ސީލައިފަށް ފައިސާ ދެއްކި މީހުން އިންސާފު ހޯދަން ހިނގާލުމެއް
ސީލައިފަށް ފައިސާ ދެއްކި މީހުން އިންސާފު ހޯދަން ހިނގާލުމެއް

ސީލައިފް ގްލޯބަލްގެ އެޕާޓްމަންޓްތައް އަޅަން ފައިސާ ނެގި މީހުންނަށް އިންސާފު ހޯދައިދޭން އަވަސްކޮށްދިނުމަށް ގޮވާލައި މިއަދު ހަވީރު ހުޅުމާލޭގައި ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

އެކަން އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ބުނިގޮތުގައި "އިންސާފު އަވަސްކޮށްދެއްވާ"ގެ ނަމުގައި ބާއްވާ ހިނގާލުން ފަށަން ހަމަޖައްސާފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ކުރިމަތިންނެވެ. ހަވީރު 4:30ގައި ފަށާ ހިނގާލުން ނިންމާލަނީ ސީލައިފްގެ ފްލެޓު އަޅަން ހަމަޖެއްސި ސައިޓު ކައިރިއަށެވެ.

ސީލައިފްގެ މައްސަލަ އަވަސްކޮށްދިނުމަށް އެދި ހިނގާލުމެއް ބާއްވަން ތައްޔާރުވިއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ހޯދަން އިންޓަޕޯލުން ވަނީ މިދިޔަ މަހު ރެޑް ނޯޓިސް ނެރެފަ އެވެ.

"ފައިސާ ނެގި މީހުންނާއި އެމީހުންގެ އާއިލާތަކުން އިންތިޒާމުކޮށްގެން ބާއްވާ ހިނގާލުމެއް އެއީ. މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެ މައްސަލަ އޮތީ ސިވިލް ކޯޓު ޑިސްޕިއުޓް މަރުހަލާގައި. އިންސާފު ނުލިބި ގިނަ ދުވަސް ވުމަކީ ގެއްލުން ދިން އާއިލާތަކަށް އިތުރަށް ގެއްލުންވާ ކަމެއް،" އެކަމުގައި އިސްކޮށް އުޅޭ މީހަކު ބުންޏެވެ.

އޭނާ ބުނީ ސީލައިފްގެ އެޕާޓްމަންޓްތަކަށް ބައެއް މީހުން ޑައުންޕޭމަންޓް ދައްކާފައިވަނީ އަމިއްލަ ގެ މޯގޭޖުކޮށް، ލޯނު ނަގައިގެން ކަމަށެވެ. އެ މަކަރު ހެދުމަށް ސީލައިފް ކުންފުންޏަށް މަގުފަހިކޮށްދިނީ ކުރީގެ ސަރުކާރުން ކަމަށާއި އެހެންވެ ހައްގު ހޯދައިދޭން ވެސް ޖެހޭނީ ސަރުކާރުން ކަމަށް އެ މީހުން ދެކެ އެވެ.

"ޑިސްޕިއުޓުގައި އަޑުއެހުންތައް ކުރިއަށްގެންދޭ. އެކަމަކު މައްސަލަ ހައްލުކޮށްދޭން ސަރުކާރުން ވެސް ވަގުތު ބޭނުންވާ ކަމަށް ބުނަނީ،" އޭނާ ބުންޏެވެ.

އެޕާޓްމަންޓްތަކަށް 250 އަށްވުރެ ގިނަ މީހުންގެ އަތުން ބުކިންފީ އަދި އެޕާޓްމަންޓްތަކުގެ އެޑްވާންސްގެ ގޮތުގައި 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ނަގައިފަ އެވެ. އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފައިވެ އެވެ.

ހުޅުމާލޭގައި އެޕާޓްމަންޓާއި ޝޮޕިން މޯލާއި ފުޑް ކޯޓު ހިމެނޭ ގޮތަށް ހަދާ ސީލައިފް ކޮމްޕްލެކްސް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީއާ އެކު ސޮއިކުރީ މާޗް 13، 2014ގަ އެވެ. ނަމަވެެސް އެތަައް ބައެއްގެ އަަތުން ފައިސާ ނެގުމަށް ފަހު ސީލައިފް ވަނީ "ގެއްލިފަ" އެވެ. އެ ޓަވަރުގެ ފައުންޑޭޝަން ނޫން އެހެން މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.