30 އެޕްރީލް 2019 - 22:54

ފޮރުވައިގެން އުޅުނު ދެ ކުއްޖަކު ހޯދައި، އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ އާއިލާއަށް ފިލައިގެން އުޅޭ ދެ ކުއްޖަކު ރަށެއްގައި ފޮރުވައިގެން ގެންގުޅޭ ކަމުގެ މައުލޫމާތު ލިބުމުން ކޯޓު އަމުރަކާ އެކު ރޭ މެންދަމު އެރަށުގައި އެ ކުދިން ބައިތިއްބާފައި ގެއަށް ފުލުހުން ވަދެ އެ ކުދިން ހޯދާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އުމުރުން 29 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަމަކު އެއީ ކޮން ރަށެއް ކަން އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ގެއިން މަސްތުވާތަކެތި ބަންދުކުރަން ގެންގުޅޭ ސާމާނާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޕެކެޓަކާއި ކަރުދާސް ކޮޅެއް ފެނިފައިވާ ކަމަށެވެ.
އެ މައްސަލާގައި ހޯދި ދެ ކުދިން ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރާ ހަވާލުކޮށް، އެ ކުދިންގެ އާއިލާއާ ހަވާލު ކުރެވެންދެން ރައްކާތެރި މާހައުލެއްގައި އެ ކުދިން ބައިތިއްބާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.