05 މެއި 2019 - 06:59

ދާދި ފަހުން ބަތަލާ އަރޫނާ އިރާނީ ބުނި ގޮތުގައި އޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފިލްމެއް ހަދާ ނަމަ، އޭނާގެ ރޯލް ކުޅެން އެންމެ ރަނގަޅު ބަތަލާއަކީ އާލިއާ ބަޓެވެ. މިހާރު މަދޫރީ ޑިކްސިޓް ވެސް ބުނަނީ އެހެންނެވެ.
މިދިޔަ މަހު ރިލީޒް ކުރި "ކަލަންކް" ގައި، ޒުވާން ބަތަލާއާ އެކު މަސައްކަތް ކުރި މަދޫރީ މީޑިއާތަކަށް ބުނީ އޭނާގެ ބައޮގްރަފިކަލް ޑްރާމާ ކުޅެން އެންމެ ކަމުދާ ބަތަލާއަކީ އާލިއާ ކަމަށެވެ. އަދި އެ ރޯލް ކުޅެން އާލިއާ ކުރަން ޖެހޭނެހާ ވެސް ކަމަކީ ހަމައެކަނި ކަތަކް ޑާންސަށް ފަރިތަވެލުން ކަމަށް، ބޮލީވުޑްގެ އެންމެ ހުނަރު ނެށުންތެރިންގެ ތެރޭގައި ވެސް ހިމެނޭ މަދޫރީ ބުންޏެވެ.
"ބޮޑު ސްކްރީނުން އަހަރެންގެ ރޯލުން އާލިއާ ފެނުމަކީ ވަރަށް މަޖާ ކަމަކަށް ވެސް ވާނެ. އަހަރެން އުންމީދުކުރަން އެކަހަލަ ދުވަހެއް އަންނާނެ ކަމަށް،" އޭނާ ބުންޏެވެ. "އަނެއްކާ އާލިއާ އަކީ އެހާމެ މޮޅު ބަތަލާއެއް. އަހަންނަށް ވަރަށް ޔަގީން އަހަރެންގެ ރޯލަށް އޭނަ ވަރަށް މޮޅަށް އިންސާފުކޮށް ދޭނެ."
"ކަލަންކް" ގައި މަދޫރީ، 51، އާ އެކު ސްކްރީން ހިއްސާ ކުރަން ލިބުމުން އާލިއާ، 26، ވަނީ އެއީ ބޮޑު ޝަރަފެއް ކަމަަށް ބުނެފަ އެވެ.
އާލިއާ މިހާރު އަންނަނީ ބައްޕަ މަހޭޝް ބަޓްގެ "ސަޅަކް 2" ގެ ޝޫޓިން ފަށަން ތައްޔާރުވަމުންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކަކީ "ބުރައްމަސްތުރާ" "އިންޝާﷲ" އަދި "އާރްއާރްއާރް" އެވެ. އަދި މި މަހުގެ 10 ގައު ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ލަވައަކުން ވެސް އާލިއާ ފެނިގެން ދާނެ އެވެ.
"ކަލަންކް" އާއި ފެބްރުއަރީ މަހު ރިލީޒް ކުރި "ޓޯޓަލް ދަމާލް" އަށް ފަހު، މަދޫރީ މި ވަގުތު އެއްވެސް ފިލްމެއްގެ މަސައްކަތެއް ނުކުރެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްޓަރު އަޔޫޝްމަން ކުރާނާގެ އަންހެނުން ތާހިރާ ކެޝަޕްގެ އަލަތު ޑައިރެކްޝަން "ޝަރުމާ ޖީ ކީ ބޭޓީ" ކުޅޭނެ ކަމުގެ ފެހި ސިގްނަލް ދިނުމަށް ފަހު، މަދޫރީ މިހާރު ވަނީ އެ ފިލްމު ދޫކޮށްލައިފަ އެވެ.