ކަރަން ޖޯހަރް މީހަކަށް ރިޝްވަތު ދިން ކަމަށް އަޖޭ ދޭވްގަން ތުހުމަތުކޮށްފި
ކަރަން ޖޯހަރް މީހަކަށް ރިޝްވަތު ދިން ކަމަށް އަޖޭ ދޭވްގަން ތުހުމަތުކޮށްފި

އަޖޭ ދޭވްގަން ގެ "ޝިވާއޭ" އާއި ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް" އަންނަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދާން ދަނީ ތައްޔާރު ވަމުންނެވެ. އެއާ އެކު ކަރަން އާއި އަޖޭގެ ހަނގުރާމަވެސް ވަނީ ހޫނުވެފަ އެވެ.

އަޖޭ ބުނާ ގޮތުގައި ކަރަން ވަނީ "ޝިވާއޭ" ބަދުނާމުކޮށް ވާހަކަ ދެއްކުމަށް ފިލްމް ކްރިޓިކްސް އަދި އެކްޓަރު ކަމާލް އާރް ޚާން އަށް 25 ލައްކަ ރުޕީސް ރިޝްވަތުގެ ގޮތުގައި ދީފަ އެވެ. ކަމާލް އަކީ ވަރަށް ގިނަ ފަންނާނުންނާ ދިމާލަށް ފާޑުފާޑުގެ އެއްޗެހި ކިޔައި ޓުވީޓްތައް ކުރުމަށް މަޝްހޫރު މީހެކެވެ. އޭނާގެ ބަހުރު ހުތުރުކަމުން ވަރަށް ގިނަ ފިލްމީ ތަރިން އޭނާ ދެކެ ފޫހިވެ އެވެ.

ކަމާލް އެންމެ ފުރަތަމަ ކޮށްފައިވާ ޓުވީޓްތަކުގައި "ޝިވާއޭ" އަށް ތައުރީފުކޮށްފައިވެ އެވެ. ނަމަވެސް ކުއްލިއަކަށް "ޝިވާއޭ" ގެ ކަމުނުދާ ވާހަކަތަކާއި "އޭ ދިލް ހެ މުޝްކިލް" މާ ރީތިވާނެކަމަށް ލިޔަން ފެށި އެވެ.

ކުއްލިއަކަށް ކަމާލްގެ ރާގު ބަދަލުވުމުން ކޮންމެވެސް ގޯހެއް އުޅޭހެން ހީވެގެން އޭނާގެ ބިޒްނަސް ޕާޓްނަރު ކުމާރު މަންގަތު ވަނީ "ޝިވާއޭ" ޕްރޮމޯޓްކުރުމަށް ހުރަސް އެޅޭ ގޮތަށް ވާހަކަ ދައްކަނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ.

ކަމާލް އާއި މަންގަތު ދެއްކި ވާހަކަތައް އަޖޭގެ ޓީމުން ރެކޯޑްކުރި އެވެ. އެ ރެކޯޑިންގައި އޭނާ އެގޮތަށް ވާހަކަ ދައްކަނީ ކަރަން ޖޯހަރް 25 ލައްކަ ރުޕީސް ދިނުމުން ކަމަށް ކަމާލް ބުނެ އެވެ.

އެއަށްފަހު އަޖޭ ވަނީ މި ރެކޯޑިންއާ އެކު ޓުވީޓެއް ކޮށްފަ އެވެ. އަދި ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި، ކަމާލް އާރް. ޚާން ކަހަލަ މީހަކު ޕްރޮޑިއުސަރުން އަތުން ރިޝްވަތުގެ ނަގައިގެން އެހެން ފިލްމުތަކަށް ހިތަށް އެރިހާ އެއްޗެއް ގޮވައި ލިޔެ މުޅި ފިލްމު އިންޑަސްޓްރީ ޚަރާބުކުރަން ކުރާ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައި ވެއެވެ. އަދި ފިލްމު އިންޑަސްޓްރިގެ ބައެއް މީހުން މިކަހަލަ ކަންތައްތަކަށް ސަޕޯޓް ދޭތީ ވެސް އަޖޭ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

މިކަމާ ބެހޭ ގޮތުން ކަރަން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް ކަމާލް އާރް. ޚާން ފަހުން ބުނެފައިވަނީ ކަރަން އޭނާއަށް އެއްވެސް ފައިސާއެއް ނުދޭ ކަމަށާއި އޭނާ އެހެން ބުނީ ކުމާރު މަންގަތު ފޯނުން ގުޅައި "ޝިވާއޭ" އާ ބެހޭ ގޮތުން ނެގެޓިވް ވާހަކަތައް ފަތުރަނީ ކީއްވެތޯ ތަކުރާރުކޮށް ސުވާލުކުރަން ފެށުމުން އައި ރުޅީގައި ކަމަށެވެ. އަދި މިހާރު ކަމާލްގެ ބަސްމަގު ވަނީ މުޅިން ބަދަލުކޮށްލާފަ އެވެ. އޭނާ ފަހުން ކުރި ޓުވީޓެއްގައި ބުނީ "އޭ ދިލް ހެ މުޝްކިލް" ގޯސްކޮށްފައި ވާހަކަ ދައްކަން ޝަރުތުކޮށް އޭނާއަށް ފައިސާ ދޭން އަޖޭ އާއި ކުމާރު ހުށަހެޅި ކަމަށާއި ނަމަވެސް އޭނާ އެކަމަށް އިންކާރު ކުރި ކަމަށެވެ. އަދި ފައިސާ ނުދިނަސް ހިލޭ އެކަން ކޮށްދީފާނެކަމަށް ބުނެފައި ވާނެ ކަމަށް ވެސް ކަމާލްގެ ޓުވީޓްގައިވެ އެވެ.

ނަމަވެސް އަޖޭ ބުނަނީ ކަމާލް ކޮންމެ ގޮތަކަށް މިހާރު ވާހަކަ ދެއްކި ނަމަވެސް މި މައްސަލަ ތަހުގީގުކުރަން ޖެހޭނެ ކަމަށެވެ.