އެންމެ އަގުބޮޑު ކްލަބަކީ ސިޓީ، ޔުނައިޓެޑް ފަހަތަށް!
އެންމެ އަގުބޮޑު ކްލަބަކީ ސިޓީ، ޔުނައިޓެޑް ފަހަތަށް!

ލަންޑަން (މެއި 4) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ތެރެއިން މިދިޔަ ސީޒަނަށް ބަލާއިރު އެންމެ އަގުބޮޑު ކްލަބަކަށް މެންޗެސްޓާ ސިޓީ ހޮވުނުއިރު، ކުރިން އެ މަގާމުގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ފަހަތަށް ޖެހިލައިފި އެވެ.

އާމްދަނީ އަށް ބަލާއިރު އަދިވެސް ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ ޔުނައިޓެޑެވެ. އެކަމަކު އަގުބޮޑު ލިސްޓުގައި ޔުނައިޓެޑަށް ގެއްލުން ދެއްކީ ކުޅުންތެރިންނަށް ދޭ މުސާރަ އާއި އެހެނިހެން ހަރަދުތަށް ބޮޑުވުމުންނެވެ. އަދި ކްލަބަށް ފައިދާގެ ގޮތުގައި ރެކޯޑް ކުރެވޭ އަަދަދުވެސް ޔުނައިޓެޑުގެ ވަނީ ދަށްވެފަ އެވެ.

ޔުނިވާސިޓީ އޮފް ލިވަޕޫލް ސެންޓަ ފޯ ސްޕޯޓްސް ބިޒްނަސް އިން އާންމުރި ރިޕޯޓްގައިވާ ގޮތުން ސިޓީގެ އަގު މިހާރު އުޅެނީ 3.07 ބިލިއަން ޑޮލަރުގަ އެވެ. އެއީ އެންމެ ފަހުން ނެރުނު ތަފާސްހިސާބުތަކާ އަޅާބަލާއިރު، 506 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑްގެ އަގަކީ 2.74 ބިލިއަން ޑޮލަރެވެ. މިއީ އެންމެ ފަހުން ނެރުނު ރިޕޯޓާ އަޅާބަލާއިރު 494.9 މިލިއަން ޑޮލަރުގެ ވެއްޓުމެކެވެ.

ޔުނައިޓެޑަށް މިހާ ބޮޑު ވެއްޓުމެއް ކުރިމަތިވީ އެ ޓީމުގެ ހަރަދުތައް ކުރިއަށް ވުރެން އެތައް ގުނައެއް އިތުރުވަމުންދާތީ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ މިދިޔަ ސީޒަނަށް ބަލާއިރު ކުޅުންތެރިންގެ މުސާރަ އަށް އެންމެ ބޮޑު ހޭދައެއް ކުރީ ޔުނައިޓެޑުންނެވެ.

ސިޓީ އަކީ ނިސްބަތުން ބަލާއިރު ޕްރިމިއާ ލީގުގައި ވާދަކުރާ ބޮޑެތި ޓީމުތަކުގެ ތެރެއިން ކުޅުންތެރިންގެ މުސާރަ އެންމެ ކޮންޓްރޯލް އެއް ކްލަބެވެ. އެ ޓީމުގެ އަގުއުފުލުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ސްޕޮންސަރުންގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވިއިރު، ކުޅުންތެރިންގެ މުސާރަ އާއި އެހެނިހެން ހަރަދުތައް އެންމެ ރަނގަޅު ސިސްޓަމެއްގެ ކޮންޓްރޯލް ކުރެވިފައިވާތީ އެވެ.

ސިޓީގެ ވެރިޔާ ޝެއިހް މަންސޫރު ކްލަބް ހިންގުމުގައި ގެންގުޅުއްވާ އުސޫލުގެ ތެރެއިން އެ ކްލަބްގެ ދަރަނި ވަރަށް ބޮޑަށް މަދުކޮށްފައިވާއިރު، ދާދި ފަހުން ވަނީ ހިއްސާދާރުންގެ އަދަދު ވެސް މަދުކޮށްފަ އެވެ. އެ ކްލަބްގެ ހިންގުމުގެ މޮޑެލް އަށް އަހަރުން އަހަރަށް ބަދަލުތައް ގެންނަނީ އެމެރިކާގެ ކޮންސަލްޓަންޓުންގެ ލަފާގެ މަތިންނެވެ. އޭގެ ތެރޭގައި ގިނައީ ދުނިޔޭގެ އެންމެ ފުންނާބު އުސް ކޮންސަލްޓަންޓުންނެވެ.

