ސާފްގެ ސަމާލުކަން ޔޫތު ފުޓްބޯޅަ އަށް
ސާފްގެ ސަމާލުކަން ޔޫތު ފުޓްބޯޅަ އަށް

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ސަމާލުކަން މިހާރަށް ވުރެ ބޮޑަށް ޔޫތު ފުޓްބޯޅަ އަށް އިތުރުކުރާނެ ކަމަށް އެ ޖަމިއްޔާގެ ނައިބު ރައީސް ޕާކިސްތާނުގެ ހާދިމް އަލީ ޝާހު ވިދާޅުވެއްޖެ އެވެ.

ނޭޕާލުގެ ކަތުމަންޑޫގައި އަންގާރަ ދުވަހު ބޭއްވި ސާފްގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓީ ހާދިމް އެވެ. އެއީ ސާފްގެ ރައީސް ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކާޒީ ސަލާހުއްދީން ބައިވެރިވެވަޑައިނުގަންނަވާތީ އެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހާދިމް ވިދާޅުވީ ޔޫތު ފުޓްބޯޅަ އަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާއި އެކަމުގެ މުހިއްމުކަން ބޮޑު ކަމަށެވެ.

"ފީފާ އާއި އޭއެފްސީން ރަސްމީކޮށް އަހަރެމެން ބަަލައިގަންނަން ނިންމި ނިންމުމާ އެކު އަހަރެމެން ސާފްގެ މެމްބަރުން ބޭނުންވޭ މިހާރު މި ސަރަހައްދުގެ ފުޓްބޯޅަ އޮތް ލެވެލް އެހެން ހަރުފަތަކަށް ގެންދަން. އޭގެ ސަބަބުން ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ވެސް ލިބިގެންދާނެ. އަދި ބޭއްވޭ މުބާރާތްތަކުގެ ފެންވަރު ރަނގަޅުކުރަން އެކި ގޮތްގޮތުން ރަނގަޅު ވަސީލަތްތައް ވެސް ހަމަޖެހިގެންދާނެ،" ހާދިމް ވިދާޅުވި އެވެ.

ސާފްގެ ބައްދަލުވުމުގައި ޔޫތު ފުޓްބޯޅަ ކުރިއެރުވުމުގައި އަންހެން އަދި ފިރިހެން މުބާރާތްތައް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. ސާފްގެ ކަލަންޑަރުގައި ޔޫތު ފުޓްބޯޅައިގެ ގިނަ މުބާރާތްތައް ހިމަނާފައިވާއިރު 15 އަހަރުން ދަށުގެ ސްކޫލް މުބާރާތްތެއް ވެސް ހިމެނެ އެވެ.

"ސާފް އަންހެން މުބާރާތް ވެސް ކުރިއަށް ވުރެން ރަނގަޅަށް ބޭއްވިގެންދާނެ." ހާދިމް ވިދާޅުވި އެވެ.

ސާފްގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމާއި އޯޑިނަރީ ކޮންގްރެސްގައި ރާއްޖޭގެ އެފްއޭއެމްގެ ފަރާތުން ބައިވެރިވީ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އާއި ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަލީ އުމަރު (އައްޔަ) އެވެ.