ލަންކާގެ އާއްމުން ގެންގުޅޭ ކަނޑިތައް ހަވާލު ކުރަން އަންގައިފި
ލަންކާގެ އާއްމުން ގެންގުޅޭ ކަނޑިތައް ހަވާލު ކުރަން އަންގައިފި

ކޮލަމްބޯ (މެއި 5) - ލަންކާގެ އާއްމުން ގެންގުޅޭ ކަނޑިތަކާއި ބޮޑެތި ވަޅިތައް ހަވާލު ކުރަން ކަމާބެހޭ ފަރާތްތަކުން އަންގައިފި އެވެ.

ފުލުހުން ބުނީ ގޭތެރޭގެ އެކިއެކި މަސައްކަތްތަކުގައި ބޭނުން ކުރާ ވަޅިތައް ފިޔަވައި އެހެން ހުރިހާ ވަޅިއެއް މި ހަފުތާގައި ހަވާލު ކުރަން ޖެހޭނެ ކަމަށެވެ.

ލަންކާ އިން މި ބާވަތުގެ ފިޔަވަޅުތައް އަޅަމުންދަނީ އެޕްރީލް 21 ގައި ދިން އަމިއްލަ އަށް މަރުވުމުގެ ހަމަލާތަކަށް ފަހު އެވެ. އެ ހަމަލާތަކަށް ފަހު ސަލާމަތީ ފަރާތްތަކުން ފެށި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ހަތިޔާރު ވަނީ ހިފަހައްޓައިފަ އެވެ.

ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރަ ވަނީ އާއްމު ރައްޔިތުންގެ އަތުގައި ހުރި "ސިފައިންގެ ކެމަފްލާޖް ޔުނިފޯމްތައް" ވެސް އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށް މިއަދުގެ ނިޔަލަށް ހަވާލު ކުރުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް މައިތުރިޕާލާ ސިރިސޭނާ ރޮއިޓާސް އަށް ވިދާޅުވީ ބޮމުގެ ހަމަލާތަކާ ގުޅުން ހުރި ކަމަށް ބެލެވޭ 25-30 މީހުން އަދިވެސް ފިލައިގެން އެބައުޅޭ ކަމަށެވެ.

"ހަމަލާ ދިން ޖަމާއަތަށް ނިސްބަތްވާ އެކްޓިވް ހުރިހާ މެންބަރުން މިހާރު ވަނީ ދެނެގަނެވިފައި،" ސިރިސޭނާ ވިދާޅުވި އެވެ.

ބޮމުގެ ހަމަލާ ދިން ކަމަށް ލަންކާ ސަރުކާރުން ތުހުމަތުކޮށްފައި ވަނީ ނޭޝަނަލް ތައުހީދު ޖަމާއަތާއި ޖަމާއަތުލް މިއްލަތު އިބްރާހިމްގެ މައްޗަށެވެ.

ސިރިސޭނާ ވިދާޅުވީ ބޮމުގެ ހަމަލާ ތަހުގީގު ކުރުމުގައި އަށް ގައުމެއްގެ ޖާސޫސީ އިދާރާތަކުން ލަންކާ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.