03 މެއި 2019 - 09:15

ބޯލްޓިމޯ (މެއި 3) - އެމެރިކާގެ ހޮސްޕިޓަލެއްގައި އޮތް ކިޑްނީ ބަލި މީހެއްގެ ކިޑްނީ ބަދަލު ކުރުމަށްޓަކައި ޑްރޯނެއްގެ އެހީގައި ކިޑްނީއެއް ގެންގޮސްފި އެވެ.

މިއީ އެމެރިކާގައި ޑްރޯން ބޭނުންކޮށްގެން ގުނަވަނެއް އެއް ތަނުން އަަނެއް ތަނަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. އަންމޭންޑް އެއާކްރާފްޓް ސިސްޓަމް (ޔޫއޭއެސް) ނުވަތަ މީހަކާ ނުލައި ދަތުރުކުރާ ނިޒާމެއް މެދުވެރިކޮށް މެޑިކަލް ޕްރޮޑަކްޓްތައް އެއް ތަނުން އަނެއް ތަނަށް ޚަރަދު ކުޑަގޮތަކަށް އަވަހަށް ރައްކާތެރިކަމާ އެކު ގެންދިއުމުގެ ފުރުސަތު މިހާރު ވަނީ ބޮޑުވެފަ އެވެ.
ކިޑްނީ އުފުލާފައި ވަނީ ޚާސް ގޮތަކަށް ޑިޒައިންކޮށްފައިވާ ޑްރޯނެއްގަ އެވެ. އޮންބޯޑް ކެމެރާ ހަރުކޮށްފައިވާ އެ ޑްރޯންގެ ތިން މޭލުގެ ދަތުރުގައި ގުނަވަން މޮނިޓާކޮށްފައިވެ އެވެ. ޑްރޯން ފެއިލްވެއްޖެ ނަމަ ޕަރަޝޫޓް ރިކަވަރީ ސިސްޓަމެއް ވެސް އޭގައި ގާއިމްކޮށްފައިވެ އެވެ. އޭވިއޭޝަން ރެގިއުލޭޓަރުގެ ހުއްދައާ އެކު އެޕްރީލް 19 ވަނަ ދުވަހު ޑްރޯން ދަތުރުކުރީ 400 ފޫޓް (120 މީޓަރު) އުހުންނެވެ. ދަތުރަށް ހޭދަވީ 10 މިނިޓެވެ.
އެމެރިކާގެ މެރީލޭންޑުގެ ބޯލްޓިމޯ ސިޓީގެ ހޮސްޕިޓަލުގައި އުމުރުން 44 އަހަރުގެ އަންހެނަކު ކިޑްނީއެއްގެ އިންތިޒާރުގައި ޑައިލިސިސް ހަދަހަދާ އޮންނަތާ އަށް އަހަރުވެއްޖެ އެވެ.
"މިއީ ވަރަށް އާދަޔާޚިލާފު ގޮތެއް. މީގެ އަހަރުތަކެއް ކުރިން ނަމަ މިއީ ޚިޔާލަށް ވެސް ގެނެވޭނެ ގޮތެއް ނޫން،" އެ މީހާ ބުންޏެވެ.
އެމެރިކާގައި ގުނަވަން ބަދަލު ކުރުން މެނޭޖްކުރާ ޔުނައިޓެޑް ނެޓްވޯކް ފޯ އޯގަން ޝެއާރިން އިން ބުނީ ގުނަވަން ބަދަލު ކުރުމުގެ ވެއިޓިން ލިސްޓުގައި 2018 ވަނަ އަހަރު 114،000 މީހުންގެ ނަން އޮތް ކަމަށެވެ. އަދި މަރުވެފައިވާ 1.5 ޕަސެންޓް މީހުންގެ ގުނަވަންތައް މަންޒިލާ ހަމައަށް ނުގެންދެވޭ ކަމަށް ބުންޏެވެ.
"ޑޯނާއެއްގެ ފަރާތުން ބަލި މީހަކަށް ގުނަވަނެއް ހަދިޔާ ކުރުމަކީ މަތިވެރި ވާޖިބެއް. އެކަން ކުރެވޭނެ ފަސޭހަ ގޮތެއް ހޯދުމަކީ މުހިންމު ކަމެއް. ޑްރޯންގައި ގުނަވަން އުފުލަން ފެށުމުން ލަސްވެގެން ގުނަވަން ހަލާކުވުން ފަދަ ކަންކަން ނިމުމަކަށް ގެނެވިދާނެ،" ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރި ޑޮކްޓަރުންގެ ޓީމުގައި ހިމެނޭ އަދި މެރީލޭންޑް ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ އެސިސްޓެންޓް ޕްރޮފެސަ އޮފް ސާޖަރީ ޖޯސެފް ސްކޭލިއާ ވިދާޅުވި އެވެ. "ދެން ފަހަރަކުން 30 ނުވަތަ 100 މޭލު ދުރުން ގެނެވިދާނެ. މުހިންމު ކަމަކީ ގުނަން އުފުލުމާއި ގުނަވަން ބަދަލު ކުރުމުގެ މިހާރުގެ ސިސްޓަމްގައި ޑްރޯން ޓެކްނޮލޮޖީ ބޭނުން ކުރަން ފެށުން."
ގުނަވަން އެއްތަނުން އަނެއް ތަނަށް ގެންދާ މިހާރުގެ މެތަޑުން އަގުބޮޑުކޮށް ފްލައިޓް ޗާޓަރު ކުރުން ފަދަ ކަންކަން ހިމެނެ އެވެ.
ގުނަވަން ހަދިޔާ ކުރުމުގައި މަސައްކަތް ކުރާ ޗެރިޓީއެއް ކަމަށްވާ ދަ ލިވިން ލެގަސީ ފައުންޑޭޝަން އޮފް މެރީލޭންޑުގެ ޗީފް އެގްޒެކެޓިވް ޗާލީ އެލެގްޒެންޑާ ވިދާޅުވީ މި ގޮތަށް ޑްރޯންގައި ގުނަވަން ގެންދެވޭ ކަމަށް ވަންޏާ އެއަށް ވުރެ ދުރު ހިސާބުތަކުން ވެސް ގުނަވަން އުފުލުމަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ.
"މީގެ ސަބަބުން އެތައް ޕައިލެޓުންނަކާއި ފްލައިޓް ޓައިމް ކުޑަކުރެވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.