01 މެއި 2019 - 18:55

އެކްސިޑެންޓު ހިނގީ މާމިގިލީ އެއާޕޯޓުގެ ފަޔާ ލޮރީތައް ޕާކްކުރާ އިމާރާތް ނުވަތަ 'ކެޝުއަލްޓީ ކްލިއަރެންސް ސްޓޭޝަން' ކައިރީގައި.

މަހިބަދޫ ހޮސްޕިޓަލުން ބުނިގޮތުގައި އަހުމަދު ރަޝީދު އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް. އޭނާގެ ފައި ބިންދައިގެން ދިއުމުގެ އިތުރުން މޭކަށިގަނޑަށް ގެއްލުން ވެފައިވާ ކަމަށް ބެލެވޭ ކަމަށް ހޮސްޕިޓަލުން ބުނި. ހޮސްޕިޓަލަށް ގެންދިޔަ ފަހުން ވެސް އަހުމަދު ރަޝީދަށް ސީޕީއާރު ދިން.

މާމިގިލީ އެއާޕޯޓުގައި މަސައްކަތް ކުރަނީ އާންމުންގެ ތެރެއިން، އަލިފާން ނިއްވުމުގެ ޚާއްސަ ތަމްރީން ހޯދާފައިވާ މީހުން.
ފޮޓޯ އިން ފެންނަ ގޮތުގައި ފަޔާ ލޮރީ ކޮންޓްރޯލް ނުވެ ގޮސް ޖެހުނީ 'ކެޝުއަލްޓީ ކްލިއަރެންސް ސްޓޭޝަން" ބޯޑު ޖަހާފައި އިމާރާތުގެ ބޭރުގައި ބަހައްޓާފައިވާ ޖޯލިފަތީގައި ތިބި ހަތަރު މީހުންގެ ގައިގައި. އެ އިމާރާތުގެ އެތެރޭގައި ފަޔާ ލޮރީއެއް ވެސް ބާއްވާފައިވާ ތަން ފޮޓޯ އިން ފެނޭ.
މި އެކްސިޑެންޓުވި އިރު ފަޔާ ލޮރީ ދުއްވަން އިނީ ދިވެއްސެއް. އޭނާ އަށް މި އެކްސިޑެންޓުގައި އެއްވެސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުނޭ. ފަޔާ ލޮރީ ކޮންޓްރޯލް ނުވި ސަބަބެއް އަދި ސާފެއް ނުވޭ. ފުލުހުން އަނަނީ މައްސަލަ ތަހުގީގު ކުރަމުން.
މި އެކްސިޑެންޓުގައި މަރުވީ، މާމިގިލީ ބިންމާ، އަހުމަދު ރަޝީދު އަބްދުއްޝުކޫރު 30، އެއީ ވެސް މާމިގިލީ ފަޔާ ސާވިސަސްގައި މަސައްކަތްކުރާ މީހެއް.
މިއަދު ހަވީރު 4:15 ހާއިރު ހިނގި އެކްސިޑެންޓުގައި މަރުވީ، ފައި ބިނދުނު ދެ މީހުންގެ ތެރެއިން އެކަކު ކަމަށް ފުލުހުން ބުނޭ. އޭނާގެ ހާލު ސީރިއަސް ވެގެން އިތުރު ފަރުވާ އަށް ވަކިން ލޯންޗެއްގައި މާލެ ގެނައުމަށް ދަތުރު ފެށި ފަހުން ކަނޑުމަތީގައި ވެސް އިތުރަށް ހާލު ސީރިއަސްވެ، މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔައީ. ހާލު ސީރިއަސް ވެގެން ލޯންޗުގައި ވެސް ސީޕީއާރު ދޭން ޖެހުނު. ބޭރުފުށުން ބޮޑު އަނިޔާއެއް ފެންނަން ނެތް ނަމަވެސް އޭނާގެ އިންޓާނަލް މައްސަލަތަކެއް އުޅޭ ކަމަށް ޑޮކްޓަރުން ލަފާކުރޭ.
މާމިގިލީ އެއާޕޯޓުގެ އެކްސިޑެންޓުގައި އެންމެ ބޮޑަށް ސީރިއަސްވެގެން މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔަ މީހާ ދެންމެ މަރުވެއްޖެ.
އދ. މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ލޮރީ ކޮންޓްރޯލް ނުވެ، މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
އެ މީހުންނަށް އަނިޔާވީ، ޖޯލިފައްޗެއްގައި އިށީނދެ ތިއްބާ ފަޔާ ލޮރީ ކޮންޓްރޯލް ނުވެ ގޮސް ޖެހުމުންނެވެ.
ފުލުހުން ބުނީ، އަނިޔާވި ހަތަރު މީހުންގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އެހެން ދެ މީހެއްގެ ފައި ބިނދި ތިންވަނަ މީހާގެ ކަކުލަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ހަތަރު މީހުންގެ ތެރެއިން އެކެއްގެ ހާލު ވަރަށް ބޮޑަށް ސީރިއަސް ވުމުގެ ސަބަބުން އޭނާ އދ. މަހިބަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަނެއް ތިން މީހުން އިތުރު ފަރުވާ އަށް މިހާރު ވަނީ މާލެ ފުރުވާލައިފަ އެވެ.
ފުލުހުން ބުނީ އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ލޮރީ ކޮންޓްރޯލް ނުވެ ގޮސް ހަވީރު 4:15 ހާއިރު ހިނގި އެކްސިޑެންޓުގައި އަނިޔާވީ ފަޔާގައި މަސައްކަތް ކުރާ ހަތަރު މީހަކަށް ކަމަށެވެ.