04 މެއި 2019 - 21:28

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުގެ އޮޕަރޭޝަން ތިއޭޓަރުން ފެން ލީކުވާތީ، މިއަދު ކުރަން ހަމަޖެއްސި އޮޕަރޭޝަންތައް ލަސްވެއްޖެ އެވެ.
ތިއޭޓަރުގެ އެއާކޮންޑިޝަނަށް ދިމާވި މައްސަލައަކާ ހެދި އެތަނުގެ ތެރެއަށް ފެން ފައިބާތީ، ހެނދުނު ކުރަން ހަމަޖެއްސި ބައެއް އޮޕަރޭޝަންތައް ވަނީ އެހެން ދުވަހަކަށް ބަދަލުކޮށްފަ އެވެ. އިމަޖެންސީގައި ކުރަން ޖެހޭ އޮޕަރޭޝަންތައް ލަސްކުރުމުން، ބައެއް މީހުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލުގައި، އޮޕަރޭޝަން ކުރުމާއި ޑޮކްޓަރަށް ދެއްކެނީ ވެސް ބޮޑު ކިޔޫއެއްގައި ޖެހިގެން އެތައް ދުވަހެއްގެ އިންތިޒާރަކަށް ފަހު އެވެ. މިއަދު ކުރަން ހަމަޖެއްސި އޮޕަރޭޝަންތައް ލަސްވުމުން، ޖެހިގެން އޮންނަ ދުވަހުގެ އޮޕަރޭޝަން ޝެޑިއުލަށް ވެސް ބާރުބޮޑުވާނެ އެވެ.
އައިޖީއެމްއެޗުގައި ދިމާވި މައްސަލައާ ހެދި ހިތްހަމަނުޖެހުންފާޅުކުރައްވައި، ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒް މުހްސިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުމުރުން 90 އަހަރުން މަތީގެ މީހަކު އިމަޖެންސީގައި މިއަދު މާލެ ގެނައުމުން އައިޖީއެމްއެޗުގައި ފަރުވާ ނުދެވުނު ކަމަށެވެ. އޮޕަރޭޝަން ނުކޮށް، ބަލި މީހާ އާއިލާއާ ހަވާލުކުރީ ތިއޭޓަރުން ފެންފައިބާތީ އޮޕަރޭޝަން ނުކުރެވުމުން ކަމަށް އޭނާ ލިޔުއްވާފައި ވެ އެވެ.
މުހްތާޒް ވިދާޅުވި ގޮތުގައި ބަލިމީހާ މިހާރު ވަނީ ފަރުވާދޭން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރަށް ދިމާވި މައްސަލަ މިހާރު ވަނީ ހައްލުކޮށްފަ އެވެ. ތަފްސީލެއް ނުދެއްވަ އެވެ.
އެނގިފައިވާ ގޮތުގައި، އޮޕަރޭޝަންތައް މެދުކަނޑާލައި، ޓެކްނީޝަނުން ގެންގޮސްގެން ތިއޭޓަރުގެ މަރާމާތުތަކެއް ކުރި އެވެ.
އައިޖީއެމްއެޗުގެ އޮޕަރޭޝަން ތިއޭޓަރުން މިއަދު ފެން ލީކުވި އިރު، އެ ހޮސްޕިޓަލުގެ އިމަޖެންސީގެ އޭސީ ހަލާކުވެ އެތަނުގެ ތެރޭގައި ހޫނުގަދަ ކަމުން އާއްމުންގެ ޝަކުވާ ބޮޑުވެފައިވާތާ ވެސް ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ކުއްލި ފަރުވާދޭ ކޮޓަރި އެހާ ހޫނު ގަދައީ އެ ހޮސްޕިޓަލުގެ ސެންޓްރަލް އެއާކޮންޑިޝަނިން ސިސްޓަމަށް ކުރިމަތިވެފައިވާ މައްސަލަތަކާ ހެދި ކަމަށާއި އެކަން ހައްލުކުރަން ބޭނުންވާ ކޫލިން ޓަވަރުތަކަށް ބޭރުން އޯޑަރު ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އެކަމަކު އެ މައްސަލަ ވެސް އަދި މުޅިން ހައްލެއް ނުވެ އެވެ.
އައިޖީއެމްއެޗު މަރާމާތު ކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުގެ އެހީގަ އެވެ. އެތަނުގެ ސެންޓްރަލް އެއާކޮންޑިޝަނިން ސިސްޓަމަށް މައްސަލަތަކެއް ދިމާވެފައި މިވަނީ، އިންޑިއާ ސަރުކާރުގެ އެހީގައި ވަރަށް ފަހުން އެތަނުގެ މަރާމާތުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންގޮސްފައި ވަނިކޮށެވެ.