05 މެއި 2019 - 12:15

މެންޗެސްޓާ (މެއި 5) - މެންޗެސްޓާ ޔުނައިޓެޑް އަލުން ލީގަށް ވާދަކުރާނަމަ ވަރަށް ގިނަ ކަންތައްތައް ބަދަލުކުރަން ޖެހޭ ކަމަށާއި ފަރުވާކުޑަކޮށްލައިފިނަމަ ޓީމު އިތުރަށް ފަހަތަށް ވެއްޓުމުގެ ބިރު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
މިދިޔަ ޑިސެމްބަރު ހޯސޭ މޮރީނިއޯ ވަކިކޮށް ޔުނައިޓެޑުން އެންމެ ފުރަތަމަ ސޯލްޝެއާ ގެނައީ މި ސީޒަނުގެ ނިޔަލަސް ވަގުތީ ކޯޗެއްގެ ގޮތުގަ އެވެ. އެކަމަކު މިހާރު ވަނީ އެ އެއްބަސްވުން ދާއިމީކޮށް ތިން އަހަރަށް ސޯލްޝެއާ އަށް ކޮންޓްރެކްޓް ދީފަ އެވެ. ދާއިމީ އެއްބަސްވުން ދިން ފަހުން ޔުނައިޓެޑަށް ފަހަކަށް އައިސް ނަތީޖާ ނެރުން ވަނީ އުނދަގޫވެފަ އެވެ.
މި ސީޒަނުގައި ޔުނައިޓެޑްގެ އަމާޒަކީ ގަދަ ހަތަރެއްގެ ތެރޭގައި ނިންމައި އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމެވެ. އެކަމަކު އެ އަމާޒަށް ވާސިލްވުމަށް ޔުނައިޓެޑަށް އަމިއްލަ ބާރެއް ނެތެވެ. ސޯލްޝެއާ ބުނީ އަންނަ ސީޒަނަށް ޔުނައިޓެޑް ޓީމު ވަރުގަދަކުރާނީ ހާއްސަ އަމާޒެއް އޮވެގެން ކަމަށާއި އެކަމަކު ލީގަށް ވާދަކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.
"ކުއްލިއަކަށް އެހާ ބޮޑު ބަދަލެއް ނުގެނެވޭނެ. ލީގަށް ވާދަކުރަން އަހަރެން ވެސް ބޭނުން. އެކަމަކު އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެއް. މި ވަގުތު ލީގުގެ ކުރީގައި އޮތް ދެ ޓީމު (މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް) އެއީ އަހަރުތަކެއްގެ ތެރޭގައި އެކުލަވާލި ޓީމުތަކެއް. އެ ދެ ޓީމާ ވާދަކުރަން ވަގުތު ނަގާނެ. ލީގުގެ ރޭހަށް ވަންނަން ވެސް ވަގުތު ބޭނުން،" ލީގުގައި މިރޭ ހަޑްސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސޯލްޝެއާ ބުންޏެވެ.
ޕްރިމިއާ ލީގުގެ ވާދަވެރިކަން ވަރަށް ބޮޑުވެފައިވާ ކަމަށާއި ގަދަ ހަ ޓީމުތަކަށް ޗެލެންޖްދޭން ވެސް ގިނަ ކްލަބްތަކުން ތައްޔާރުވަމުން އަންނަ ކަމަށާއި ޔުނައިޓެޑުން އެކަމަށް ވެސް ފާރަވެރިވާން ޖެހޭނެ ކަމަށް ސޯލްޝެއާ ގަބޫލުކުރެ އެވެ.
"ލެސްޓާ، އެވަޓަން، ވަޓްފޯޑް ފަދަ ޓީމުތައް އެބައޮތް. ނިއުކާސަލް ވެސް ވަރުގަދަކުރާނެ. މި ޓީމުތަކަކީ އިނގިރޭސި ލީގުގެ ގަދަ ހަ ޓީމުގެ ތެރެއަށް ވަންނަން ވަރަށް މަސައްކަތްކުރާނެ ކްލަބްތައް. އަހަރެމެން ރޭހުގައި ކުރިއަށްދާން ބޭނުންނަމަ ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ،" ކުރިން ކާޑިފް ސިޓީ އަށް ކޯޗުކޮށްދިން ސޯލްޝެއާ ބުންޏެވެ.
އަންނަ ސީޒަނުގައި ޔުނައިޓެޑުން ބަދަލުތަކެއް ފެންނާނެ ކަމަށާއި އެ ޓީމަށް ގެންނާނެ ކުޅުންތެރިންނާ ބެހޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް ސޯލްޝެއާ ވަނީ ބުނެފަ އެވެ. އަދި ޓީމުގައި މިހާރު ތިބި ބައެއް ކުޅުންތެރިން ކްލަބް ދޫކޮށްލުމުގެ ފުރުސަތު ބޮޑުކަމަށް ބުންޏެވެ.
ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ލިބިފައިނުވާއިރު، ރެލިގޭޓްވެފައިވާ ހަޑްސްފީލްޑް ޓައުން އަތުން މިރޭ ޔުނައިޓެޑް ބަލިވެއްޖެނަމަ މި ވެގެންދާނީ 1974 ވަނަ އަހަރަށް ފަހު ރަށުންބޭރުގައި ޖެހިޖެހިގެން ހަ މެޗުން ޔުނައިޓެޑް ބަލިވާ ފުރަތަމަ ފަަހަރަށެވެ.
ހަޑްސްފީލްޑް ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.