02 ސެޕްޓެމްބަރ 2016 - 02:06

އެކުވެރިކަމުގެ މެޗެއްގައި މިރޭ ބަންގްލަދޭޝް އަތުން 5-0 އިން ދިވެހިރާއްޖެ މޮޅުވި މެޗުގައި ރާއްޖޭގެ ޒުވާން ފޯވާޑް ނާއިޒް ހަސަން (ދާދު) ގެ ކޮނޑުހުޅަށް ސީރިއަސް އަނިޔާއެއްވެއްޖެ އެވެ.
ދާދުގެ ކަނާތު ކޮނޑުހުޅަށް ހާނިއްކަވީ، ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އޭނާ ބޯޅަ ހިފައިގެން ދުއްވައިގަތް ވަގުތު ފަހަތުން އައި ބަންގްލަދޭޝްގެ ކުޅުންތެރިޔާ ކުރި ފައުލަކަށް ވެއްޓި އެވެ. އޭނާ ވެއްޓުނު ގޮތުން، ބިންމަތީގައި ޖެހުނީ ކޮނޑުހުޅެވެ.
އެނގިފައިވާ ގޮތުގައި މާދަމާ ދާދުގެ ކޮނޑުހުޅުގެ އޮޕަރޭޝަނެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭނާ އަށް އަލުން ކުޅެން ނުކުމެވޭނެ ދުވަހެއް ސީދާ ނޭގެ އެވެ. އެކަމަކު ޔަގީނުން ވެސް، އޭޝިއަން ކަޕް ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ ލާއޮސްއާ ދެކޮޅަށް ނުކުޅެވޭނެ އެވެ. އަދި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބަށް ވެސް މެޗުތައް ގެއްލޭނެ އެވެ.
ރާއްޖޭގެ އެންމެ އުއްމީދީ އެއް ކުޅުންތެރިޔާ ވިދާލީ މިދިޔަ ސީޒަނުގައި ޓީސީންނެވެ. އޭގެ ކުރިން އެ ޓީމު ދެ ވަނަ ޑިވިޝަނުގައި ވާދަކުރިއިރު ވެސް އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ. ދާދު ވަނީ މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް ކޮޅަށް ފަހު ވަގުތު ގޯލް ޖަހައި ރާއްޖެ މޮޅުކޮށްދީފަ އެވެ.
ދާދުގެ ބަދަލުގައި މިރޭ ކުޅެން އެރީ އަހުމަދު އިމާޒް (އާއްކޮ) އެވެ. މީގެ އިތުރުން، ހަމްޒާ މުހައްމަދު (ހަމްޕު) އާއި މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) އަކީ ވެސް އެ މަގާމަށް ކުޅޭ ދެ ކުޅުންތެރިންނެވެ.