03 މެއި 2019 - 10:32

ދޯހާ (1 މެއި) – މި ސީޒަން ނިމުމުން ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށް ގަތަރުގެ އައް ސާދު އަށް ކުޅެމުން އަންނަ ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް ޒަވީ ބުނެފި އެވެ.
އޭނާ ދެން ބަދަލުވާނީ ކޯޗިން އަށެވެ. ޒަވީ ބުނީ ކޯޗިންގައި އޭނާގެ ވިސްނުން ހުރީ ޔޮހާން ކްރައިފް، ބާސެލޯނާގެ އެކަޑަމީ "ލަ މަސިއާ" ގައި ހަރުލެއްވި ފަލްސަފާ އަށް ކަމަށާއި ބާސެލޯނާގެ ކުޅުމުގެ ސްޓައިލަކީ ވެސް އެއީ ކަމަށެވެ. އެހެންވެ ކްރައިފްގެ ފިޔަވަޅު މަތިން ހިނގަން ތައްޔާރަށް ހުރި ކަމަށް ބުންޏެވެ.
ޒަވީ އަށް ބާސެލޯނާގައި ކޯޗުކޮށްދިން ޕެޕް ގާޑިއޯލާ އަކީ ވެސް ކްރައިފްގެ އިރުޝާދުގެ ދަށުން ލަ މަސިއާގައި ތަމްރީންވި ކުޅުންތެރިޔެކެވެ. ގާޑިއޯލާ ފަދަ މޮޅު ކޯޗަކަށް ޒަވީ ވެސް ވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
ބާސެލޯނާގެ އެކަޑަމީއާ 1991 ވަނަ އަހަރު ގުޅުނު ޒަވީ ސީނިއާ ކެރިއަރު އެ ކްލަބުން ފެށީ 1998 ގަ އެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ކްލަބް ދޫކޮށްލިއިރު، އެ ޓީމާ އެކު ސްޕެނިޝް ލީގު އަށް ފަހަރު، ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޒަވީ ވަނީ ސްޕެއިނަށް ވޯލްޑް ކަޕް އެއް ފަހަރު އަދި ޔޫރަޕިއަން ޗެމްޕިއަންޝިޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.
ކެރިއަރުގެ ފަހު ބައިގައި ގަތަރަށް ބަދަލުވެ އައް ސާދުއާ އެކު ހަތަރު މުބާރާތް އޭނާ ކާމިޔާބުކުރި އެވެ. ކުޅުން ހުއްޓާލިޔަސް، 2022 ވަނަ އަހަރުގެ ގަތަރު ވޯލްޑް ކަޕުގެ ޕްރޮމޯޝަނަލް މަސައްކަތުގައި އޭނާ ހަރަކާތްތެރިވާނެ އެވެ.
"އުމުރުން 39 އަހަރު ވަންދެން ފުޓްބޯޅަ ކުޅެވުމަކީ އަހަންނަށް ލިބުނު ހާއްސަ ކަމެއްގެ ގޮތުގައި ދެކެނީ،" ޒަވީ ބުންޏެވެ.