02 މެއި 2019 - 18:39

މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ ފަސް ވަނަ ބުރިން، އެ އިމާރާތުގެ ހަތަރުވަނަ ބުރި އަށް ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހެންވޭރު މުތީ ގޯޅީގައި އިމާރާތްކުރަމުން އަންނަ ގެޔަކުން ވެއްޓުނީ މަސައްކަތުގައި އުޅުނު ބަންގްލާދޭޝް މީހެއް ކަމަށާއި އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް މިހާރު ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ހާލަތާ ބެހޭ ގޮތުން އަދި މައުލޫމާތެއް ނުލިބެ އެވެ.
މިއަދު ހަވީރު 5:00 ގައި ފުލުހުންނަށް ރިޕޯޓްކުރި މި ހާދިސާ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
އިމާރާތްކުރުމުގެ މަސައްކަތް ކުރާ ތަންތަނުގައި ފަހަކަށް އައިސް ގިނަ އެކްސިޑެންޓްތަކެއް ހިނގާފައި ވެ އެވެ. މިފަދަ ހާދިސާތަކުގައި މީހުން މަރުވެ އަދި ބައެއް މީހުންނަށް ބޮޑެތި އަނިޔާތައް ވެފައިވެ އެވެ.