01 މެއި 2019 - 14:34

މިދިޔަ އަހަރު ނިމުނު އިރު އިގްތިސާދުގައި ދައުރުވި ޖުމްލަ ފައިސާގެ އަދަދު 33.1 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭގެ އަހަރީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި 2018 ވަނަ އަހަރު ނިމުނު އިރު ޖުމްލަ ފައިސާ ނުވަތަ ބްރޯޑް މަނީ ވަނީ ތިން ޕަސެންޓް މަޑުޖެހިލައިފަ އެވެ. އޭގެ ކުރީ އަހަރު ނިމުނު އިރު ޖުމްލަ ފައިސާގެ މިންވަރު ހުރީ ފަސް ޕަސެންޓް އިތުރުވެފަ އެވެ.
ޖުމްލަ ފައިސާ އިތުރުވެފައި ވަނީ ބޭންކިން ނިޒާމުގެ ނެޓް ޑޮމެސްޓިކް އެސެޓް އިތުުރުވުމުގެ ސަބަބުންނެވެ. މިދިޔަ އަހަރު ނިމުނު އިރު ބޭންކިން ނިޒާމުގެ ނެޓް ޑޮމެސްޓިކް އެސެޓް ހަތަރު ޕަސެންޓް އިތުރުވެފަ އެވެ. އަދި އެމްއެމްއޭގެ ނެޓް ޑޮމެސްޓިކް އެސެޓް ވަނީ 19 ޕަސެންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރު ވިޔަފާރި ބޭންކުތަކުގެ ނެޓް ޑޮމެސްޓިކް އެސެޓް ހަތް ޕަސެންޓް އިތުރުވި އިރު ނެޓް ފޮރިން އެސެޓް ވަނީ 58 ޕަސެންޓު ވަނީ އިތުރުވެފަ އެވެ.
މިދިޔަ އަހަރު ނިމުނު އިރު ސަރުކާރުން ބޭންކިން ނިޒާމަށް އަދާކުރަންޖެހޭ ފައިސާގެ ސާފު ބާކީ އަދަދަކީ 13 ބިލިއަން ކަމަށް އެމްއެމްއޭގެ އަހަރީ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާ އިރު 11 ޕަސެންޓް އިތުރު އަދަދެކެވެ. މީގެ މައިގަނޑު ސަބަބަކީ ސަރުކާރުން އެމްއެމްއޭގައި ބަހައްޓާފައިވާ ޑިޕޮސިޓް ދަށްވުމެވެ.
މީގެ އިތުރުން މިދިޔަ އަހަރު ނިމުނު އިރު ޓްރެޝަރީ ބިލަށް ވިޔަފާރި ބޭންކުތަކުން 9.6 ބިލިއަން ރުފިޔާ އިންވެސްޓް ކޮށްފައިވެ އެވެ. މިއީ 2017 ވަނަ އަހަރަށް ވުރެ 10 ޕަސެންޓުގެ އިތުރުވުމެކެވެ.