ރަންވޭ އަށް ޖެއްސި ބޯޓު ކޯރެއްގެ ތެރެއަށް
ރަންވޭ އަށް ޖެއްސި ބޯޓު ކޯރެއްގެ ތެރެއަށް

ފްލޮރިޑާ (މެއި 4) - އެމެރިކާގެ ފްލޮރިޑާ ސްޓޭޓަށް ޖެއްސި ބޯއިން 737 ގެ މަތިންދާ ބޯޓެއް ރަންވޭ އިން ކަހާލައިގެން ގޮސް ކޯރަކަށް ވެއްޓިއްޖެ އެވެ.

ބޯޓުން ދަތުރު ކުރި 143 މީހުންނަށް މި ހާދިސާގައި މާބޮޑު ގެއްލުމެއް ނުލިބެ އެވެ. ކުދިކުދި ޒަޚަމްތަކާ ގުޅިގެން ވިއްސަކަށް މީހުންނަށް ވަނީ ފަރުވާ ދީފަ އެވެ.

މިއާމީ އެއާ އިންޓަނޭޝަނަލް އިން ޗާޓަރުކޮށްފައިވާ ބޯޓު ދަތުރު ކުރީ ކިއުބާގެ ގުއަންޓަނާމޯ ބޭ އިން ޖެކްސޮންވިލީގެ އަސްކަރީ ކަރުކަޒަކަށެވެ. ބޯޓުން ދަތުރު ކުރި ޕަސެންޖަރުން ބުނީ ބޯޓު ޖައްސަން އުޅުނީ ގަަދަ ކޮޅިގަނޑެއްގެ ތެރޭގައި ކަމަށެވެ. ބޯޓު ޖެއްސުމާ އެކު ކޮންޓްރޯލް ނުވެ ގޮސް ވެއްޓުނީ ކައިރީގައިވާ ސެއިންޓް ޖޯންސް ކޯރަށެވެ. އެއީ އެހާ ފުން ކޯރަކަށް ނުވާތީ ބޯޓު އަޑިއަކަށް ނުދެ އެވެ.

ބޯޓުން ދަތުރުކުރި ޕަސިންޖަރެއް ކަމަށްވާ ޝެރީލް ބޯމަން ސީއެންއެން އަށް ބުނީ ބޯޓު ރަންވޭގައި ޖެހުމާ އެކު ދިޔައީ ބައުންސްވަމުން ކަމަށެވެ. އަދި ބޯޓު ދިޔަ ގޮތުން ޕައިލެޓުގެ ކޮންޓްރޯލް ނެތްކަން އެނގޭ ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެން ތިބީ ފެނުގައި. އަހަރެމެން ތިބީ ކޯރެއްގައި ކަމެއް، ކަނޑުގައި ކަމެއް ނޭނގޭ،" ބޯމަން ބުންޏެވެ.