ނިއު ޒިލެންޑްގެ ބޮޑުވަޒީރު އެންގޭޖްވެއްޖެ
ނިއު ޒިލެންޑްގެ ބޮޑުވަޒީރު އެންގޭޖްވެއްޖެ

ނިއު ޒިލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން އެކަމަނާގެ ލޯބިވެރިޔާ ކްލާކް ގެފޯޑްއާ އެންގޭޖް ވެއްޖެ އެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން ޖަސިންޑާ، 38، އާއި ކްލާކް، 41، އެންގޭޖްވީ ހުކުރު ދުވަހު ބޭއްވި ހަފުލާއެއްގަ އެވެ.

ކްލާކަކީ މަޝްހޫރު ޓީވީ ޝަހުސިއްތަކެވެ. އޭނާ ހުށަހަޅުއްވާފައިވާ ޓީވީ ޝޯއެއް ނެޝަނަލް ޖިއޯގްރެފިކް ޗެނެލުން ވެސް ގެނެސް ދީފައިވެ އެވެ.

ޖަސިންޑާ އެންގޭޖްވެފައި މި ވަނީ މި ވަނީ މިދިޔަ މަހުގެ ތެރޭގައި ނިއު ޒިލެންޑުގެ މިސްކިތްތަކެއްގައި ދިން ނުރައްކާތެރި ޓެރިސްޓް ހަމަލާތަކަށް ފަހު އެކަމަނާ އަމަލުކުރެއްވި ގޮތުން ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވަނިކޮށެވެ.

ނިއު ޒީލެންޑުގެ ކްރައިސްޗާޗްގެ ދެ މިސްކިތެއްގައި ދިން ބަޑީގެ ހަމަލާއާ ގުޅިގެން ޖަސިންޑާ މުސްލިމުންނާ މެދު ބެހެއްޓެވި އޯގާތެރި ކަމަށްޓަކައި އެކަމަނާ އަށް މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ހައްގުވާ ކަމަށް ބުނެ ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އެ މަސައްކަތުގައި އިސްކޮށް ހުންނެވީ ފްރާންސްގެ ބަހުގެ އިލްމުވެރިއެއް ކަމަށްވާ އަދި ހައުސް އޮފް ވިޒްޑަމްގެ ބާނީ ޑރ. ކާލް ޓޮރަބްލީ އެވެ.