑާންކޮށް އުޅޭ މީހުންނެވެ. މިއީ ހަގީގަތުގައި މުޅި ރާއްޖޭގެ މަސައްކަތުގެ އިންޖީނެވެ. އަޅުގަނޑުމެންނަށް އުނދަގޫ ވިޔަސް، އެ މީހުންގެ ބައެއް އާދަތަކާ ހެދި ހިތްހަމަނުޖެހުނަސް، ކޮންމެ ދުވަހަކު އިރު އެރީންސުރެ، ދަންވަރަށް ގަޑީގެ ކަށި ޖެހިލާ އިރު ވެސް، ބަންގްލަދޭޝްގެ އެތައް ހާސް ބަޔަކު ތިބޭނީ ދިވެހިންގެ ކޮންމެވެސް މަސައްކަތެއްގަ އެވެ.

އެ މީހުންގެ ލޯބިވާ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމުގެ މެޗު ބަލައިލަން ގަލޮޅު ދަނޑަށް ވަނީ އެއީ ރަނުގެ ފުރުސަތަކަށް ވުމުންނެވެ. ވިސްނާލާށެވެ. ބަންގްލަދޭޝްގައި ކުޅޭ މެޗަކަށް ވަދެވޭނީ އޭގެ ތެރެއިން ވަރަށް މަދު މީހަކަށެވެ. ގިނައިން ރާއްޖެ އަންނަނީ ވެރިރަށް ޑާކާއާ މާ ދުރުގައި އުޅޭ ފަގީރުންނެވެ. އެ މީހުންނަށް ބަންގާޅުގެ ގައުމީ ފުޓްބޯޅަ ޓީމު، ހަމަ ލޮލަށް ވެސް ނުފެންނާނެ އެވެ.

ހުކުރު ވިލޭރޭ ބަންގްލަދޭޝް ރައްޔިތުން ގަލޮޅު ދަނޑު ފުރާލުމަކީ އެއްގޮތަކަށް ވެސް އެ މީހުންގެ މައްސަލައެއް ނޫނެވެ. އެމީހުންގެ ނުރައްކާ ރާއްޖޭގެ ކުރިމަގަށް އޮތް ނަމަ އެކަން ބަދަލުކުރަން ޖެހޭނީ ރަނގަޅު ސިޔާސަތެއް އެކުލަވާލައިގެންނެވެ. ކަންނެތް ދިވެހިން ގައުމަށްޓަކައި މަސައްކަތްކޮށްގެންނެވެ. ދިވެހިންގެ ދިރިއުޅުމާ އެކަށީގެންވާ މުސާރައެއް ދޭނެ ގޮތަށް ވަޒީފާގެ ބާޒާރު ބަދަލުކޮށްގެންނެވެ. އެކަމަކު ގަލޮޅު ދަނޑަށް ފުޓްބޯޅަ މެޗެއް ބަލަން ބަޔަކު ވަނުމުން އުފެދޭ ކުއްލި ކަންބޮޑުވުމުގައި ގައުމުގެ ކުރިމަގަށް ބޭނުންވާ ރޭވުންތަކެއް ނުރޭވޭނެ އެވެ. އެކަން ކުރަން ޖެހޭނީ ސިޔާސަތު ރާވާ މީހުންގެ ސިކުނޑި ތަނަވަސްކޮށް، މައުލޫމާތު އެއްކޮށް، އޮފީސްތަކުގެ މޭޒު ދޮށުގަ އެވެ.

އަޅުގަނޑުމެން ފުރަތަމަ ދަސްކުރަންވީ އަމިއްލަ ގައުމުގެ ހާލަތެވެ. އަމިއްލަ ހާލަތެވެ. އާމްދަނީ އަށް ދުވާލަކު ދެ ޑޮލަރު ނުލިބޭ ބޮޑު އާބާދީއެއް އޮތް ގައުމެއްގެ ފަގީރުން ދަރާވިކިގެން މި ގައުމަށް އައިސް މަސައްކަތް އެކޮށްދެނީ ކޮން ބަޔަކަށް ހެއްޔެވެ؟ ކުޑަ މުސާރަކޮޅު ގައުމަށް އެ ފޮނުވާލަނީ މި ގައުމުގައި، ދިވެހިން ނުކޮށް ހުރި ހުރިހާ މަސައްކަތެއްގައި އުޅެމުންނެވެ. އެމީހުންނަށް އެއް ރޭ ގަލޮޅު ދަނޑު ދިނަސް ހަމަ އެންމެ ރަނގަޅުތާ އެވެ. އެރޭ ވެސް އެ މީހުން ނުކުމެގެން އެ ދިޔައީ ބަލިވެ، މާޔޫސްވެގެންނެވެ. މޮޅުވި ދިވެހިން އެ މީހުންނާ ދިމާއަށް އެއްޗެކޭ ނުބުނެ، ނުވަތަ ހިތްވަރު ދިނުމުގެ އަތްތިލަބަޑިއެއް ޖަހާލި ނަމަވެސް ރަނގަޅުވީހެވެ.

އަޅުގަނޑު ދެ ފަހަރަށް އެ މީހުންނަށް ސާބަސް ދެމެވެ. ފުރަތަމަ ސާބަސް ކުޑަ އުޖޫރައަކަށް ކޮށްދޭ މަސައްކަތްތަކަށެވެ. ދެ ވަނަ ސާބަސް، ގަލޮޅު ދަނޑު ފުރާލަދިނުމުންނެވެ.

ހިތަށްއަރަ އެވެ. އަޅުގަނޑުމެންނަށް އަގުވަޒަންކުރަން އެނގޭނީ ކޮން ދުވަހަކުން ބާވަ އެވެ؟ އެ ދުވަސް ނާންނަ ނަމަ ދިވެހިންނަށް އެނގޭނީ ހަމައެކަނި ތިމާގެ ފެންވަރަށް ވުރެ ބޮޑުވެގެން އުޅޭށެވެ. ނަސްލީ ތަފާތު ކުރުން އަންނަނީ އެހާ ހިސާބުންނެވެ.