02 ސެޕްޓެމްބަރ 2016 - 01:41

ރާއްޖެ އަތުން މިރޭ އެކުވެރިކަމުގެ މެޗުގައި 5-0 އިން ބަލިވުމަކީ ލަދުވެތިވާން ޖެހޭ ނަތީޖާއެއް ކަމަށާއި އެ ކަމަށް ބަންގްލަދޭޝް ސަޕޯޓަރުންގެ ކިބައިން މައާފަށް އެދޭ ކަމަށް އެ ޓީމުގެ ކޯޗު ޕީޓަ ސެއިންފީޓް ބުނެފި އެވެ.
މިރޭ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބަައްދަލުވުމުގައި ވާހަކަ ދައްކަމުން ސެއިންފީޓް ބުނީ އެ ޓީމުގެ ފަރާތުން ފެނުނީ މާޔޫސްވާންޖެހޭ ވަރުގެ ދަށް ކުޅުމެއް ކަމަަށެވެ.
"މެޗާ ބެހޭގޮތުން އަހަރެން ބުނާނެ އެއްޗެއް ނެތް. އެހާ ބޮޑަށް މާޔޫސްވެފައި މިހިރީ. އަހަރެން ކޯޗުކޮށްދޭތާ 20 އަހަރުވެއްޖެ. މިއީ 5-0 އިން ބަލިވި ފުރަތަމަ ފަހަރު. މިއީ ލަދުވެތި ނަތީޖާއެއް. އަހަރެން ދަނޑަށް ވަދެ ތިބި ސަޕޯޓަރުންނާއި ބަންގްލަދޭޝްގައި ތިބި ސަޕޯޓަރުން ކައިރިން މައާފަށް އެދެން،" ކުރިން ޔަމަނާއި ގަތަރަށް ކޯޗުކޮށްދިން ސެއިންފީޓް ބުންޏެވެ.
އޭނާ ބުނީ ފުރަތަމަ ހާފްގައި އެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ކަމަށެވެ.
"ފުރަތަމަ ހާފްގައި އަހަރެމެން ރަނގަޅަށް ކުޅުނު. ރަނގަޅު ފުރުސަތުތަކެއް ވެސް ލިބުނު. ގޯލާ ސީދާކޮށް ތިން ޝޮޓު ވެސް ހެދި. އޭގެން ފުރުސަތެއް ބޭނުންކުރެވުނު ނަމަ މެޗު ބަދަލުވީސް. އެކަމަކު އެއީ މިހާރު ދެއްކޭނެ ވާހަކައެއް ނޫން،" ސެއިންފީޓް ބުންޏެވެ.
އޭނާ ބުނީ މެޗަކުން މޮޅުވުމަށް ހަމައެކަނި އެއް ހާފް ކުޅެގެން ހާސިލްކުރެވޭނެ އެއްޗެއް ނޯންނާނެ ކަމަށާއި ބަންގްލަދޭޝް ކުޅުންތެރިންނަށް މި މެޗުން ފިލާވަޅެއް ލިބުނުކަމަށެވެ.
"ދެ ވަނަ ހާފަށް އަހަރެން ދޭނީ 10 އަކުން ދޭއްް ނޫނީ ތިނެއް. ފުރަތަމަ ހާފްގައި އަހަރެމެން ދެއްކި ކުޅުން ދައްކައިގެން ކޮންމެ ޓީމެއް ކައިރީގައި ވެސް ނަތީޖާ ނެރެވޭނެ. އެކަމަކު ދެ ވަނަ ހާފްގައި އަހަރެމެން ކުޅުނު ގޮތަށް އެއްވެސް ކަމެއް ހާސިލެއް ނުވާނެ. ކޮންމެ ޓީމެއް އަތުން ވެސް ބަލިވާނެ. ފުރަތަމަ ހާފްގައި އަހަރެމެން ފެނުނީ ސިންގާތަކެއް ހެން. އެ ކަމަކު ދެ ވަނަ ހާފްގައި އެ ސިންގާތަކެއް ނުފެނުނު. ކުޅުނީ ކުޑަކުދިން ކުޅޭގޮތަށް،" ސެއިންފީޓް ބުންޏެވެ.
ރާއްޖޭގެ ކުޅުންތެރިން ދެ ވަނަ ހާފްގައި އާދަޔާ ހިލާފަށް މޮޅަށް ކުޅުނު ކަމަށާއި ތައުރީފް ހައްގުކަމަށް ސެއިންފީޓް ބުންޏެވެ.
މިރޭގެ މެޗުގައި ބަންގްލަދޭޝް އިން ވަނީ މުޅިން އަލަށް ހަތަރު ކުޅުންތެރިއަކަށް ޓީމުން ފުރުސަތު ދީފަ އެވެ. އަދި އަނިޔާގެ ސަަބަބުން ކެޕްޓަން މަމްނުލް އިސްލާމް މި މެޗުގައި ނުކުޅެ އެވެ.
"އަހަރެމެން ގިނަ ކުޅުންތެރިންނަށް މި މެޗުން ފުރުސަތު ދިނިން. ކެޕްޓަން މަމްނުލް ނެތުމުގެ މައްސަލަ ދިމާވިހެނެއް ހީނުވޭ. އޭނާ މި މެޗުގައި ނުކުޅުނީ ސިފައިންގެ މުބާރާތެއްގައި ކުޅެނިކޮށް ލިބުނު އަނިޔާއެއްގެ ސަބަބުން. އަހެރެމެންނަށް މި މެޗުގައި ހެދުނު ގޯސްތައް ތަކުރާރުވެއްޖެނަމަ ބޫޓާން އަތުން ކޮލިފައިން މެޗުގައި ބަލިވާނެ. މައްސަލަަތައް ރަނގަޅު ކުރަން ފަސް ދުވަސް އެބައޮތް ލިބިފައި. ދެން ވިސްނަންވީ ކުރިއަށް،" ސެއިންފީޓް ބުންޏެވެ.
މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވީ 3-1 އިންނެވެ. އެ އަށް ފަހު މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ލޯ މެޑަލް މެޗުން ރާއްޖޭގެ ޒުވާން ގައުމީ ޓީމު ވަނީ ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ.