ޕޮޗެޓީނޯ އާއި ކްލޮޕަށް މަންޗިނީގެ މެސެޖެއް
ޕޮޗެޓީނޯ އާއި ކްލޮޕަށް މަންޗިނީގެ މެސެޖެއް

މިލާން (މެއި 4) - ފުޓްބޯޅައިގައި ކާމިޔާބީ ވަޒަންކުރަނީ ހޯދާ ތަށީގެ ނިސްބަތުން ކަމަށާއި ހަމައެކަނި ރަނގަޅު ޓީމެއް ބިނާކޮށް ސަޕޯޓަރުންގެ ރުހުން ލިބުނަސް ހުރިހާ ކަމެއް ހާސިލްނުވާނެ ކަމަށް ބުނެ ޓޮޓެންހަމްގެ ކޯޗު މައުރީސީއޯ ޕޮޗެޓީނޯ އާއި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕަށް އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީ މެސެޖެއް ދީފި އެވެ.

ޕޮޗެޓީނޯ އާއި ކްލޮޕަށް މަންޗިނީގެ މެސެޖެއް
ޕޮޗެޓީނޯ އާއި ކްލޮޕަށް މަންޗިނީގެ މެސެޖެއް

މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުން ޓޮޓެންހަމް ވަނީ އަމިއްލަ ދަނޑުގައި އަޔަކްސް އަތުން 1-0 އިން ބަލިވެފަ އެވެ. ލިވަޕޫލް ރަށުން ބޭރުގައި ވަނީ ބާސެލޯނާ އަތުން 3-0 އިން ބަލިވެފަ އެވެ. އެ ނަތީޖާތަކަށް ބަލާއިރު ޗެމްޕިއަންސް ލީގު ހޯދުމުގެ ފުރުސަތު މި ދެ ޓީމަށް ވެސް ވަނީ ކުޑަވެފަ އެވެ.

ޓޮޓެންހަމާއި ލިވަޕޫލް މިދިޔަ އަހަރުތަކުގައި ކުރިއެރުން ހޯދި ނަމަވެސް ކާމިޔާބެއް ނުލިބެ އެވެ. ކުރިން މެންޗެސްޓާ ސިޓީ އަށް ކޯޗުކޮށްދިން މަންޗިނީ ބުނީ އިޓަލީގައި ކްލޮޕާއި ޕޮޗެޓީނޯ މަސައްކަތްކުރާނަމަ މިހާރު އެ ދެ މީހުންނަށް ވަޒީފާ ގެއްލޭނެ ކަމަށެވެ.

"އިޓަލީގައި މާ ބޮޑު ފުރުސަތެއް ނުދޭނެ. ވަރަށް ޑިމާންޑިން ވަޒީފާއެއް ކޯޗުކަމަކީ. ޕޮޗެޓީނޯ ޓޮޓެންހަމްގައި ހޭދަކުރި ފަސް އަހަރުގައި ވަރަށް ގިނަ ހަރަދުކޮށް ރަނގަޅު ޓީމެއް އެކުލަވާލައިފި. ހަމައެގޮތަށް ކްލޮޕް ވެސް ވަރަށް ބޮޑުތަނުން ލިވަޕޫލް ރަނގަޅުކޮށްފި. އެކަމަކު ކާމިޔާބީއެއް ނެތް،" މެންޗެސްޓާ ސިޓީ އަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފައިވާ މަންޗިނީ ބުންޏެވެ.

"އިޓަލީގެ ޓީމުތަކެއްގައި ތިބި ނަމަ ފާޑުކިއުންތަކާއި ފިއްތުންތަކުގެ ސަބަބުން ކްލޮޕާއި ޕޮޗެޓީނޯ ތިބޭނީ ނަފްސާނީ ގޮތުން ވެސް އަސަރުކޮށްފައި،"

އިނގިރޭސި ޕްރިމިއާ ލީގުގެ ހަދަ ހަތަރެއްގައި ނިންމާލުމަކީ މި ވަގުތަށް ބަލާއިރު ތަށްޓެއް ހޯދުން ފަދަ ކަމެއް ކަމަށް ބުނެ ޕޮޗެޓީނޯ ވަނީ މީގެ ކުރިން ވާހަކަ ދައްކައިފަ އެވެ. މަންޗިނީ ބުނީ އެއީ އޭނާ ގަބޫލުކުރާ ވާހަކައެއް ނޫން ކަމަށެވެ.

"ޕްރިމިއާ ލީގު ވަރުގަދަ ވުމަކީ ގަދަ ހަތަރެއްގައި ނިންމާ ކޮންމެ ޓީމަކަށް ތަށްޓެއް ލިބޭ ވިސްނުން ގެންގުޅުމެއް ނޫން. އިންގްލެންޑްގައި ތިން މުބާރާތް ކުޅޭ. އޭގެން މުބާރާތެއް ކާމިޔާބު ކުރެވެންޖެހޭނެ. ފުޓްބޯޅައިގައި ކްލަބެއްގެ އަގު އުފުލެނީ ކުރިއެރުމަށް ވުރެން ބޮޑަށް ތަށީގެ އަދަދުން،" މަންޗިނީ ބުންޏެވެ.

މި ސީޒަނުގައި ލިވަޕޫލުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުން ކަމަށާއި ޕްރިމިއާ ލީގުގެ ތަށްޓައް މެންޗެސްޓާ ސިޓީ ނޫން ޓީމަކާ ލިވަޕޫލުން ވާދަކުރާނަމަ ކާމިޔާބު ހޯދުމުގެ ފުރުސަތު ބޮޑު ކަމަށް މަންޗިނީ ވަނީ ބުނެފަ އެވެ.