02 ސެޕްޓެމްބަރ 2016 - 17:27

މިދިޔަ ޖުލައި މަހު މަސްވެރިން ބޭނި މަހުގެ ތެރެއިން ކުންފުނިތަކަށް ކިރުވި މިންވަރާއި ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު ވެސް ދަށަށް ހިނގައްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މަހަކު އެއްފަހަރު ނެރޭ "އިގްތިސާދީ ރިވިއު"ގައި ބުނެފައި ވަނީ މިދިޔަ ޖުލައި މަހު މަސް ކުންފުނިތަކަށް ކިރާފައި ވަނީ 1،665.5 ޓަނުގެ މަސް ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ފަސް ޕަސެންޓް ދަށް އަދަދެއް ކަމަށެވެ.
އެކަމަކު އެއީ މިދިޔަ ޖޫން މަހާ އަޅާބަލާއިރު 29 ޕަސެންޓް އިތުރު އަދަދެކެވެ.
ޖުލައި މަހު މަސްވެރިކަން ދަށްވީ، މަސް ގަންނަ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރާއްޖޭގެ މޫސުމް ގޯސްވެ، މަސްވެރިކަން ދަށަށް ދިއުމުންނެވެ.
"ޖުލައި މަހު މަސް ކިރުވި މިންވަރާއި އެކްސްޕޯޓް ދަށްވީ ރޯދަމަހާ ދިމާވެ އަދި ވިއްސާރަ މޫސުމް ދިގުލައިގެން ދިއުމުން،" އެންސިސް ފިޝަރީޒްގެ އޮފިޝަލަކު ވިދާޅުވި އެވެ.
"އަނެއްކާ ބޭރުގައި މަސް ގަންނަ އަގު ކޮންމެވެސް ވަރަކަށް އެދުވަސްކޮޅު ދަށްވި. އެއީ އެހެން ދިމަދިމާލުން މަސްވެރިކަން ރަނގަޅުވީމަ."
އެމްއެމްއޭގެ ރިވިއުގައި ބުނެފައި ވަނީ މިދިޔަ ޖުލައި މަހު މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 15 ޕަސެންޓް ވަނީ ދަށްވެފަ އެވެ. އެ މުއްދަތުގައި މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީގެ މިންވަރު 31 ޕަސެންޓް ދަށަށް ދިޔަ ކަމަށް ވެސް އެ ރިވިއުގައި ބުނެފައިވެ އެވެ.