01 މެއި 2019 - 08:58

ކޮލަމްބޯ (މެއި 1) - އީސްޓާ ސަންޑޭގައި ލަންކާގައި ބޮމުގެ ހަމަލާ ދިން މީހުންނާ ގުޅުން ހުރި ބަޔަކު އިތުރ ހަމަލާތަކެއް ދޭން އުޅޭކަމުގެ އިންޓަލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާން ރަޖީތާ ސެނެރަތުނަ ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓަރުކަން ވެސް ކުރައްވާ ސެނަރަތުނަ ވިދާޅުވީ ދެން ދޭން އުޅޭ ހަމަލާތަކުގެ އަމާޒަކަށް މިނިސްޓަރުން ހަދާފައިވާކަމުގެ އިންޒާރު ލިބިފައިވާ ކަމަށެވެ. ހަމަލާ އަށް ތުހުމަތު ކުރެވޭ އެތައް ބަޔަކު ފިލައިގެން އުޅޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ލަންކާގައި އިތުރު ހަމަލާއެއް ދީފާނެކަމުގެ އިންޒާރު އެމެރިކާ ސަފީރު ވެސް އިއްޔެ ވަނީ ދެއްވައިފަ އެވެ.
"ޓެރަރިސްޓުންގެ ބިރު ލަންކާ އަށް އަދިވެސް އެބައޮތް. އީސްޓާ ސަންޑޭގައި ބޮން ގޮއްވި މީހުންނާ ގުޅުން އޮންނަ އެކްޓިވް ގްރޫޕްތައް ފިލައިގެން އަދިވެސް އެބައުޅޭ،" ސަފީރު އަލައިނާ ޓެޕްލިޒް ވިދާޅުވި އެވެ.
ލަންކާގެ ސަލާމަތީ ފަރާތްތަކުން ނެރުނު މެމޯއެއްގައި ބުނެފައި ވަނީ ޓެރަރިސްޓުން ސިފައިންގެ ޔުނިފޯމް އަޅައިގެން ވެސް ހަމަލާ ދީފާނެ ކަމަށާ އަދި ވެހިކަލެއް ބޭނުންކޮށްގެން ވެސް ހަމަލާދީފާނެ ކަމަށެވެ.
ލަންކާ ފުލުހުންގެ ޔުނިޓެއް ކަމަށްވާ މިނިސްޓީރިއަލް ސެކިއުރިޓީ ޑިވިޝަނުން މިހާރު ދަނީ މިނިސްޓަރުންނަށް ވެސް ސެކިއުރިޓީ އެލާޓް ފޮނުވަމުންނެވެ.
ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި 253 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ބިދޭސީ 42 މީހުން ހިމެނެ އެވެ.