ފީފާ އިން ފުރަތަމަ ފަހަރަށް ވީޑިއޯ ރީޕްލޭ ބޭނުންކޮށްފި
ފީފާ އިން ފުރަތަމަ ފަހަރަށް ވީޑިއޯ ރީޕްލޭ ބޭނުންކޮށްފި

ބާރީ، އިޓަލީ (ސެޕްޓެމްބަރު 2) - ބައިނަލްއަގްވާމީ ފުޓްބޯޅަ މެޗެއްގައި ރެފްރީގެ ނިންމުމެއް ނިންމުމަށްޓަކައި ފީފާ އިން ފުރަތަމަ ފަހަރަށް ވީޑިއޯ ރީޕްލޭ ބޭނުންކޮށްފި އެވެ.

ރޭ އިޓަލީ އަތުން ފްރާންސް 3-1 އިން މޮޅުވި މެޗުގައި، ރެފްރީގެ ބައެއް ނިންމުންތައް ނިންމަން ވީޑިއޯ ރިޕްލޭ ބޭނުންކުރިއިރު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މިއީ ވަރަށް ތާރީހީ ދުވަހެއް ކަމަށެވެ.

ފްރާންސްގެ ޑިފެންޑަރު ލޭވިން ކުރްޒަވާ އަތުގައި ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ޖެހުނު ކަމަށް އިޓަލީ ކުޅުންތެރިން އެޕީލްކުރުމުން ރެފްރީ ވަނީ މެޗުގެ ކުޅުން މެދުކަނޑާލުމަށް ފަހު ވީޑިއޯ ރިޕްލޭ މެދުވެރިކޮށް، އެކަން ހިނގި ގޮތް ބަލައިފަ އެވެ. އެއަށް ފަހު ރެފްރީ ނިންމީ ޕެނަލްޓީއެއް ދޭން ނުޖެހޭ ކަމަށެވެ.

ފީފާގެ ރައީސް ވިދާޅުވީ ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕުގައި ވީޑިއޯ ރިޕްލޭ ބޭނުންކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އެމެރިކާގެ ތިން ވަނަ ޑިވިޝަނުގައި މި ސިސްޓަމް ޓެސްޓްކުރަމުން އަންނައިރު ޖަރުމަނާއި އިޓަލީއާ އެކު އިތުރު ހަ ގައުމެއްގައި ވެސް ކުރިއަށް އޮތް ދެ އަހަރު މި ސިސްޓަމް ޓެސްޓްކުރާނެ އެވެ.

"ފެނިގެން ދިޔައީ ރެފްރީ މަދު ސިކުންތުކޮޅަކަށް މެޗު މެދުކަނޑާލިތަން. އަދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، ޓީވީ ރިޕްލޭ ބަލަން ތިބި އޮފިޝަލުން ވަނީ ޕެނަލްޓީއެއް ދޭން ނުޖެހޭކަން ކަށަވަރުކޮށްދީފައި،" އިންފަންޓީނޯ ވިދާޅުވި އެވެ.

ފީފާ އިން މިހާރު އަންނަނީ ގޯލްލައިން ޓެކްނޮލޮޖީ ވެސް ބޭނުންކުރަމުންނެވެ. އެއީ ގޯލް ރޮނގު ބޯޅަ ހުރަސްކުރިތޯ ބެލުމަށް ބޭނުންކުރާ ސިސްޓަމެކެވެ.