05 މެއި 2019 - 10:56

ސައިރިކްސް ކޮލެޖުން 400 އަށް ވުރެ ގިނަ ދަރިވަރުން ރޭ ދަސްވެނިވެއްޖެ އެވެ.

ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ފެންވަރުގެ ޕްރޮގްރާމުތައް ނިންމައި 419 ދަރިވަރުން ސެޓްފިކެޓް ހާސިލްކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ސެޓްފިކެޓް ލެވެލްގެ ޕްރޮގްރާމްތަކުން ދަސްވެނިވި ދަރިވަރުންނެވެ. އެއީ 249 އެވެ.

ޑިޕްލޮމާ ޕްރޮގްރާމް ތަކުން 106 ދަރިވަރުން ދަސްވެނިވި އިރު، ޑިގްރީ ކޯސްތަކުން ދަސްވެނިވިފައި ވަނީ 59 ދަރިވަރުންނެވެ. މާސްޓާސް ކޯސް ނިންމައިގެން ފަސް ދަރިވަރަކު ދަސްވެނިވެފައިވެ އެވެ.

ދަސްވެނިވުމުގެ އިތުރުން އެންމެ ރަނގަޅު ވަނަ ހޯދި ދަރިވަރުންނަށް ވެސް އެވޯޑު ދިނެވެ. އެގޮތުން އޮގަރު ފާއިޒާ އަލީގެ ނަމުގައި ސައިރިކްސްގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު ހޯދާފައިވަނީ، ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ހާސިލްކުރި ތަސްލީމް އަލީ އެވެ. އޭނާއަށް އެވޯޑާއި ޓްރޮފީގެ އިތުރުން 10،000ރ. ވެސް ލިބުނެވެ.
ސައިރިކްސްގެ އިޖުތިމާއީ ޒިންމާގެ ދަށުން އެ ކޮލެޖުން އަންނަނީ ކޮމިއުނިޓީ ސްކޮލަޝިޕް ވެސް ދެމުންނެވެ. މިފަހަރު އެ ފުރުސަތު ދީފައިވަނީ އޯޓިޒަމް އެސޯސިއޭޝަނާއި ތެލެސީމިއާ ސޮސައިޓީ އަދި ޓައިނީ ހާޓްސް އެސޯސިއޭޝަނެވެ.
ރޭގެ ރަސްމިއްޔާތު ޝަރަަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ކިޔެވިއިރު ދަސްވި އެއްޗެހީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެދިވަޑައިގެންފަ އެވެ.