މަސްވެރިން ބުނަނީ މަހުގެ އަގު ބަދަލު ނުވާނެ ކަމަށް
މަސްވެރިން ބުނަނީ މަހުގެ އަގު ބަދަލު ނުވާނެ ކަމަށް

މާރުކޭޓުގައި ރޯ މަހުގެ އަގު އެއްވަރެއްގައި ހިފެހެއްޓިއްޖެ އެވެ. މަސްވެރިން ބުނަނީ މަސްވެރިކަން މި ދުވަސްވަރު ރަނގަޅުވެފައިވާތީ މި ރޯދަ މަހުގެ ތެރޭގައި މަހުގެ އަގުތައް މައްޗަށް ދިއުމުގެ ފުރުސަތު ނެތް ކަމަށެވެ.

މަސް މާރުކޭޓުގައި މަސް ކިލޯއެއް ވިއްކަން ހުރީ 35ރ. އަށެވެ. މިއީ އާންމު ދުވަސްތަކުގައި ވެސް މަހުގެ އަގު ހުންނަ ވަރެވެ. މަސް މާރުކޭޓުގައި މަސްވިއްކާ މީހުން ބުނީ، މަހުގެ އަގަށް ބަދަލު އަންނާނީ މަސް ނުލިބިއްޖެ ނަމަ އެވެ. ވޭތުވެދިޔަ ދެ ދުވަހު ވެސް މަސްވެރިކަން ރަނގަޅު ކަމަށް މަސް ވިއްކާ މީހުން ބުނެ އެވެ.

ރޯދަމަހާ ދިމާކޮށް މަސް މާރުކޭޓުގައި މަސްވިއްކާ ފަރާތްތައް އިތުރުވެ އެވެ. އަދި މަސް ގަންނަ މީހުން ވެސް ވަރަށް ބޮޑަށް އިތުރުވެ އެވެ.

ކަނޑު މަހުގެ އިތުރަށް ފަރު މަހުގެ ބާވަތްތައް ވެސް މާރުކޭޓުގައި ވަރަށް ގިނަ އެވެ. އެގޮތުން ކުޑަ ގިނި މަހެއް 30ރ. އަށް ލިބެން ހުރި އިރު ބޮޑު ގިނި މަހެއް ހުރީ 60ރ. އަށެވެ. މާނިޔާ މަހެއް 60ރ. އަށް ހުރި އިރު ރަތް މަހެއް ލިބެން ހުރީ 150ރ. އަށެވެ. މީގެ އިތުރުން ފާނައެއް ލިބެން ހުރީ 200ރ. އަށެވެ.

މަސް މާރުކޭޓުގައި މަސް ގަތުމަށް ގިނަ ބަޔަކު ހަރަކާތްތެރިވާ އިރު ލޯކަލް މާރުކޭޓް ސަރަހައްދު ވެސް ތަކެތި ގަންނަ މީހުންނާ އެކު ވަނީ ތޮއްޖެހިފަ އެވެ.