02 މެއި 2019 - 15:51

ބުބަނެސްވަރު (މެއި 2) - ބާރުގަދަ ތޫފާން "ފަނި" އިންޑިއާގެ އިރުމަތީގެ ހިސާބުތަކަށް އަރާތީ ގާތްގަނޑަކަށް 800،000 މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުކޮށްފި އެވެ.

އިންޑިއާގެ ވެދާ ސާވިސަސް އިން ބުނީ ގަޑިއަކު ގާތްގަނޑަކަށް 200 ކިލޯ މީޓަރު (125 މޭލު)ގެ ބާރު މިނުގައި ވައި ޖެހެމުންދާ ތޫފާން އިރުމަތީގެ ޕޫރީ އަށް އަރާނެ ކަމަށް ލަފާ ކުރެވެނީ މާދަމާ މެންދުރު ފަހު އެވެ. ތޫފާން އަރާތީ އޮޑިޝާ ސްޓޭޓުގެ 13 ވަށަކުން ވަނީ މީހުން ބަދަލުކޮށްފަ އެވެ. އަންދުރަ ޕްރަދޭޝް އާއި ޓަމިލް ނާޑޫ ސްޓޭޓް ވެސް ވަނީ ރައްކާތެރިކަމުގެ ހާލަތަށް ގެނެސްފަ އެވެ.
ތޫފާނުން ރައްކާތެރިވުމަށް ގާތްގަނޑަކަށް މިލިއަނެއްހާ މީހުންނަށް ހިޔާވަހިކަން ލިބޭނެ ގޮތަށް ސްކޫލްތަކާއި ސަރުކާރުގެ އިމާރާތްތަކުން ވަނީ ޖާގަ ހަދައިފަ އެވެ.
ވޭތުވެދިޔަ ވިއްސަކަށް އަހަރު ތެރޭ އިންޑިއާ އަށް އަރާނެ އެންމެ ބާރުގަދަ ތޫފާންގައި ގަސްތައް މުލުން އުހެލައި އިމާރާތްތައް ބިމާހަމަވެދާނެ ކަމުގެ އިންޒާރު ވެދާ ސާވިސަސް އިން ވަނީ ދީފަ އެވެ.
އިންޑިއާގެ އިރުމައްޗާއި އިރުދެކުނުގެ ހިސާބުތަކަށް ތޫފާންތައް އާއްމުކޮށް އަރަނީ އެޕްރީލް އާއި ޑިސެމްބަރާ ދެމެދު އެވެ. ދެހާސް ސަތާރަ ވަނަ އަހަރު އެރި އޮކީ ތޫފާންގައި 250 މީހުން މަރުވެ ޓަމިލް ނާޑޫ އާއި ކެރަލާ އިން 600 މީހުން ގެއްލުނެވެ.