01 މެއި 2019 - 10:52

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ކްލަބް ވެމްކޯ ފުރުސަތު ހޯދައިފި އެވެ.

ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި ހުންނަ ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ ފައިނަލުން ބީއެމްއެލް ފުރުސަތު ހޯދީ ފުރަތަމަ ފަހަރަށް ސެމީ ފައިނަލުގައި ކުޅުނު އުރީދޫ އަތުން 3-0 އިން މޮޅުވެގެންނެވެ. ފައިނަލުގެ ފަހު ޖާގަ ވެމްކޯ އިން ހޯދީ ފޯރިގަދަ ކުޅުމަކަށް ފަހު ކްލަބް އިމިގްރޭޝަންގެ މައްޗަށް 5-4 އިން ކުރިހޯދައިގެންނެވެ.
ފުރަތަމަ ސެމީ ފައިނަލުގައި އުރީދޫ އަށް ކުޅުނު ގައުމީ ޓީމުގެ ކުޅުންތެރިއާ އަލީ ފާސިރު (ސެންޓޭ) ވަނީ ލީޑުނަގައިދިނުމާ ގާތަށް ޖެހިލައިފަ އެވެ. ސެންޓޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މި މެޗުގައި ބީއެމްއެލްގެ ތިން ގޯލު ވެސް ޖެހީ ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ) އެވެ. މުޅި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ހާއްޕެ އަކީ މި ފަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިއާ އަށް ވާދަކުރާ ކުޅުންތެރިޔެކެވެ.
ކްލަބް ވެމްކޯ އިން ފުރަތަމަ ފަހަރަށް ފައިނަލުގެ ޖާގަ ހޯދައިދިނުމުގައި އެ ޓީމަށް ކުޅޭ އަބްދުﷲ ޝައްފާން (ޝާކާ)ގެ ދައުރު ބޮޑެވެ. އޭނާ ވަނީ ރޭގެ މެޗުގައި ހެޓްރިކެއް ހަދައިފަ އެވެ. މެޗުގައި ވެމްކޯ އަށް ފުރަތަމަ ފަހަރަށް ލީޑުނަގައިދިނީ ޝާކާ އެވެ. އެކަމަކު އިމިގްރޭޝަނަށް ކުޅޭ ގައުމީ ޓީމުގެ ފޯވާޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވަނީ ނަތީޖާ ހަމަަހަމަކޮށްދީފަ އެވެ. ޝާކާ ވެމްކޯ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނުމުން ވެސް އިމިގްރޭޝަނަށް ނަތީޖާ އެއްވަރުކޮށްދިނީ ފޭދޫ އިއްބެ އެވެ.
ދެ ވަނަ ހާފްގައި ޝާކާގެ ހެޓްރިކުން ވެމްކޯ ތިން ވަނަ ފަހަަރަށް ކުރިހޯދާފައިވަނިކޮށް އެ ޓީމަށް ލީޑުފުޅާކޮށްދިނީ އިބްރާހިމް މުބީން (މުއްކި) އެވެ. މެޗުގެ ފަހު ވަގުތު ކުރި ހިތްވަރާ އެކު އަލީ ހައިޝަމް (ޗުމްޕު) އާއި އަހުމަދު ވިސާމް (ޖެރާޑް) ޖެހި ގޯލުތަކާ އެކު އިމިގްރޭޝަނުން ނަތީޖާ ހަމަހަަމަކުރި އެވެ. އެކަމަކު މެޗު ނިމެން މަދު ސިކުންތު ކޮޅަކަށް ވެފައި ހުއްޓައި ވެމްކޯ ފައިނަލަށް ގެންގޮސްދިން ގޯލު ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިބްރާހިމް އަސްވަދު (ގަބޭ) އެވެ.
މި ފަހަރުގެ ކްލަބް މޯލްޑިވްސް މުބާރާތަށް ލިބިގެންދިޔަ އެންމެ ބޮޑު ފަސޭހަ އަކީ މި އަހަރުގެ ފުޓްބޯޅަ ސީޒަން ލަސްވުމެވެ. ފުޓްބޯޅަ ސީޒަން ތެރޭގައި މި މުބާރާތް ކުރިއަށްދާތީ ޓީމުތަކަށް ކުޅުންތެރިން ވީއްލުމުގައި މީގެ ކުރިން ވަނީ ދަތިތަކެއް ދިމާވެފަ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ 2016 ވަނަ އަހަރުގެ ޗެމްޕިއަން ބީއެމްއެލް އާއި ވެމްކޯ ކުޅޭ ފައިނަލް އޮންނާނީ ހުކުރު ދުވަހުގެރޭގަ އެވެ. މުބާރާތުގެ އަންހެން ބައިގެ ފައިނަލުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މާދަމާރޭ ކުޅޭނީ ޕޮލިސް ކްލަބާ އެވެ.