05 މެއި 2019 - 13:16

ގާޒާ (މެއި 5) - ގާޒާ ސްޓްރިޕަށް އިޒްރޭލުން ދޭން ފެށި ރޮކެޓް ހަމަލާތަކުގައި ފަލަސްތީނުގެ މާބަނޑު އަންހެނަކާއި އޭނާގެ އެއް އަހަރުގެ ދަރިފުޅު ޝަހީދުކޮށްލާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އިޒްރޭލުން ބުނީ ގާޒާ އަށް ރޮކެޓް ހަމަލާ ދޭން ފެށީ ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުން އިޒްރޭލުގެ ދެކުނުގެ ސިޓީތަކަށް ރޮކެޓް ހަމަލާތަކެއް ދިނުމުން އެކަމުގެ ބަދަލުހިފަން ކަމަށެވެ. އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ އިސްލާމިކް ޖިހާދުގެ ސްނައިޕަރަކު ވަނީ އިޒްރޭލް ސިފައިންނަށް އަމާޒުކޮށް ހަމަލާދީފައި ކަމަށެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ މާބަނޑު މީހަކާއި އޭނާގެ ކުޑަ ދަރިފުޅުގެ އިތުރުން، އިޒްރޭލުގެ ހަމަލާތަކުގައި 22 އަހަރުގެ ޒުވާނަކު ވެސް ޝަހީދުކޮށްލާފައިވާ ކަމަށެވެ. މީގެ އިތުރުން އިޒްރޭލާ ދެކޮޅަށް އިހްތިޖާޖް ކުރި ފަލަސްތީނުގެ ދެ މީހަކު ވެސް ވަނީ ޝަހީދުކޮށްލައިފަ އެވެ.
ރޮކެޓް ހަމަލާތަކުގައި ފަލަސްތީނުގެ މާބަނޑު މީހަކާއި އޭނާގެ ދަރިފުޅު ޝަހީދުވި ކަމަށް ބުނި ނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވަނީ އެކަން ދޮގުކޮށްފަ އެވެ.
އިޒްރޭލުން ހުކުރު ދުވަހު ރޮކެޓް ހަމަލާ ދޭން ފަށާފައި ވަނީ ރޯދަ މަހަށް ބާޒާރު ކުރަން ގާޒާގެ ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް ނުކުމެފައިވާ ދުވަސްވަރެއްގަ އެވެ.