01 މެއި 2019 - 10:48

އަންނަ ޖުލައި މަހު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ގައުމީ އަންހެން ވޮލީބޯޅަ ޓީމަށް މެޑަލެއް ގެނެވޭނެ ކަމުގެ އުއްމީދަށް ބަދަލެއް ނާންނަ ކަމަށް އެ ޓީމުގެ ކޯޗު އަދި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވޮލީބޯޅަ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) ބުނެފި އެވެ.

މިދިޔަ އަހަރު ގައުމީ ޓީމާ ހަވާލުވި ސަތޯ އަންނަނީ ރަނގަޅު ޕްލޭނަކާ އެކު ގައުމީ ޓީމުގެ މަސައްކަތްތައް ކުރަމުންނެވެ. ޓީމާ ހަވާލުވިއިރު ވެސް ސަތޯގެ އުއްމީދުތައް ހުރީ މަތީގަ އެވެ.
ގައުމީ އަންހެން ވޮލީ ޓީމު ވަނީ މިދިޔަ ހަފްތާ ބަންދުގައި ވ. ކެޔޮދޫގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. ސަތޯގެ ނަޒަރުގައި މި ފަދަ ޓްރެއިނިން ކޭމްޕްގެ ފައިދާ ޓީމުތަކުގެ އިތުރުން އެ ބާއްވާ ރަށްރަށަށް ކުރާނެ އެވެ. އަދި މި ފަދަ ކޭމްޕްތައް ވީހާ ވެސް ގިނަ ރަށްތަކުން އިންތިޒާމްކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ސަތޯ ދެކެ އެވެ.
"މިއީ ވަރަށް ރަނގަޅު ކޭމްޕެއް. ވަރަށް ރަނގަޅު ކުރިއެރުންތައް ލިބިގެންދިޔަ. ވަރަށް ފުރިހަމަ ދެ ދުވަސް ނިމުނީ. މި ރަށަކީ (ވ.ކެޔޮދޫ) އަކީ ވޮލީ އަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ރަށެއް. އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ވަރަށް ގިނަ ބައެއްގެ މަސައްކަތްތަކެއްވޭ. ރާއްޖޭގެ އެކި ރަށްރަށުން އެކި އުމުރުފުރާގެ ގައުމީ ޓީމުތަކަށް ވެސް ކޭމްޕް ދިއުމުގެ ފުރުސަތު ދޭންވީ. ލިބޭނެ ކަމަށް އުއްމީދުކުރަނީ،" ވޮލީބޯޅަ އެސޯސިއޭޝަނުން ހޮވި އެންމެ މޮޅު ކޯޗުގެ އެވޯޑް 2010 އާއި 2011 ވަނަ އަހަރު ހާސިލްކުރި ސަތޯ ބުންޏެވެ.
ސަތޯ ބުނީ ގައުމީ ޓީމާ އޭނާ ފުރަތަމަ ހަވާލުވިއިރު ވެސް ވިސްނުން ބެހެއްޓީ ރަން މެޑެއްޔަކަށް ކަމަށާއި ގިނަ ފާޑުކިއުންތަކެއް އަމާޒުވި ނަމަވެސް އެ އަމާޒަށް ދިއުމުގައި ފަސް ޖެހުމެއް ނެތް ކަމަށެވެ.
"ރާއްޖޭގެ ގައުމީ ޓީމާ އަޅުގަނޑު އެންމެ ފުރަތަމަ ވެސް ހަވާލުވީ ރަން މެޑެއްޔެއްގެ އަމާޒަށްދާން. ދެން ފުރަތަމަ ކޮޅުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް މަލާމާތްކުރުމާއި މި ކަހަލަ ކަންތައް ކޯޗުންގެ ފަރާތުން ވެސް އައި. އެކަމަކު މިހާރު އަޅުގަނޑުމެން ޓީމުގެ ކުޅުން އަޅުގަނޑުމެން ޓީމުގެ ފަރިތަކުރުން ފެންނަ މީހެއް މެޑެއްޔަކާ ދޭތެރޭ ޝައްކެއް ނުކުރާނެ،" ސްކޫލް ވޮލީބޯޅައިގެ ޗެމްޕިއަންކަން 1990 ވަނަ އަހަރު އެމްއީއެސް އަށް ހޯދައިދީގެން މަޝްހޫރުކަން ހޯދި ސަތޯ ބުންޏެވެ.
"އަޅުގަނޑުގެ އުއްމީދަކީ މެޑެއްޔަކާ އެކު ރާއްޖެ އެނބުރި އައުން. އެ ގޮތަށް މަސައްކަތްކުރަނީ."
މިހާރު އޮތް އަންހެން ވޮލީބޯޅަ ޓީމު އޮތީ ވަރަށް ފުރިހަމަކޮށް ކަމަށާއި ކާމިޔާބެއް ހޯދަން މަސައްކަތްކުރާއިރު ފުރިހަމަވާންޖެހޭ ކަންތައްތައް އެ ޓީމުގައި އެބަހުރި ކަމަށް ސަތޯ ބުންޏެވެ.
"16 އަހަރުން ދަށުގެ ތިން ހަތަރު ކުޅުންތެރިން އެބަތިބި 23 އަހަރުން ދަށުގެ ނުވަ ކުޅުންތެރިން އެބަތިބި. ސީނިއާ ކުޅުންތެރިން ވެސް އެބަތިބި. ވަރަށް ރަނގަޅު މިކްސް ޓީމެއް މިހާރު އޮތީ. އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު ނަތީޖާ އަކަށް ޓާގެޓްކޮށްގެން ކުރިއަށް މިގެންދަނީ،" ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް ކުރި ސަތޯ ބުންޏެވެ.
ގައުމީ ޓީމެއްގެ ބެންޗުގައި މަސައްކަތް ކުރުމަކީ ސަތޯ އަށް އޭނާގެ 28 އަހަރުވީ ކެރިއަރުގައި ލިބިގެންދިޔަ އެންމެ ބޮޑު އުފަލުގެ ގޮތުގައި ސަތޯ ސިފަކުރެ އެވެ. ސަތޯ ވަނީ ކުޅިވަރުގެ ދާއިރާ އިން ކުޅިވަރު ހިންގުމާއި ފަންނީ ގޮތުން ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް މިދިޔަ އަހަރު ހާސިލުކޮށްފަ އެވެ.
އަންނަ ޖުލައި 19-30 އަށް މޮރިޝަސްގައި އޮންނަ އައިއޯއައިޖީގެ އަންހެނުންގެ ވޮލީބޯޅައިގައި ރާއްޖެ ހިމެނެނީ ސީޝެލްސް އާއި ރިޔޫނިއަންއާ އެކު ގްރޫޕް ބީ ގަ އެވެ. އޭ ގައި އޮތީ މޮރިޝަސް، މެޔޯޓް އަދި މަޑަގަސްކަރަ އެވެ.