އެންމެ ފަހުން ނެރުނު ރިޕޯޓާ އަޅާބަލާއިރު ޕްރިމިއާ ލީގުގެ ކްލަބްތަކުގެ އަގު ވަނީ 1.6 ޕަސެންޓް ދަށްވެފަ އެވެ. ޕްރިމިއާ ލީގުގެ ކްލަބްތަކުގެ އަގު މިހާރު ހުރީ 19.3 ބިލިއަން ޑޮލަރުގަ އެވެ. އޭގެ ތެރެއިން 14.3 ބިލިއަން ޑޮލަރަކީ ޕްރިމިއާ ލީގުގެ ގަދަ ހަ ޓީމުގެ އަގެވެ. އެއީ ސިޓީ އާއި ޔުނައިޓެޑްގެ އިތުރުން ލިވަޕޫލާއި ޗެލްސީ، އާސެނަލް އަދި ޓޮޓެންހަމް އެވެ. އެއް ވަނައިގައި އޮތް ސިޓީ އާއި ގަދަ ހަ ޓީމުގެ ތެރެއިން އެންމެ ފުލުގައި އޮތް އާސެނަލްގެ ފަރަގަކީ އެއް ބިލިއަން ޑޮލަރެވެ.

އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ޓޮޓެންހަމް އާއި ޗެލްސީ އަދި ލިވަޕޫލުންނެވެ. އާސެނަލާއި ލެސްޓާ އަށް ބޮޑު ގެއްލުމެއް ކުރިމަތިވީ ޔޫރަޕްގެ މުބާރާތްތަކުން ލިބޭ އާމްދަނީ މިދިޔަ އަހަރު ދަށްވުމުންނެވެ.

ޔުނިވާސިޓީ އޮފް ލިވަޕޫލް ސެންޓަ ފޯ ސްޕޯޓްސް ބިޒްނަސް އިން މި ރިޕޯޓް އެކުލަވާލާއިރު ބަލާނީ ތިން އަހަރުގެ މުއްދަތަކަށެވެ. އަހަރަކު އެއް ފަހަރު ރިޕޯޓް އާއްމުކުރާއިރު ވެސް ތިން އަހަރުގެ މުއްދަތަކަށް ހިނގާ ހަރަދުތައް އަޅާކިޔާނެ އެވެ. އެއީ ގިނަ ހަރަދުތައް ކްލަބްތަކުން ކުރަނީ އާންމުގޮތެއްގައި ތިން އަހަރަށް ބަހާލައިގެން ކަމަށްވާތީ އެވެ.

އަގުބޮޑު ލިސްޓު އާންމުކުރާނީ ކްލަބަށް ލިބޭ ވިޔަފާރި އާމްދަނީ އާއި ވިޔަފާރި ފައިދާގެ އިތުރުން ކުޅުންތެރިން ވިއްކައިގެން ލިބޭ އާމްދަނީގެ އިތުރުން ލޯންތަކާއި އެހެނިގެން ހަރަދުތަކަށް ބެލުމަށް ފަހު އެވެ. ހާއްސަ އުސޫލުގެ ތެރެއިން ކުޅުންތެރިންގެ މުސާރަ ކޮންޓްރޯލް ކުރާ ގޮތުގެ އޮޑިޓް ރިޕޯޓްތައް ވެސް ދިރާސާ ކުރާނެ އެވެ.

މި އަހަރުގެ ޖެނުއަރީ މަހު ޑެލޮއިޓުން އާންމުރި އެންމެ މުއްސަނދި ކްލަބްތަކުގެ ލިސްޓުގެ އެއް ވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު ދެ ވަނައިގައި އޮތީ ބާސެލޯނާ އެވެ. ޔުނައިޓެޑަށް ލިބުނީ ތިން ވަނަ އެވެ. ހަތަރު ވަނައިގައި ބަޔާން މިއުނިކް އޮތްއިރު މި ލިސްޓުން ސިޓީ އަށް ލިބެނީ ހަތަރު ވަނަ އެވެ.