ޖަޕާނުގެ އާ އެމްޕަރާއަކަށް ނަރުހީޓޯ
ޖަޕާނުގެ އާ އެމްޕަރާއަކަށް ނަރުހީޓޯ

ޓޯކިޔޯ (މެއި 1) - ބައްޕާފުޅު އަކިހީޓޯ ޖަޕާނުގެ އެމްޕަރާގެ މަގާމު ދޫކޮށްލެއްވުމުން ދަރިކަލުން ނަރުހީޓޯ ތަހުތަށް މިއަދު އިސްވެވަޑައިގެންފި އެވެ.

ޖަޕާނުގެ އާ އެމްޕަރާއަކަށް ނަރުހީޓޯ
ޖަޕާނުގެ އާ އެމްޕަރާއަކަށް ނަރުހީޓޯ

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އިމްޕީރިއަލް ޕެލަސްގައި ދެއްވި ކުރު ތަގްރީރުގައި ނަރުހީޓޯ ވދާޅުވީ ރައްޔިތުން އުފާވެރިކަމުގައި އުޅޭނެ ކަމަށާއި ގައުމަށް ކުރިއެރުން ލިބި ދުނިޔޭގައި ސުލްހަ ގާއިމް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ބައްޕާފުޅު އުމުރުން 85 އަހަރުގެ އަކިހީޓޯގެ ޚިދުމަތުގެ ވާހަކަ ފެއްޓެވުމާ އެކު ނަރުހީޓޯ ކީރިތި ކުރެއްވި އެވެ.

އުމުރުފުޅުން 59 އަހަރުގެ ނަރުހީޓޯ އަކީ ޖަޕާނުގެ 126 ވަނަ އެމްޕަރާ އެވެ. ކިޔަވާ ވިދާޅުވީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީންނެވެ. ކްރައުން ޕްރިންސްގެ މަގާމު ލިބިވަޑައިގަތީ އުމުރުފުޅުން 28 އަހަރުގަ އެވެ. މިހާރުގެ އަނބިކަނބަލުންނާ ފުރަތަމަ ބައްދަލުވެވަޑައިގެންނެވީ 1986 ވަނަ އަހަރު އޮތް ސައި ޕާޓީއަކުންނެވެ. އަނބިކަނބަލުން މަސާކޯ ވަނީ އެމެރިކާގެ ހާވަޑް ޔުވާސިޓީންނާއި އޮކްސްފޯޑުން ތައުލީމް ހާސިލް ކުރައްވައިފަ އެވެ. އެ ދެ ބޭފުޅުން ކައިވެނި ބައްލަވައިގަތީ 1993 ވަނަ އަހަރު އެވެ.

ދެ ބޭފުޅުންގެ ހަމައެކަނި ދަރިކަލުން ޕްރިންސަސް އައިކޯ ލިބިވަޑައިގެންނެވީ 2001 ވަނަ އަހަރު އެވެ. އެކަމަކު ޖަޕާނުގެ މިހާރުގެ ގާނޫނު އޮންނަ ގޮތުން ތަހުތު އަންހެން ބޭފުޅަކަަށް ވާރުތައެއް ނުވާނެ އެވެ. އެހެންކަމުން ނަރުހީޓޯ އަށް ފަހު ތަހުތަށް އިސްވެވަޑައިގަންނަވާނީ ކޮއްކޯފުޅު ޕްރިންސް ފުމިހީޓޯ އެވެ.

ޖަޕާނުގެ ގާނޫނު ކުރިން އޮތް ގޮތުން އެއްވެސް އެމްޕެރާއަކަށް މަގާމުން އިސްތިއުފާއެއް ނުދެވޭނެ އެވެ. ނަމަވެސް 2017 ވަނަ އަހަރު ގާނޫނަށް ބަދަލު ގެނެސް އަކިހީޓޯ އިސްތިއުފާ ދެވޭ ގޮތަށް ގާނޫނު ހަދާ މަޖިލީހުން ފާސްކުރުން ވެގެން ދިޔައީ ވޭތުވެދިޔަ 200 އަހަރުގެ ތެރޭގައި އެ ގައުމުގެ އެމްޕެރާއަކު އިސްތިއުފާ ދިނުން ހުއްދަކުރި ފުރަތަމަ ފަހަރަށެވެ.

ޖަޕާނުގައި އެމްޕެރާއަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ ކަމަށްވިޔަސް ވެރިކަން ހިންގުމުގެ ހުރިހާ ބާރެއް އޮންނާނީ ބޮޑުވަޒީރަށެވެ. އެކަމަކު ބޮޑުވަޒީރާއި ކެބިނެޓާއި އުއްތަމަ ފަނޑިޔާރު އަދި ސުޕްރީމް ކޯޓަށް އައްޔަން ކުރާ ފަނޑިޔާރުންނަށް ފަތްކޮޅު އަރުއްވާނީ އެމްޕެރާ އެވެ.