05 މެއި 2019 - 06:54

އެއާޕޮޑް ޖަހައިގެން އޮއްވައި ނިދުމަކީ ހަމަ އާދައިގެ ކަމެކެވެ. އެކަމަކު ނިދާ ހޭލެވުނު އިރު އެއާޕޮޑް ދިރުވާލެވިފައިވާ ނަމަ އެއީ އާދައިގެ ކަމަކަށް ނުވާނެ އެވެ. އެކަމަކު ޓައިވާން މީހަކަށް މިކަން ދިމާވެއްޖެ އެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބެން ހޫސޫ ނަމަކަށް ކިޔާ މި މީހާ އެއާޕޮޑް ޖަހައިގެން އޮއްވައި ނިދިފައި ހޭލެވުނު އިރު އެއް އެއާޕޮޑް ނެތެވެ. އޭނާ އޮތް ތަން ހޯދައިގެން އެ ނުފެނުނެވެ. އެހެންވެ، "ޕްލޭ ސައުންޑް" އޮޕްޝަން ބޭނުންކޮށް، އެއާޕޮޑުން ބީޕް އަޅާ ގޮތް ހަދައިގެން ހޯދަން ނިންމީ އެވެ. ހޫސޫ އަށް ލިބުނީ ޝޮކެކެވެ. އެއާޕޮޑް ބީޕްކޮށްލުމާ އެކު އަޑު އައީ ބަނޑުތެރެއިންނެވެ.
ނިދާފައި އޮއްވައި ކޮންމެވެސް ގޮތަކުން އެއާޕޮޑް އަނގަޔަށް ލެވި، ދިރުވާލެވުނުކަމާ މެދު އެ ހިސާބުން ދެން ސުވާލެއް ވެސް ނެތެވެ. ހޫސޫ އަވަހަށް ދިޔައީ ހޮސްޕިޓަލަށެވެ.
ޑޮކްޓަރުން ހޫސޫގެ ބަނޑު ދިޔާވާނެ ބޭސްތައް ދީ، އެންމެފަހުން އެއާޕޮޑް ބޭރުކޮށްލި އެވެ. އެއްވެސް މައްސަލައެއް ނެތި، މަސައްކަތް ވެސް ކުރެ އެވެ.
އިމަޖެންސީގައި ފަރުވާ ދިން ޑޮކްޓަރު ޝެން ޝިއޭފޭން ނޫސްތަކަށް ވިދާޅުވެފައިވާ ގޮތުގައި، އެއާޕޮޑްގެ ބޭރުގައި ލާފައިވާ ޕްލާސްޓިކްގެ އޮމާން އަދި ވަރުގަދަ ފަށަލައިގެން ސަބަބުން، ލިދިއަމް ބެޓެރީގެ ވިހަ ހަށިގަނޑަށް ދިއުމުގެ ފުރުސަތު އޮތީ ވަރަށް ކުޑަކޮށެވެ.
ހޫސޫ ބުނި ގޮތުގައި ބޮޑުކަމު ދިޔައިރު އެއާޕޮޑް ބޭރުވި އެވެ. އަދި އޭރުވެސް އޭގައި 41 ޕަސެންޓް ޗާޖު ހުރި ކަމަށްވެ އެވެ. އޭނާ ބުނީ މި ހިނގައިދިޔަ ކަންކަމާ އަންތަރީސްވާ ކަމަށެވެ.