02 މެއި 2019 - 07:34

ހޮލީވުޑްގެ އޭ-ލިސްޓް ތަރިންގެ ތެރެއިން ކުރިއަށް ހުރި ޕްރޮޖެކްޓްތަކުން މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރަކީ ރަޔަން ރޭނޮލްޑްސް ކަމަށް ވެރެއިޓީން ބުނެފި އެވެ.
އެ ނޫހުން ވަނީ މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބޭ 17 ތަރިއެއްގެ އާމްދަނީ އާންމުކޮށްފަ އެވެ. އެގޮތުން މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބޭ ރަޔަން، 42، ގެ އާމްދަނީ އަކީ 27 މިލިއަން ޑޮލަރެވެ. އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކަކީ "ޕޯކެމޮން ޑިޓެކްޓިވް ޕިކާޗޫ" އާއި ނެޓްފްލިކްސްގެ "ސިކްސް އަންޑަގްރައުންޑް" އެވެ.
މި އަހަރު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޑްވޭން (ރޮކް) ޖޯންސަން އާއި ރޮބަޓް ޑައުނީ ޖޫނިއާއަށެވެ. އެއިން ކޮންމެ އެކްޓަރެއްގެ އާމްދަނީއަކީ 20 މިލިއަން ޑޮލަރެވެ.
ޑައުނީގެ ޕްރޮޖެކްޓްތަކަށް ބަލާ އިރު މިހާރު ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އަންނަ "އެވެންޖާޒް: އެންޑްގޭމް" އާއި "އޯލް ސްޓާ ވީކެންޑް" ގެ އިތުރުން "ދަ ވޮޔޭޖް އޮފް ޑޮކްޓަ ޑޫލިޓްލް" ހިމެނެ އެވެ.
ރޮކްގެ މި އަހަރުގެ މަސައްކަތްތަކަށް ބަލާއިރު އޭނާ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ ދާދި ފަހުން ރިލީޒް ކުރި "ޝަަޒަމް" ގެ އިތުރުން ސްކްރީނުން ފެންނާނެ ފިލްމުތަކުގެ ތެރޭގައި "ހޮބްސް އެންޑް ޝޯ" އަދި "ޖުމާންޖީ 3" ހިމެނެ އެވެ.
އެންމެ ބޮޑު އާމްދަނީއެއް މި އަހަރު ލިބޭ ތަރިންގެ ތިން ވަނައިގައި އޮތީ ވިލް ސުމިތެވެ. ސަތާރަ މިލިއަން ޑޮލަރާ އެކު އޭނާގެ ކުރިއަށް ހުރި ފިލްމުތަކަކީ "އަލާންދިން"، "ސްޕައިސް އިން ޑިސްގައިސް" އަދި "ޖެމިނީ މޭން" ހިމެނެ އެވެ.
ޖޭސަން ސްޓެތަމް (13 މިލިއަން ޑޮލަރު)، ޓޮމް ކްރޫޒް (12-14 މިލިއަން ޑޮލަރު)، އެމިލީ ބްލަންޓް (12-13 މިލިއަން ޑޮލަރު)، ބްރެޑް ޕިޓް (10 މިލިއަން ޑޮލަރު)، ގަލް ގެޑޯ (10 މިލިއަން ޑޮލަރު)، މާގޯ ރޮބީ (9-10 މިލިއަން ޑޮލަރު)، އިދުރިސް އެލްބާ (8 މިލިއަން ޑޮލަރު)، ބެން އެފްލެކް (8 މިލިއަން ޑޮލަރު)، ކްރިސްޓެން ސްޓްވާޓް (7 މިލިއަން ޑޮލަރު)، މާޓިން ލޯރެންސް (6 މިލިއަން ޑޮލަރު)، ޖޯގިން ފީނިކްސް (4.5 މިލިއަން ޑޮލަރު) އަދި ޖެސިކާ ޗެސްޓެއިން (2.5 މިލިއަން ޑޮލަރު) އެވެ.
ވެރައިޓީން ފާހަގަކޮށްފައިވާ ގޮތުގައި ތަރިންނަށް ބޮޑު އާމްދަނީއެއް ލިބުމުގައި މިހާރު ސްޓްރީމިން ކުންފުނި ނެޓްފްލިކްސްގެ ދައުރު ވަރަށް ބޮޑެވެ. އެގޮތުން ލިސްޓްކޮށްފައިވާ ތަރިންނަށް ބަލާ އިރު، މީގެ ތެރެއިން ބައެއް ތަރިންނަކީ ނެޓްފްލިކްސްގެ އުފެއްދުންތަކުގައި މަސައްކަތް ކުރާ ތަރިންނެވެ.
އަދި މި ތަރިންނަށް ބަލާ އިރު އެ މީހުންގެ ކުރިއަށް ހުރީ ވަރަށް ވެސް ބޮޑެތި އަދި އެހާމެ އުންމީދީ ފިލްމުތަކެއް ވެސް މެ އެވެ.
ތަރިންގެ އާމްދަނީ އާއި އެ މީހުންގެ މުއްސަނދިކަން ދެން އިތުރަށް ވަޒަންކޮށްލެވޭނީ ފޯބްސް އިން ނެރޭ ލިސްޓާ އެކީގަ އެވެ.