02 ސެޕްޓެމްބަރ 2016 - 12:27

ވޮޝިންޓަން (ސެޕްޓެމްބަރު 2) - އެމެރިކާގެ ސްޕޭސް އެކްސް ކުންފުނީގެ ރޮކެޓެއް ކޭޕް ކެނެވާރަލް އިން އުދުއްސާލަން އުޅެނިކޮށް ގޮވައިފި އެވެ.
ރޮކެޓް ގޮވުމުން އެތައް މޭލު ދުރުގައިވާ އިމާރާތްތަކަށް ވެސް ވަނީ ލޮޅުން އަރައިފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ރޮކެޓާ އެކު ޖައްވަން ފޮނުވާލަން ހަމަޖެހިފައިވާ ފޭސްބުކަށް އިޒްރޭލުން އުފެއްދި މުވާސަލަތީ ސެޓެލައިޓެއް ވެސް ވަނީ ގޮވައިފަ އެވެ. އިޔުޓެލްސެޓް ކޮމިއުނިކޭޝަނާއި ފޭސްބުކް ގުޅިގެން އަމޮސް-6 ސެޓެލައިޓް ޖައްވަން ފޮނުވަނީ ސަބް-ސަހާރާ އެފްރިކާ އަށް ބްރޯޑްބޭންޑް އިންޓަނެޓް ފޯރުކޮށް ދިނުމަށެވެ. އެފްރިކާ އަށް މިހާރު ވަޑައިގެން އުޅުއްވާ ފޭސްބުކުގެ ފައުންޑާ މާކް ޒުކަބާގު ވިދާޅުވީ ސެޓެލައިޓް ގޮވުމަކީ ކުރިމަތިވެވަޑައިގެންނެވި ވަރަށް ބޮޑު މާޔޫސް ކަމެއް ކަމަށެވެ. ނަމަވެސް ފޭސްބުކް މެދުވެރި ކުރައްވާ ޒުކަބާގު ދެއްވި މެސެޖެއްގައި ވަނީ ކޮންމެ މީހަކަށް ވެސް އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އިޒްރޭލުގެ ސްޕޭސް އެޖެންސީގެ ޗެއާމަން އިސާކް ބެން ވިދާޅުވީ އަމޮސް-6 ސެޓެލައިޓް ގޮވުމަކީ 200 މިލިއަން ޑޮލަރުގެ ގެއްލުމެއް ކަމަށެވެ.
ސްޕޭސް އެކްސް އިން ބުނީ ރޮކެޓް ގޮވުމަށް މެދުވެރިވީ ފިއުލް ލޯޑް ކުރުމުގައި އޮކްސިޖަން ޓޭންކަށް ދިމާވި މައްސަލައަކުން ކަމަށެވެ.
ސްޕޭސް އެކްސް އިން މީގެ ކުރިން ވަނީ ކާމިޔާބުކަމާ އެކު ޖައްވަން ރޮކެޓްތައް އުދުއްސާލައިފަ އެވެ.