ނާޝިދުގެ ޓްރިބިއުޓް ޝޯގެ ސަޕޯޓިން ޕާޓްނަރަކަށް ވެލިގާ ހާރޑްވެއާ ހަމަޖައްސައިފި
ނާޝިދުގެ ޓްރިބިއުޓް ޝޯގެ ސަޕޯޓިން ޕާޓްނަރަކަށް ވެލިގާ ހާރޑްވެއާ ހަމަޖައްސައިފި

ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް މިޔުޒިކް ކުޅުންތެރިޔާ އަދި ލަވަކިއުންތެރިޔާ ޒީރޯ ޑިގްރީގެ ފުލޫ އަހުމަދު ނާޝިދަށް ބާއްވާ ހާއްސަ ޓްރިބިއުޓް ޝޯގެ ސަޕޯޓިން ޕާޓްނަރަކަށް ވެލިގާ ހާރޑްވެއާ ހަމަޖައްސައިފި އެވެ.

ވެލިގާ ހާރޑްވެއާގެ މަޖީދީމަގުގައި އެންމެ ފަހުން ހުޅުވި އައުޓްލެޓްގައި އިއްޔެ ހަވީރު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވެލިގާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އައްބާސް މުހައްމަދެވެ. މިސްކް މެގަޒިންގެ ފަރާތުން ސޮއިކުރެއްވީ ފައުންޑަރު ރިއާޔަތު އަބްދުލް މަޖީދެވެ.

މި މަހު 21 ގައި އޮލިމްޕަހުގައި ބާއްވާ ޝޯ އިންތިޒާމްކުރަނީ ރާއްޖޭގައި ނެރޭ މިއުޒިކަށް ހާއްސަ ހަމައެކަނި މަޖައްލާ، "މިސްކް" ގެ ފަރާތުންނެވެ.

"އަ ޓްރިބިއުޓް ޓު ނާޝިދު" ޝޯގެ ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި މިހާތަނަށް ތިން ފަރާތަކާ އެކު ވަނީ ސޮއިކޮށްފަ އެވެ. އޭގެ އިތުރުން ފަސް އެސޯސިއޭޓް ޕާޓްނަރުން ވެސް ހަމަޖައްސާފައިވެ އެވެ.

އިތުރު ފަރާތްތަކާ އެކު ސޮއިކުރުން ކުރިއަށް އޮތް ހަފްތާގައި ކުރިއަށް ދާނެ ކަމަށް މިސްކް އިން ބުންޏެވެ.

ނާޝިދަކީ 1980ގެ އަހަރުތަކުގެ މެދުތެރޭގައި ނެރުނު ޒީރޯ ޑިގްރީގެ ދިވެހި އަމިއްލަ ރާގުތަކާ އެކު މިހާތަނަށް ވެސް ދިވެހިންގެ ލޯބި ލިބިފައިވާ އެވަރުގެ ދެވަނައެއް ނެތް ފަދަ ގިޓަރިސްޓް އަދި ލަވަކިޔުންތެރިއެކެވެ. "ދޯނި" އަލްބަމްގެ އެ ލަވަތައް މިހާރު ވެސް ދިވެހިން ޖަހަނީ ފޫހިވުމެއް ނެތި އެވެ.

"އަ ޓްރިބިއުޓް ޓު ނާޝިދު" ޝޯ އަކީ ދިވެހި މިއުޒިކަށް އޭނާ ކޮށްދިން ހިދުމަތްތައް ފާހަގަކޮށް، ދިވެހި ފަންނާނުންގެ ފަރާތުން އޭނާއަށް ދޭ ހަދިޔާއެކެވެ. ޝޯގައި ދިވެހި ގިނަ ފަންނާނުންތަކެއް ބައިވެރިވާނެ ކަމަށް މިސްކް މެގަޒިންއިން ބުންޏެވެ.

ނާޝިދު މިހާރު ދިރިއުޅެނީ ސްރީ ލަންކާގަ އެވެ.