06 މެއި 2019 - 08:21

ގިނަ ބަޔަކު އެ ގޭމަކަށް ދެވިހިފާފައިވާ ޕަބްޖީއަކީ މިހާރު ވަރަށް ގިނަ ގައުމުތަކުގައި ބޮޑު މައްސަލައެކެވެ. ބައެއް ގައުމުތަކުން މި ގޭމް މަނާ ކުރަމުން އަންނަ އިރު، ޔޫއޭއީގައި ވެސް ވަނީ ޕަބްޖީގެ މައްސަލާގައި ހައިރާންވާ ވަރުގެ ކަމެއް ހިނގައިފި އެވެ.
އެ ގައުމުގެ އަންހެނަކު ވަނީ ޕަބްޖީ ކުޅެން ފިރިމީހާ ހުރަސް އަޅާތީ އެކަމާ ހިތްހަމަނުޖެހިގެން ހިނގި ޒުވާބެއްގެ ތެރޭގައި މާރާމާރީ ހިންގައި އެންމެ ފަހުން، ފިރިމީހާ ކައިރިން ވަރިވާން ބޭނުންވާ ކަމަށް ބުނެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.
ޔޫއޭއީގެ އަޖްމަން އަށް ނިސްބަތްވާ އަންހެން މީހާ ފުލުހުންނަށް ހުށަހެޅި މައްސަލައާ ބެހޭ ގޮތުން އަޖްމަން ޕޮލިސް ސްޓޭޝަންގެ ސޯޝަލް ސެންޓަރުގެ ޑިރެކްޓަރު ކެޕްޓަން ވަފާ ހަލީލް އަލް ހުސާނީ ގަލްފް ނިއުސް އަށް ވިދާޅުވީ އަންހެން މީހާ ބޭނުން ވަނީ ޕަބްޖީގެ މައްސަލާގައި ފިރިމީހާ އަނިޔާކުރާ ކަމަށް ބުނެ ވަރިވާން ކަމަށެވެ.
"އޭނަ ބުނި ގޮތުގައި ފިރިމީހާ ވަނީ މުނިފޫހި ފިލުވަން ކުޅޭ ގޭމް ހުއްޓުވަން މަސައްކަތްކޮށް، އޭނާގެ ހައްގަކަށް އަރައިގެންފައި. އަދި މިކަމާ ގުޅިގެން ދެބަސްވުން އާންމުވެ، ފިރިމީހާގެ ފަރާތުން ގެވެށިއަނިޔާ ވެސް ލިބޭ ކަމަށް އަންހެން މީހާ ބުނެފައި ވަނީ،" އޭނާގެ ނަން ހާމަ ނުކޮށް ވަފާ ވިދާޅުވި އެވެ.
ނަމަވެސް މި މައްސަލާގައި ފިރިމީހާ ބައެއް މީޑިއާތަކަށް ބުނި ގޮތުގައި އަންހެނުން ޕަބްޖީއާ ދުރުކުރަން މަޖުބޫރުވާ ހިސާބަށް ދިޔައީ އާއިލީ ޒިންމާތައް ވެސް އަދާނުކޮށް އަބަދު އެ ގޭމްގެ ތެރެއަށް ގެއްލިފައި އިންނާތީ އެވެ. އެކަމަކު އަންހެން މީހާއާ ހަވާލާދީ މީޑިއާތަކުން ބުނީ އޭނާ އަބަދުވެސް ޕަބްޖީ ކުޅެނީ ހައްދެއްގެ ތެރޭގައި ކަމަށާއި ފިރިމީހާއަށާއި އާއިލާގެ އެއްވެސް ޒިންމާއަކަށް އިހުމާލު ނުވާ ކަމަށެވެ.
ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު ފިރިމީހާ ހުރީ އަންހެނުން ވަރިކުރާ ގޮތަކަށް ނޫނެވެ.
ވަފާ ވިދާޅުވި ގޮތުގައި ޔޫއޭއީގައި ޕަޖްބީއާ ގުޅުން ހުރި މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރާ މިންވަރު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ.
ޕަބްޖީ ކަހަލަ ވީޑިއޯ ގޭމްތަކަށް ގިނަ ބަޔަކު ދެވިހިފަމުންދާ އިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ ވީޑިއޯ ގޭމްތަކަށް ދެވިހިފުމަކީ ނަފުސާނީ ބައްޔެއްގެ ގޮތުގައި 2017 ގައި ކަނޑައަޅައިފަ އެވެ.