90 މީހުންނަށް އެޗްއައިވީ ޖެއްސި ޕާކިސްތާނުގެ ޑޮކްޓަރު ހައްްޔަރުކޮށްފި
90 މީހުންނަށް އެޗްއައިވީ ޖެއްސި ޕާކިސްތާނުގެ ޑޮކްޓަރު ހައްްޔަރުކޮށްފި

އިސްލާމްއާބާދު (މެއި 5) - ބޭނުންކޮށްފައި ހުރި ސިރިންޖް ދެ ވަނަ ފަހަރަށް ބޭނުންކޮށްގެން 90 މީހުންނަށް އެޗްއައިވީ ޖެހިފައި ވަނީ ޑޮކްޓަރުގެ އިހުމާލުން ކަމަށް ބުނެ ޕާކިސްތާނުގެ ޑޮކްޓަރު ހައްޔަރުކޮށްފި އެވެ.

"ސިއްހީ ދާއިރާގެ އޮފިޝަލުންގެ ޝަކުވާ ހުށަހެޅުމުން ޑޮކްޓަރު މިހާރު ވާނީ ހައްޔަރުކޮށްފައި،" ދެކުނުގެ ލަރްކާނާގެ ފުލުހުންގެ ވެރިޔާ ކަމްރާން ނަވާޒް ވިދާޅުވި އެވެ. "އެ ޑޮކްޓަރަށް ވެސް އެޗްއައިވީ ޖެހިފައިވާކަމުގެ މައުލޫމާތު ލިބިފައި ވަނީ."

މި މައްސަލަ މިދިޔަ ހަފުތާގައި ފެންމަތިވީ އެ ސިޓީގައި އުޅޭ 18 ކުއްޖަކު އެޗްއައިވީ އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެހެންކަމުން އޮފިޝަލުން ވަނީ އެޗްއައިވީ އަށް ސްކްރީންކުރުމުގެ ފުޅާ ޕްރޮގްރާމެއް ހިންގައިފަ އެވެ. ފަހުން އެނގުނު ގޮތުގައި އެތައް ބަޔަކަށް ވަނީ އެޗްއައިވީ ޖެހިފަ އެވެ.

"ގާތްގަނޑަކަށް 90 މީހުންނަށް އެޗްއައިވީ ވަނީ ޖެހިފައި. އޭގެ ތެރޭގައި 65 ކުޑަކުދިން ހިމެނޭ،" ޑިސްޓްރިކްޓް ހެލްތު އޮފިޝަލެއް ކަމަށްވާ ޑރ. އަބްދުއްރަހުމާން ވިދާޅުވި އެވެ.

ކަމާބެހޭ އޮފިޝަލުން ބުނީ މި އެންމެންނަށް ވެސް އެޗްއައިވީ ޖެހިފައި ވަނީ އެއް ޑޮކްޓަރަކު އަމަލުކުރި ގޮތުން ކަމަށެވެ. އެޗްއައިވީ ޖެހިފައިވާ މީހުންނަށް ބޭނުން ކުރި ސިރިންޖް އޭނާ ވަނީ އެހެން މީހުންނަށް ވެސް ބޭނުންކޮށްފަ އެވެ.

ސިންދު ޕްރޮވިންސްގެ ހެލްތު މިނިސްޓަރު އަޒްރާ ޕެޗުހޫ ވިދާޅުވީ އެޗްއައިވީ ޖެހިފައިވާ ކުދިންގެ ބެލެނިވެރިންގެ ލޭގެ ޓެސްޓްތައް ހަދާފައިވާ ކަމަށާއި އެ މީހުން ނެގެޓިވް ކަމަށެވެ.