04 މެއި 2019 - 08:15

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ހާންގެ އެއްބަނޑު އެއްބަފާ ދައްތަ ނިޙާތު ހާން އުމުރުން 55 އަހަރުގައި އެކްޓިން އަށް ނުކުމެ، އޭނާގެ ފުރަތަމަ ފިލްމުގެ މަސައްކަތް ނިންމާލައިފި އެވެ.
ނިޙާތު ކުޅުނު ފުރަތަމަ ފިލްމަކީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޝޫޓިން ފަށައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ނިންމައިލި "ސާންޑް ކީ އާންކް" އެވެ. މިއީ އަނޫރާގް ކެޝަޕާއި ރިލަޔަންސް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ ބައޮގްރަފިކަލް ޑްރާމާއެކެވެ.
ތުޝާރު ހިރަނަންދާނީ ޑައިރެކްޓް ކުރާ "ސާންޑް ކީ އާންކް" އަކީ ދުނިޔޭގެ އެންމެ ދުވަސްވީ އަންހެން ދެ ޝޫޓަރުން ކަމަށްވާ އަދި އިންޑިއާ އަށް ނިސްބަތްވާ ޗަންދުރޯ އާއި ޕްރަކާޝީ ތޯމަރުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ޕްރަކާޝީއަކީ ޗަންދުރޯގެ ފަހަރިއެކެވެ.
މި އަހަރުގެ ދިވާލީގައި ރިލީޒްކުރަން ނިންމާފައިވާ ފިލްމުގައި ޗަންދުރޯ، 86، އާއި ޕްރަކާޝީ، 81، ގެ ރޯލް ކުޅެފައިވަނީ ޒުވާން ދެ ބަތަލާ އިން ކަމަށްވާ ތާޕްސީ ޕައްނޫ އާއި ބޫމީ ޕެޑްނޭކަރެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ސާންޑް ކީ އާންކް" އާމިރުގެ ދައްތަ ފެނިގެން ދާނީ މަހާރާނީއެއްގެ ރޯލުންނެވެ. އަދި އެއީ ފިލްމުގެ ވަރަށް ބޮޑު އަދި އެހާމެ މުހިއްމު ރޯލެއް ކަމަށް ވެސް ބުންޏެވެ.
ބޮލީވުޑްގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ އާމިރުގެ ދައްތަ ނިޙާތުގެ އެކްޓިން ބޮޑު ސްކްރީނުން ބަލައިލަން ލިބުމަކީ ހަމަ ޔަގީނުން ވެސް "ސާންޑް ކީ އާންކް" އަށް މިހާރު މާ ބޮޑަށް ވެސް ބެލުންތެރިން އިންތިޒާރު ކުރާނެ ސަބަބަކަށް ވާނެ އެވެ.
އާމިރުގެ އާއިލާ އިން އެކްޓް ކުރަން ނުކުތް މީހުންގެ ތެރޭފައި އޭނާގެ ކޮއްކޮ ފައިސަލް ހާނާއި އާމިރަށް ބޮޑުބޭބެ ކިޔާ އިމްރާން ހާން ހިމެނެ އެވެ. އެކަމަކު އެ ދެ މީހުން ބެލުންތެރިން ބަލައިގެންފައި ނުވާ އިރު، މިހާރު ވަނީ އެއްކޮށްހެން ބޮލީވުޑުން ގެއްލިފަ އެވެ.
އާމިރުގެ އެއްބަނޑު އެއްބަފާ ތިބެނީ ހަތަރު ބެއިންނެވެ. އެއީ ނިހާތު އާއި ފައިސަލާއި ފަރުހަތު ހާނެވެ. އެ މީހުންގެ ބައްޕަ ތާހިރު ހުސައިނަކީ ކުރީގެ ވަރަށް މަޝްހޫރު ޕްރޮޑިއުސަރެއް/ޑައިރެކްޓަރެކެވެ.
އޮކްޓޯބަރު 25 ގައި ރިލީޒް ކުރާ "ސާންޑް ކީ އާންކް" ގެ ކާސްޓުންގެ ތެރޭގައި "ރާޖްނީތީ" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ޕްރަކާޝް ޖާ އާއި ވިނީތު ކުމާރު ސިންގް ވެސް ހިމެނެ އެވެ.