ޓޫރިޒަމް ދާއިރާ އަށް ބޭންކުތަކުން 37 ޕަސެންޓު ލޯނު ދޫކުރި
ޓޫރިޒަމް ދާއިރާ އަށް ބޭންކުތަކުން 37 ޕަސެންޓު ލޯނު ދޫކުރި

މިދިޔަ އަހަރު ނިމުނު އިރު ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކުގެ 37 ޕަސެންޓަކީ ޓޫރިޒަމް ދާއިރާގެ ލޯނު ކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަހަރީ ރިޕޯޓުން ދައްކައިިފި އެވެ.

މިދިޔަ އަހަރު ބޭންކުތަކުން ދޫކޮށްފައިވާ ލޯނުގެ މިންވަރު ވަނީ 10 ޕަސެންޓު އިތުރުވެފަ އެވެ. އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން އެންމެ ގިނަ ލޯނު ޓޫރިޒަމް ދާއިރާގެ އެކި މަސައްކަތްތަކަށް ދޫކޮށްފައިވާ އިރު އެ ދާއިރާގެ ލޯނުގެ މިންވަރު ވަނީ ހަތް ޕަސެންޓު އިތުރުވެފަ އެވެ.

އޭގެ އެންމެ ބޮޑު ސަބަބަކީ ރިސޯޓުތައް ތަރައްގީ ކުރުމަށާއި މަރާމާތު ކުރުމަށް ބޭރު ފައިސާ އިން ދޫކޮށްފައިވާ ލޯނުތައް އިތުރުވުމެވެ. ނަމަވެސް ގެސްޓް ހައުސް އިމާރާތް ކުރުމަށް ދޫކޮށްފައިވާ ލޯނު ވަނީ މަދުވެފަ އެވެ.

މީގެ އިތުރުން، ވިޔަފާރި ބޭންކުންތަކުން ދޫކޮށްފައިވާ ލޯނުގެ 21 ޕަސެންޓަކީ އިމާރާތް ކުރުމުގެ ދާއިރާގެ ލޯނެވެ. އޭގެ ކުރީ އަހަރާ އަޅާ ބަލާ އިރު އިމާރާތް ކުރުމުގެ ދާއިރާ އަށް ދޫކޮށްފައިވާ ލޯނުތައް ވަނީ 30 ޕަސެންޓު އިތުރުވެފަ އެވެ.

އެކިއެކި ވިޔަފާރިތަކަށް ބޭންކުތަކުން ދޫކުރި ލޯނުގެ މިންވަރަކީ 14 ޕަސެންޓެވެ. ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތައް ދަށްވުމާ އެކު ވިޔަފާރިތަކަށް ޖުމުލަ ދޫކުރި ލޯނުގެ މިންވަރު ވަނީ ދެ ޕަސެންޓު ދަށަށް ގޮސްފަ އެވެ.

ރިއަލް އެސްޓޭޓް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ލޯނުގެ ނިސްބަތް ހުރީ ހަތް ޕަސެންޓުގަ އެވެ. މިދިޔަ އަހަރު އަމިއްލަ ފަރުދުންނަށް ލޯނުގެ ގޮތުގައި ބޭންކުތަކުން ދޫކުރި މިންވަރު ވަރަށް ބޮޑަށް އިތުރެވެ. އެގޮތުން، އޭގެ ކުރީ އަހަރާ އަޅާ ބަލާ އިރު އަމިއްލަ ފަރުދުންނަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު 32 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. މީގެ މައިގަނޑު ސަބަބަކީ ކްރެޑިޓް ކާޑު މެދުވެރިކޮށް ދޫކޮށްފައިވާ ލޯނު އިތުރުވުމާއި ދިގު މުއްދަތަށް ބޭނުންވާ ހަރު މުދާ ގަތުމަށް ނަގާފައިވާ ލޯނުގެ އަދަދު އިތުރުވުމެވެ.