04 މެއި 2019 - 08:13

އަދާކުރާ ވަޒީފާއެއްގެ ޒިންމާ އިހުލާސްތެރިކަމާ އެކު އުފުލަންޖެހޭނެ އެވެ. އެކަމަކު ބައެއް މީހުންނަކީ އެ މީހެއްގެ ޒިންމާގެ އިތުރުން ވެސް އެހެން ކަންކަމާ ހަވާލުވެގެން އުޅޭ މީހުންނެވެ. ހުރިހާ ކަމަކީ ވަޒީފާ ކަމަށް ދެކޭ މީހުންނެވެ.

އާ ދިރާސާއެއްގައި ބުނަނީ ވަޒީފާއާ މެދު މާ ސީރިއަސް ވުމުން ސިއްހީ ނުރައްކާތަކަށް ހުށަހެޅޭ ކަމަށެވެ. އެންމެ ބޮޑު ކަމަކީ ވަޒީފާއާ ހެދި ސިއްހަތަށް ސަމާލުކަން ނުދެވި މީހާގެ ބަރުދަން އިތުރުވުމެވެ. ހާއްސަކޮށް މިއީ ޑެސްކް ޖޮބް ނުވަތަ ގިނަ އިރު އިށީނދެގެން ވަޒީފާ އަދާކުރާ މީހުން ސީރިއަސްކޮށް ވިސްނާލަން ޖެހޭ ކަމެކެވެ.
އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވަސިޓީން ހަދާފައިވާ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ވަޒީފާ މާ ސީރިއަސްކޮށް ނަގާ މީހުން، ކަނޑައެޅިފައި އޮންނަ ވަގުތަށް ވެސް ވުރެ ވެސް ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރުމުން ދިރިއުޅުމުގެ މުހިއްމު އެހެން ކަންކަން އޮޅުންބޮޅުންވެ އެވެ. އެގޮތުން، ކަސްރަތު ކުރަން ވަގުތު ނުލިބުމާއި ސިއްހީ ގޮތުން ރަނގަޅު ނޫން ކާނަތަކަށް ދެވިހިފުމާއި އެކަށީގެންވާ ވަރަށް ނިދަން ވަގުތު ނުލިބުން ހިމެނެ އެވެ.
އިންސާނެއްގެ ދިރިއުޅުން މި އޮންނަނީ މައިގަނޑު ތިން ބަޔަކަށް ބެހިފަ އެވެ. އެއީ 8 ގަޑިއިރު ނިދުމާއި، 8 ގަޑިއިރު ވަޒީފާ އަދާކުރުމާއި 8 ގަޑިއިރު އަރާމުކޮށް ހިތްހަމަޖައްސުމެވެ. އެހެންވެ މި ތިން އަށެއް އެކަތި އަނެކައްޗަށް ބުރޫ އަރާ ގޮތަށް ދިރިއުޅުމުގެ ބައްޓަންކޮށްގެން ނުވާނެ އެވެ.
ގިނަ ވަގުތު ވަޒީފާގައި އުޅޭ މީހުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރާ އެކު އެންމެ ބޮޑަށް ދައްކާނެ އެއް ބަހަނާއަކީ ކަސްރަތު ކުރަން ވަގުތު ނުލިބޭ ވާހަކަ އެވެ. އޭގެ ނަތީޖާއަކީ މީހާ ފަލަވުމެވެ. އެހެންވެ ސިއްހީ ތަޖުރިބާކާރުން ދޭ އިރުޝާދަކީ ވަޒީފާ އެހާ ސީރިއަސްކޮށް ނުނަގާށޭ އެވެ. މަސައްކަތް ކުރަން ވާނީ އެކަމަށް ކަނޑައެޅިފައި އޮންނަ މިންވަރަށެވެ.
ޑރ. މައިކަލް މޯޒްލީ ވިދާޅުވި ގޮތުގައި މާ ބުރަކޮށް މަސައްކަތްކޮށް، މީހާ ލޮނޑުވުމަކީ ބަރުދަން އިތުރުވާން މަގު ފަހިވާ ކަމެކެވެ.
"އެކަމުގެ ސަބަބުން ކަސްރަތު ކުރަން ވަގުތު ނުލިބޭ ކަމުގެ ބަހަނާ އާއި ސިއްހަތަށް ފައިދާއެއް ނެތް ކާނާ އަށް މީހާ ހުށަހެޅުން ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
މައިކަލް ވިދާޅުވި ގޮތުގައި ނިދި މަދުވުމަކީ ސިއްހީ ގޮތުން އެކި ކަހަލަ މައްސަލަތައް ކުރިމަތި ކުރުވާނެ ކަމެކެވެ. އެގޮތުން ހާސްކަމާއި ނުތަނަވަސްކަން އިތުރުވެ ލޭގެ ހަކުރުގެ މިންވަރު ވެސް އުފުލިގެން ދާނެ އެވެ. އޭގެ ނަތީޖާއަކީ ޓައިޕް-2 ޑައިބެޓީޒް ފަދަ ބަލިތަކަށް މީހާ ހުށަހެޅުމެވެ.
ބުރަކޮށް މަސައްކަތް ކުރުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށް ވަނީ ވަޒީފާ އަށް އިސްކަން ދެވޭލެއް ބޮޑުކަމުން ދިރިއުޅުމުގެ އެހެން ކަންކަމަށް ބުރޫއަރާތީ އެވެ.
އެހެންވީމާ ދުވާލުގެ 24 ގަޑިއިރު ބެހިފައި އެ އޮންނަ އުސޫލާއި ތަރުހީބާ އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރަން އާދަކުރަން ޖެހެ އެވެ.