04 މެއި 2019 - 12:03

ޓިއުރިން (މެއި 4) - އޭނާ އަށް ފުޓްބޯޅަ ސަޕޯޓަރުންނާއި އެކި މީހުންގެ ފަރާތުން އަމާޒުވާ ފާޑުކިޔުންތަކުގެ ސަބަބުން ލިބެނީ ހިތްވަރުކަމަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ގިނައިން ހޯދި އެއް ކުޅުންތެރިޔެއް ކަމަށްވާ ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
މި ސީޒަނުގައި ޖުމްލަ 117 މިލިއަން ޔޫރޯގެ އަގަކަށް ޔުވެންޓަސްއާ ގުޅި ރޮނާލްޑޯ ވަނީ އެ ޓީމާ އެކު އިޓާލިއަން ލީގު ކާމިޔާބުކޮށް ރެކޯޑެއް ގާއިމުކޮށްފަ އެވެ. އެއީ އިންގްލިޝް ޕްރިމިއާ ލީގާއި ސްޕެނިޝް ލަ ލީގާ އަދި އިޓާލިއަން ސެރިއާ ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފެވެ. ޔުވެންޓަސް އިން ރޮނާލްޑޯ ގެނައީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އަމާޒުގަ އެވެ. އެކަމަކު މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން އަޔަކްސް އަތުން ބަލިވެ ޔުވެންޓަސް ވަނީ ކަޓައިފަ އެވެ.
ސްޕެއިނުގެ ނޫހެއް ކަަމަށްވާ "އެލް ޕައިސް" އަށް ދިން އިންޓަވިއުއެއްގައި އުމުރުން 34 އަހަރުގެ ރޮނާލްޑޯ ބުނީ ކެރިއަރުގައި މިހާތަނަށް ހުރިހާ ކަމެއް ވެސް ހާސިލްކުރީ ހުރިހާ ޗެލެންޖަކާ ކެރިގެން ކުރިމަތިލައިގެން ކަމަށެވެ.
"ފުޓްބޯޅަ އަކީ އަހަންނަށް މިޝަން އެއް. މޮޅުވީމަ އަހަންނަށް ހުރިހާ އުފަލެއް ލިބެނީ. އަބަދުވެސް ޕްރެޝަރެއް އޮވޭ. ކޮންމެ މީހެއް އަބަދުވެސް އެމީހެއްގެ ވިސްނުމުގައި ގޮތެއް ނިންމަނީ. އެކަމަކު ހަގީގަތަކީ ފާޑިޔުންތަކަކީ އަހަންނަށް ލިބޭ ހިތްވަރު،" ރޮނާލްޑޯ ބުންޏެވެ.
"އޭނާ ދެން ނުވާނެ. މިހާރު 33 އަހަރުވެއްޖެ. އޭނާ އަށް 34 އަހަރުގައި ނުކުޅެވޭނެ. މިހާރު ދެން 35 އަހަރުގައި ކުޅުން ހުއްޓާލަންވީ. މިއީ އަހަންނަށް މިހާރު ހުރި ޗެލެންޖްތައް. އެ ވާހަކަތަކުގެ ސަބަބުން އަހަރެން ކުރިއަށްދާން ހިތްވަރުލިބޭ."
ރެއާލް މެޑްރިޑްގައި ހޭދަކުރި އަހަރުތަކުގެ މަތިން އަބަދުވެސް ހަނދާން ހުންނާނެ ކަމަށާއި އެ ދުވަސްތަކުގައި ހޯދި ކާމިޔާބީތަކަކީ ހުރިހާ ގޮތަކުން ވެސް ހާއްސަ ކަންތައްތައް ކަމަށް ރޮނާލްޑޯ ފާހަގަކުރި އެވެ.
ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ފުރުސަތު ލިބިއްޖެނަމަ ބޭނުންހިފާނެތޯ ސުވާލުކުރުމުން ރޮނާލްޑޯ ވަނީ އެއީ ނުވާނެ ކަމެއް ކަމަށް ބުނެފަ އެވެ.
"ބާސެލޯނާ އަކީ އަހަންނަށް އޮތް ޓީމެއް ނޫން. އަހަންނަށް ޔަގީން ބާސެލޯނާ މީހުންނަށް އަހަރެން ކަމުނުދާނެ. އެއީ ރެއާލް މެޑްރިޑާ އޮންނަ ވާދަވެރިކަމެއްގެ ސަބަބުން. އެހެން ނޫނަަސް އެއީ މުހިއްމު ކަމެއް ނޫން،" ރޮނާލްޑޯ ބުންޏެވެ.
އަންނަ އަހަރުގައި ވެސް ފެންނާނީ ޔުވެންޓަސް ކުޅުންތެރިއެއްގެ ގޮތުގައި ކަމަށާއި އަންނަ އަހަރު އެ ޓީމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން ޓޮރިނޯއާ ޔުވެންޓަސް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ސާސާ ލުކިޗްގެ ގޯލުން ޓޮރިނޯ ލީޑުނަގާފައިވަނިކޮށް މެޗު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް ޔުވެންޓަސް އަށް އެއްވަރުކޮށްދިނީ ރޮނާލްޑޯ އެވެ.