04 މެއި 2019 - 11:53

ފައިނަލުގައި ކްލަބް ވެމްކޯގެ މައްޗަށް 6-1 އިން ހޯދި ފުރިހަމަ މޮޅާ އެކު ޔުނައިޓެޑް ބީއެމްއެލް (ބޭންކް އޮފް މޯލްޑިވްސް) އިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ދެ ވަނަ ފަހަރަށް އުފުލާލައިފި އެވެ.
ބީއެމްއެލް އިން އެންމެ ފުރަތަމަ މި މުބާރާތް ކާމިޔާބުކުރީ 2016 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތުގައި ކުޅުނު ކުޅުންތެރިން މި ފަހަރުގެ ޓީމުގައި ވެސް ހިމެނުނެވެ.
މުބާރާތުގެ އަންހެން ބައިގެ ތަށި އުފުލާލީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ. ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފައިނަލުގައި ޕޮލިސް ކްލަބްގެ މައްޗަށް އެމްޕީއެލް އިން ކުރި ހޯދީ 4-3 އިންނެވެ.
ހުޅުމާލޭ ފުޓްސަލް ކޯޓުގައި ކުރިއަށްދިޔަ ފިރިހެން ބައިގެ ފައިނަަލަށް ރޭ ވެމްކޯ އިން ނުކުތްއިރު އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ކާޑު ހަމަވުމުގެ ސަބަބުން އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ހުސެއިން ގައްސާން ލަބީބް (ހުސީ) ސަސްޕެންޑްވުމެވެ. އޭނާ އަކީ މި މުބާރާތުގައި ވެމްކޯ ފަހަތުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެކެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބީއެމްއެލް އަށް ލީޑުނަގައިދިނީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ހާފިޒް (ހާއްޕެ) އެވެ. ވެމްކޯ އިން ނަތީޖާ ހަމަަހަމަކުރަން ފޮނުވާލި ގިނަ ހަމަލާތަައް ބީއެމްއެލްގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފް އެއްކޮށް މި ނަތީޖާގައި އޮތްއިރު، ފަރަގު ބޮޑުވެގެންދިޔައީ ދެ ވަނަ ހާފުގަ އެވެ.
ބީއެމްއެލް އަށް އިތުރު ދެ ލަނޑު ޖަހައިދީ ހާއްޕެ އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު، އިބްރާހިމް އަސްވަދު (ގަބޭ) ވަނީ ވެމްކޯ އަށް ލަނޑެއް ޖަހައިދީފަ އެވެ. އެކަމަކު ވެމްކޯ އިން އެ ލަނޑު ޖަހާ މެޗުގެ ތެރެއަށް ވަދެގެން ކުޅެން ފެށި ނަމަވެސް މާ ބޮޑު ތަފާތެއް ނުދެއްކުނީ ކައުންޓަ އެޓޭކުގައި ބީއެމްއެލް އިން އިތުރު ތިން ލަނޑު ޖެހުމުންނެވެ. އިބްރާހިމް ސިނާހު (ސިނާ) ދެ ލަނޑު ޖެހިއިރު، އަނެއް ގޯލު ކާމިޔާބުކުރީ ޓީސީ ސްޕޯޓްސް ކްލަބްގެ ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ބީއެމްއެލްގެ ސައްޓު އާއި ޗެކް އަދި ހާއްޕެ އާއި ވެމްކޯގެ ގަބޭ އަދި އަބްދުﷲ ޝައްފާން (ޝާކާ) އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާ އަދި "ކިންގް އޮފް ފުޓްސަލް" އަށް ހޮވުނީ ކުރިން ޓީސީ އަށް ކުޅުނު ހާއްޕެ އެވެ. އަދި އެންމެ މޮޅު ކޯޗަކީ ބީއެމްއެލްގެ ކޯޗު އަދި ވިކްޓަރީގެ ކުރީގެ ކުޅުންތެރިޔާ އިސްމާއިލް އަނިލް އެވެ.
އެންމެ ގިނަ ލަނޑު ޖެހީ 14 ގޯލު ކާމިޔާބުކުރި ވެމްކޯގެ ޝައްފާން އެވެ. ފެއާ ޕްލޭޔަރަކަށް ބީއެމްއެލްގެ ސިނާ ހޮވުނުއިރު، ފެއާ ޕްލޭ ޓީމަކީ ޕްރިޒަން ކްލަބް އެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިއަކީ އުރީދޫގެ މުހައްމަދު ރިފްޝާން އެވެ.