އަދީބު ގޭބަންދުގައި ބަހައްޓަން ނެރުނު އަމުރު ރަނގަޅު: ސުޕްރީމް ކޯޓު
އަދީބު ގޭބަންދުގައި ބަހައްޓަން ނެރުނު އަމުރު ރަނގަޅު: ސުޕްރީމް ކޯޓު

ސިއްހީ ސަބަބުތަކަކަށް ޓަކައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދުގައި ބަހައްޓަން ޖެނުއަރީ މަހު ހައި ކޯޓުން ކުރި އަމުރު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ނިންމައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން މަސައްކަތްކުރުމާއި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން 30 އަހަރަށްް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމްތައް އައިސްފައިވާ އަދީބުގެ ބޭސްފަރުވާގެ މައްސަލާގައި ހައި ކޯޓުން ވަކި ގޮތެއް ނިމެންދެން ގޭ ބަންދަށް ބަދަލުކުރަން ހައި ކޯޓުން އަމުރުކުރީ ޖެނުއަރީ 28ގަ އެވެ. ނަމަވެސް އެ އަމުރު ދައުލަތުން އިސްތިއުނާފު ކުރުމުން އަދީބު ވަނީ އޭރު އަލުން ޖަލަށް ގެންގޮސްފަ އެވެ.

އަދީބު ގޭބަންދަށް ބަދަލުކުރަން ހައި ކޯޓުން އަމުރު ނެރުނީ އޭނާގެ ސިއްހީ ހާލަތު ގޯސްވުމުން ރާއްޖެން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ނިންމުމެވެ. ސިވިލް ކޯޓުން މައްސަލަ ނިންމާފައި އޮތީ ގައިދީން ބޭރަށް ފޮނުވުމުގައި އަމަލުކުރަން ޖެހޭ އިޖްރާއާތުތައް އަދީބު ފުރިހަމަ ކޮށްފައި ނުވާތީ އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

އަދީބު ގޭބަންދުގައި ބަހައްޓަން ނެރުނު އަމުރަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައި ވާއިރު، އޭނާ މިހާރު ވެސް ހުންނެވީ ސިއްހީ ސަބަބުތަކަށްޓަކައި ގޭ ބަންދުގަ އެވެ.